ކޯވިޑް ކޭސްތަކެއް ފެނުމާއި ގުޅިގެން މިވަގުތު މޮނިޓަރިން ހާލަތުގައި އޮތް ށ. އަތޮޅުގެ ކަނޑިތީމަށާއި، ގޮއިދޫއަށް އެ އަތޮޅުގެ ފޭދޫގެ އަމިއްލަ ހެޔޮއެދޭ ފަރާތަކުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެގޮތުން މިއަދު ވަނީ ށ. ފޭދޫ އުފާ، އަޙްމަދު ފާއިޒް ގެ ފަރާތުން އެ 2 ރަށުގެ ރައްޔިތުންނަށް ރޯ މަސް ހަދިޔާ ކޮށްފައެވެ.
މިއެހީތެރިކަން ފޯރުކޮށްދިން ފާއިޒު "ތިލަދުން"އަށް ބުނީ މިވަގުތު ކޯވިޑް-19 ގެ ކޭސްތައް ފެނުމައި ގުޅިގެން މޮނިޓަރިންގެ ހާލަތަށް ލެވިފައިވާ ށ. އަތޮޅުގެ 2 ރަށް ކަމަށްވާ ކަނޑިތީމާއި ގޮއިދޫގެ ރަަައްޔިތުންނަށް އޭނާ ރޯމަސް ހަދިޔާކޮށްފައިވާ ކަމަށެވެ. އެގޮތުން ކޮންމެ ރަށަކަށް 1000 ލައްޓި/ރާގޮނޑި ހަދިޔާކޮށްފައި ވާނޭކަމަށް އޭނާ ބުންޏެވެ.
"މި މަހަކީ އަޅުގަނޑުގެ އަމިއްލަ ދޯނިކަމަށްވައި އުފާ-4 ދޯނިން މިއަދު ބޭނި 2000 މަސް. މިހާލަތުގައި އަޅުގަނޑު ނިންމީ ކޯވިޑްގެ ކޭސްތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި އަވައްޓެރި 2 ރަށަށް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް." ފާއިޒު ބުންޏެވެ.
ކޯވިޑްގެ މި ދަތި ހާލަތުގައި ފޭދޫއިން ފެނިގެންދަނީ އެއްބައިވަންތަކަމުގެ ރީތި ނަމޫނާ މިސާލެކެވެ. އެގޮތުން ނިމިދިޔަ މޭ މަހުގެ 29 ވަނަ ދުވަހު ފޭދޫ ރައްޔިތުންގެ ފަަރާތުން ވަނީ ކަނޑިތީމާއި ގޮއިދޫ އަށް ކާބޯތަކެތީގެ ބާވަތްތަކެއް ހަދިޔާކޮށްފައެވެ. އަދި އެރަށު ރައްޔިތުންގެ ފަރާތުން އެދުވަހު ވަނީ ރޯމަސް ހަދިޔާކުރުމަށްވެސް މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެ ދެރަށަށް ހަދިޔާ ކުރަން އެކަށީގެންވާ ވަރަށް މަސް ލިބިފައެއް ނުވެއެވެ. ނަމަވެސް އެ ދުވަހުވެސް މަހުގެ މިންވަރެއް ހަދިޔާ ކުރިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!