ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުން ކޯވިޑަށް ޓެސްޓު ކުރެވޭގޮތް ހަމަޖައްސައިދީ، ހއ. އަތޮޅުގައި ކޯވިޑް ފެސިލިޓީއެއް ގާއިމުކޮށްދިނުމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު (ވައްޑޭ) އެދިވަޑައިގެންފިއެވެ.
ވައްޑޭ މިހެން ވިދާޅުވީ، ރާއްޖެއާއި މާވަށު ދާއިރާގެ ކޯވިޑްގެ ހާލަތާއި ގުޅިގެން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މިއަދު މަޖިލިސްއަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރަށްވަމުންނެވެ.
މެންބަރު ވައްޑޭ ތަމްސީލް ކުރަށްވާ ދިއްދޫ ދާއިރާގެ ކޯވިޑްގެ ހާލަތާއި، އެ އަތޮޅުގެ ކޯވިޑްގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރަށްވާ ވާހަކަ ދައްކަވަމުން ވައްޑޭ ވަނީ ދިއްދޫން ކޯވިޑަށް ޓެސްޓް ކުރެވޭނެ ގޮތް ހަމަޖެހިގެން ދިޔުމުގެ މުހިންމުކަމަށާއި، ހއ. އަތޮޅުގައި ކޯވިޑް ފެސިލިޓީއެއް ހުރުމުގެ މުހިންމުކަމާމެދު ވާހަކަ ދައްކަވާފައެވެ.
މިގޮތުން ހއ. އަތޮޅުގެ، އަތޮޅު ހޮސްޕިޓަލް ހުންނަނީ ދިއްދޫގައިކަން ފާހަގަ ކުރައްވައި، އެ ހޮސްޕިޓަލަކީ އެ އަތޮޅުފެ ހަތާވީސް ހާހުގެ އާބާދީއަކަށް ޚިދުމަތް ދޭ ހޮސްޕިޓަލެއްކަމަށް ވައްޑޭ ވިދާޅުވިއެވެ.
"ހއ. އަތޮޅު ހޮސްޕިޓަލުން ހަތާވީސް ހާހުގެ އާބާދީއަކަށް ޚިދުމަތް ދެމުންދާއިރުގައި އަތޮޅު ހޮސްޕިޓަލްގައި ޓެސްޓުކުރެވޭނެ ނިޒާމު އެބަ ގާއިމުވާންޖެހޭ. މިއަދާ ހަމައަށް އައިއިރުގައި ޓެސްޓުކުރުމަށް ޓަކައި ސާމްޕަލްތައް ނެގިގެން ފޮނުވޭފޮނުވުމާއި، ކުރާ ޚަރަދު، އަޅުގަނޑުމެން އަދި ދަތުރުގައި ހޭދަވާ ވަގުތާއި، އުޅެންޖެހޭ ބުރަކަމަށް ޓަކައި އަދި މިއަދުގެ މޫސުމުގެ ހާލަތަށް ބަލާއިރުގައި ކުރަންޖެހޭ މަސައްކަތްތައް އިންތިހާއަށް ގިނަ. އެކަންކަން ބަދަލުވެގެންދާނީ ވެސް މިދެންނެވި ގޮތަށް އަތޮޅުގައި ޓެސްޓުކުރެވޭނެ ރަނގަޅު ނިޒާމެއް ގާއިމުކުރެވިގެން." ވައްޑޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ހއ. އަތޮޅަކީ އެންމެ ދުރު އަދި އެންމެ އުތުރުގައި އޮންނަ އަތޮޅު ކަމަށާއި، އެ އަތޮޅުގައި ކޯވިޑު ފެސިލިޓީސް މި ވަގުތު ނެތް ކަމަށް ވިދާޅުވެފައެވެ.
"އޭގެ ސަބަބުން ށ. އަތޮޅަށް މީހުން ދަތުރު ކުރަންޖެހެނީ. އެހެންވީމާ، އެކަމަށް ވެސް ހުއްޓުމެއް އަންނާނީ އަޅުގަނޑުމެންނަށް ކޯވިޑު ފެސިލިޓީއެއް ވެސް ގާއިމުކުރެވިގެން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ލާމަރުކަޒީ ނިޒާމުން ކަންކަން ބަދަލުކުރެވިގެން ދިޔައިރުގައި އެ މަގަށް އަޅުގަނޑުމެންނަށް މިކަން މެނޭޖުކުރުމަށް ޓަކައި ވެސް މަސައްކަތްކުރަން އެބަޖެހޭ. މި ހާލަތު މެދުވެރިވާއިރުގައި ރަށްރަށް މޮނިޓަރިންއަށް އެބަ ލެވޭ. މޮނިޓަރިންއަށް ލުމަށްފަހުގައި އެކަމާ ގުޅޭ ހުއްދަތައް ހޯދަން ވެސް މި ޖެހެނީ މާލޭގެ އެޗް.ޕީ.އޭއަށް އަޅުގަނޑުމެން އީމެއްއިލްކުރަން. ރާއްޖޭގައި ފަސްދޮޅަހަށް ވުރެ ގިނަ ރަށްރަށް މިހާރު މޮނިޓަރިންގެ ހާލަތުގައި އޮންނައިރުގައި އެ ހުރިހާ ރަށަކުން ވެސް ހުއްދަ ހޯދުމަށް ޓަކައި މި ލިޔަންޖެހެނީ މާލެއަށް." ވައްޑޭ ވިދާޅުވިއެވެ.
ވައްޑޭ ވަނީ އަތޮޅުތެރޭގައި ކައުންސިލުތަކަށް އެ ފުރުޞަތުތައް ދީގެން މި ހާލަތު ބަދަލުކުރުމަށް ޓަކައި،
މަސައްކަތްކުރުމަށް މިއަދު އަލަށް ހޮވިފައި އޮތް ކައުންސިލުތަކަށް އެ ފުރުޞަތު ދީ، ރަށްރަށުގެ ކަންކަން އެ ރަށަކުން ނިންމޭނެ ގޮތަށް އެކަންކަން ބަދަލުކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ.
"ހެލްތު މިނިސްޓަރަށް އަޅުގަނޑު ދަންނަވާލަން އޮތީ، އަވަސް ފުރުޞަތެއްގައި ހއ. އަތޮޅު ހޮސްޕިޓަލްގައި ޓެސްޓުކުރެވޭނެ ނިޒާމު ގާއިމުކުރުމާއި އަދި ހއ. އަތޮޅުގެ ކޮވިޑު ފެސިލިޓީ ވީ އެންމެ އަވަހަކަށް ގާއިމުކޮށްދިނުމަށް މަސައްކަތްކޮށްދިނުމަށް." ވައްޑޭ ވިދާޅުވިއެވެ.
ހއ. އަތޮޅު ހޮސްޕިޓަލުން ކޯވިޑަށް ޓެސްޓު ކުރެވޭގޮތް ހަމަޖައްސައިދީ، ހއ. އަތޮޅުގައި ކޯވިޑް ފެސިލިޓީއެއް ގާއިމުކޮށްދިނުމަށް ވައްޑޭ އެދިވަޑައިގަތްއިރު، ކޯވިޑްގެ ހާލަތުގެ ސަބަބުން މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ދިއްދޫ އަދިވެސް އޮތީ މޮނިޓަރިން ހާލަތުގައެވެ. ދިއްދޫގައި މިވަގުތުވެސް ބަލިޖެހިފައި ތިބި 41 މީހަކު އެބަތިއްބެވެ. އަދި 91 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
އެ އަތޮޅު މުރައިދޫ ވެސް މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން މޮނިޓަރިންގައި އޮތްއިރު، އެރަށުގައި ބަލިޖެހިފައިވާ 26 މީހަކު އެބަތިއްބެވެ.
އެއަތޮޅުގެ ބައެއް އެހެން ރަށްތަކުގައި ވެސް މިވަގު ބަލިޖެހިފައިވާ މީހުން އެބަތިއްބެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!