ހއ. ބާރަށު ރައްޔިތުން، އެއަތޮޅު މުރައިދޫ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ކޯވިޑް-19އާއި ގުޅިގެން މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން މުރައިދޫ އޮތީ އަރާ ފޭބުން މަނާކޮށް، އަދިވެސް މޮނިޓަރިން ހާލަތުގައެވެ.

Ad
rt

މިހާލަތުގައި ބާރަށު ރައްޔިތުން، މުރައިދޫ ރައްޔިތުންނަށް މި ފޯރުކޮށްދިން އެހީތެރިކަމާއި ގުޅިގެން ބާރަށު ކައުންސިލުން ވިދާޅުވެފައި ވަނީ، މި އެހީތެރިކަމަކީ، މުރައިދޫ ރައްޔިތުންގެ ތެރެއިން ބަޔަކު ކޯވިޑް19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށް މޮނީޓަރިންގެ ހާލަތުގައި އޮތުމުން އެރަށުގެ ރައްޔިތުންނަށް މިވަގުތު ދިމާވެފައިވާ ދަތި ހާލަތުގައި، ބާރަށު ރައްޔިތުންގެ ފަރާތުން ވެދެއްވި އެހީތެރި ކަމެއް ކަމަށެވެ.

މުރައިދޫ ކައުންސިލުން ވެސް ވަނީ މިހާލަތުގައި ބާރަށުގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކޮށް ބާރަށު ރައްޔިތުންނަށާއި ބާރަށު ކައުންސިލަށް ޝުކުރު އަދާކޮށްފައެވެ.

ބާރަށު ރައްޔިތުންގެ ފަރާތުން މުރައިދޫ ރައްޔިތުންނަށް ވަނީ 15 ބަސްތާ ހަނޑުލާއި، 15 ބަސްތާ ހަކުރު ހަދިޔާކޮށްފައެވެ.

މިއަހަރު މާރިޗް މަސް ތެރޭ ބާރަށުގައި ވެސް ކޯވިޑް ފެތުރި، މާރިޗް 1 ވަނަ ދުވަހުން ފެށިގެން އެރަށް 17 ދުވަސް ވަންދެން ފުރަބަންދު ހާލަތުގައި އޮންނަން ޖެހުނެވެ. އެފަހަރު މުރައިދޫ ރައްޔިތުންގެ ފަރާތުން ބާރަށް ވަނީ 1113 ކިލޯ ރޯ މަހުގެ އިތުރުން ކާޑާއި އަދި ނޫޑުލުސް ހަދިޔާ ކޮށްފައެވެ. އެދުވަހު މުރައިދޫ ރައްޔިތުން ބާރަށް ސިފަކުރީ އެއީ މުރައިދޫގެ އެންމެ ގާތް އެކުވެރިޔާ ގޮތުގައެވެ.

މުރައިދޫން މިހާތަނަށް 13 މީހަކު ޕޮޒިޓިވްވެފައިވާއިރު އެރަށުގެ 16 ގެއެއް ވަނީ ކަރަންޓީނުކޮށްފައެވެ.