މާލެ ފިޔަވައި، ރާއްޖޭގެ އެއް ރަށަކުން އެންމެ ގިނަ ބަޔަކު ތަފާތު ގިނަ ޚިދުމަތްތަކެއް ހޯދާ ރަށަކީ ހދ. ކުޅުދުއްފުށީ ސިޓީއެވެ. މުޅި ރާއްޖެއަށް ފެތުރިފައިވާ ކޯވިޑްގެ ނާންމާ ކަމުގެ ތެރެއިން ކުޅުދުއްފުށީ ސިޓީ މޮނިޓަރިންނަށްލެވޭ ކޮންމެ ފަހަރަކު ސިފަކުރެވެނީ އުތުރުގެ "ހިތް" ހުއްޓުނީ ކަމުގައެވެ.

އުތުރުގެ "ހިތް" ހުއްޓުނީ ކަމަށް ދަންނަވަންޖެހެނީ ތިލަދުންމަތީގެ ތިން އަތޮޅާއި، ކޯވިޑްގެ ހާލަތުގެ ސަބަބުން އެހެން ބައެއް އަތޮޅުތަކުން ވެސް ޚިދުމަތްތައް ހޯދުމަށް ދަތުރުކުރާ ހދ. ކުޅުދުއްފުށީ ސިޓީ ބަންދު ވުމަކީ އެތައް ރައްޔިތުންނަށް އެތައް ދައްޗެއް ގެނުވާނެ ކަމެކެވެ.

Ad
rt

ކުޅުދުއްފުށީ ސިޓީއިން އެންމެ ގިނަ ރައްޔިތުން ހޯދާ ޚިދުމަތަކީ ސިއްހީ ޚިދުމަތެވެ. އުތުރުގެ މައި ހޮސްޕިޓަލް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހުންނަނީ އެ ސިޓީގައެވެ. އެ ހޮސްޕިޓަލަކީ މާލެ ސިޓީގެ ބޮޑު ދެ ހޮސްޕިޓަލް ފިޔަވައި، ރާއްޖެއިން މީހުން އެންމެ ގިނައިން ޚިދުމަތް ލިބިގަންނަ ހޮސްޕިޓަލެވެ. އަދި އެ ހޮސްޕިޓަލަކީ ފަހުގެ ތާރީޚެއްގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައި، ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ހޮސްޕިޓަލެކެވެ.

ކުޅުދުއްފުށީ ސިޓީއަށް އަރާ ފޭބުން މަނާ ހާލަތެއް

ކުޅުދުއްފުށީ ސިޓީގެ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ، އެ ސިޓީ މޮނީޓަރިންގެ ހާލަތަށް ގެނައީ މިމަހުގެ 11 ވަނަ ދުވަހުއެވެ. އެ ސިޓީ އަނެއްކާ މޮނީޓަރިންގެ ހާލަތަށް ގެނައީ، އެ ހާލަތުން މިންޖުވިތާ އެންމެ 2 ދުވަސް ފަހުންނެވެ. އެ ސިޓީގެ ފްލޫ ކްލިނިކަށް ދެއްކި 3 މީހަކު ޕޮޒިޓިވްވުމުން މެއި 2 ވަނަ ދުވަހުން ފެށިގެން އެ ސިޓީ 8 ވަނަ ދުވަހަށް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ. މީގެ ކުރީންވެސް އެކިފަހަރުމަތީން އެ ސިޓީ އެ ހާލަތު ތަޖުރިބާ ކޮށްފިއެވެ.

ކޯވިޑް ފެށުނީންސުރެ އެންމެ ނުރައްކާ ބޮޑީ މާލެ ސަރަހައްދަށެވެ. އެ ސަަބައިބާހުރެ ޅ. އަތޮޅާއި، އއ. އަތޮޅާއި އަދި މިނޫން ވެސް ދުރު އަތޮޅުތަކުންވެސް ފަރުވާއަށް ދަތުރު ކުރަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އަށެވެ.

މިހާލަތުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އިން ވަނީ ރައްޔިތުންނަށް އެންމެ ރަނގަޅަށް ޚިދުމަތް ދެވޭނެ މަގަށް ކަންކަން ފަހިކޮށްދީފަ އެވެ.

ޑޮކްޓަރަށް ދެއްކުމުގައި ހާއްސަ އިންތިޒާމްތަކެއް

އާންމު ރައްޔިތަކު ޝުކުރުގެ ބަސްތައް ހިމަނައި، ކޭއާރުއެޗްގެ އެހީތެރިކަން ފާހަގަކޮށް މީސް މީޑިއާއަށް ދޫކޮށްލި މެސެޖެއް ރޭ ދުށީމެވެ. އެ މެސެޖުކިޔާލުމުން ކޭއާރުއެޗްގެ މި ޚިދުމަތްތަކުގެ މައުލޫމާތު ހޯދައި، ކިޔުންތެރިންނަށް ފޯރުކޮށްދޭން ބޭނުންވިއެވެ.

އާންމު ރައްޔިތެއްގެ ފޭސްބުކް ޕޯސްޓެއް:

މި އިންތިޒާމުތައް އެޕްރީލް 2020 އިން ފެށިގެން ކޭއާރުއެޗްއިން ވަނީ ހަމަޖައްސާ ދީފައެވެ. އެއީ ކުޅުދުއްފުށީގައި ކާފިއު ހިންގުމާއެކު ތަޢާރަފުކުރި އުސޫލުތަކެކެވެ. މިހާރު ކުޅުދުއްފުށި މޮނީޓަރިން އަށް ލެވޭ ކޮންމެ ފަހަރަކު ވެސް މި ގޮތަށް ކޭއާރުއެޗްއިން ދަނީ ހިދުމަތް ފަހިކޮށް ދެމުންނެވެ.

ރަށްރަށުން ޑޮކްޓަރަށް ދައްކަން ބޭނުންވާ މީހުންނަށް ފަހި ގޮތްތަކެއް

މިހާރުވެސް ކުޅުދުއްފުށީ ސިޓީ އޮތީ މޮނިޓަރިން ހާލަތުގައެވެ. މިހާލަތުގައި އެހެން ރަށްރަށުގެ މީހުންނަށް ކޭއާރުއެޗްއިން ހިދުމަތް ފޯރުކޮށް ދިނުމަށް އަމަލުކުރަމުން އަންނަ ގޮތް އޮޅުން ފިލުވައިދެއްވީ، ކޭއާރުއެޗް ހޯދަމުން އަންނަ ކާމިޔާބީގެ މުގުލުގައި ވެސް ހުންނެވި، އެ ހޮސްޕިޓަލްގެ މެނޭޖަރ އަހްމަދު ދާއޫދު އެވެ.

"މޮނިޓަރިންގެ ހާލަތުގައި ރަށަށް އެރުމަށް ހުރަސްތަކެއް ހުރުމުގެ ސަބަބުން އެންމެ ފުރަތަމަ ހާއްސަ ބަލިތަކުގެ ޑޮކްޓަރުން ޓެލެކޮންސަލްޓޭޝަން ހަދާނީ. މޮނިޓަރިންއަށް ލުމުގެ ކުރިން އެޕޮއިންޓްމަންޓް ހައްދާފަ ތިބޭ މީހުންނަށް ވެސް އެ ހާލަތުގައި ގުޅާނެ. އެއަށް ފަހު ޓެލެކޮންސަލްޓޭޝަންއިން ޑޮކްޓަރަށް ފާހަގަ ކުރެވޭ ބަލިމީހުން ހޮސްޕިޓަލަށް ނުވަތަ އަޅުގަނޑުމެން އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ފާއިތުވެދިޔަ 15 މަސް ދުވަހު ބޭނުން ކުރި ކުޅުދުއްފުށީ ޕޯޓް ލިމިޓެޑުގެ ބެލުމުގެ ދަށުގައި ހުންނަ ގެސްޓް ހައުސްއަށް ގެނެސްގެން ފަރުވާ ދެނީ"

މި ނޫހަށް މައުލޫމާތު ދެއްވަމުން އަހުމަދު ދާއޫދު ވިދާޅުވެފަ ވެއެވެ.

މީގެ އިތުރުން އަޙްމަދު ދާޢޫދު ވިދާޅުވީ ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ވައިބަރ މެދުވެރިކޮށް ބޭސް ސިޓީ އާ ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާނެކަމަށާއި މި ހިދުމަތް މިހާތަނަށް ގާތްގަނޑަކަށް 2000 މީހުން ބޭނުން ކޮށްފައިވާކަމަށެވެ.

އަދި މިއީ މިހާރު އާންމު ހާލަތުގައި ވެސް ފޯރުކޮށްދެމުން އަންނަ ޚިދުމަތެއްކަން ފާހަގަކުރަމުން އަޙްމަދު ދާޢޫދު ވިދާޅުވީ މާބަނޑުމީހުން، ޑައިލަސިސް ހަދާ ބަލިމީހުން، އަދި ލޭއަޅާ ކުދިންނަށް އެއްވެސް ތަކުލީފަކާއި ނުލައި ޚިދުމަތް ހޯދުމަށް އެހެން ރަށަކުން ހޮސްޕިޓަލަށް އައުމުގެ އިންތިޒާމް ހަމަޖައްސާފައިވާނެކަމަށެވެ.

އައިޖީއެމްއެޗްއާއި، އޭޑީކޭ ފިޔަވައި އެންމެ ގިނަ ބަޔަކު ޚިދުމަތް ހޯދާ ހޮސްޕިޓަލް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ މާލޭ ސިޓީގެ މައި ދެ ހޮސްޕިޓަލް ކަމަށްވާ، އައިޖީއެމްއެޗް ހޮސްޕިޓަލާއި، އޭޑީކޭ ހޮސްޕިޓަލް ފިޔަވައި އެންމެ ގިނަ ބަޔަކު ޚިދުމަތް ހޯދާ ހޮސްޕިޓަލެވެ. މީގެ އިތުރުން ކުޅުދުއްފުއްޓަކީ އެންމެ ގިނަ އަދަދަކަށް މީހުން އަރާ ފައިބާ އެއް ރަށް ވެސް މެއެވެ.

"ކުޅުދުއްފުށި މޮނިޓަރިންއަށް ލެވޭ ކޮންމެ ފަހަރަކު ގިނަ ބަޔަކަށް އެކަމުގެ ތަކުލީފު އުފުލަން ޖެހޭ. ހާއްސަކޮށް ކުޅުދުއްފުއްޓަށް ހިދުމަތް ހޯދަން އަންނަ އަވަށްޓެރި ރަށްރަށުގެ ރައްޔިތުންނަށް އެކަމުގެ ދަތިކަން ބޮޑުވޭ. އެހެންކަމުން އަޅުގަނޑުމެން ރަށުގެ ގިނަ މުއައްސަސާތަކާއި، ދަރުމަވެރީން އަދި ރައްޔިތުން ގުޅިގެން ކޯވިޑްގެ ބަލިމަޑުކަން ފެތުރުނަ ނުދިނުމަށްޓަކައި އެންމެ ބޮޑަށް މަސައްކަތް ކުރެވޭ އެއް ރަށަށް ކުޅުދުއްފުށި ވާ ކަމީ އުފާ ކުރާ ކަމެއް، އަދި ޝުކުރުވެރިވާ ކަމެއް."

=ކޭއާރުއެޗްގެ މެނޭޖަރު އަހްމަދު ދާއޫދު=

އެތައް ރައްޔިތުންނެއް އެ ހޮސްޕިތަލެއްގެ ޚިދުމަތްތަކަށް ބަރޯސާވެފައިވާ ކޭއާރުއެޗްއަށް ދިމާވެފައިވާ ބައެއް ގޮން ޖެހުންތައް ވެސް އަޙްމަދު ދާއޫދުވަނީ މިނޫހާ ހިއްސާ ކުރަށްވާފަ އެވެ.

"ޚިދުމަތް ފޯރުކޮށްދިނުމުގައި ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަން އިންތިހާއަށް ހުރުމާއި، މި ޒަމާނާ ނުގުޅޭ ފަދަ ގޮތަކަށް ހޮސްޕިޓަލުގެ ޑިޒައިން ހުރުމުން ޚިދުމަތް ދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ދިމާވަމުން ދޭ. އަދި ފުރަބަންދުގައި ތިބި ގިނަ ބަޔަކަށް ޚިދުމަތް ދޭން ޖެހޭއިރު، ކޮވިޑް ފެސިލިޓީއެއް ނެތުމަކީ އަޅުގަނޑުމެންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ވަރަށް ދަތިވާ ކަމެއް."

އަހްމަދު ދާއޫދު ވިދާޅުވިއެވެ.

އަހްމަދު ދާއޫދު ވިދާޅުވީ، މޮނިޓަރިންގެ ހާލަތުގައި ވެސް އަދި އާންމު ހާލަތުގައި ވެސް، ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މިހާރަށް ވުރެ ވެސް ރައްޔިތުންނަށް ލުއި ފަސޭހަ ގޮތަކަށް އިންތިޒާމުތައް ހަމަޖެހިގެން ދިއުމަކީ އަދިވެސް ބޭނުވާ ގޮތްކަމަށެވެ.

"އަޅުގަނޑުމެންގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ރަގަޅު ކުރަން ހުރި ކަންތައްތައް މި ދަނީ ފާހަގަ ކުރަމުން. އަދި މި ކަންތައްތައް ރަގަޅުކޮށް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޚިދުމަތްތައް ދާނީ ދުވަހެއް ދުވަހަކަށް ރަގަޅު ވަމުން. މި ފުރުސަތުގައި އަޅުގަނޑުމެންގެ ޚިދުމަތްތައް ރަގަޅު ކުރުމަށްޓަކައި މުވައްޒަފުން ކުރަމުން ގެންދަވާ ބުރަ މަސައްކަތަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާ ކުރަން."

އަހްމަދު ދާއޫދު ވިދާޅުވިއެވެ.

ކޯވިޑްގެ ހާލަތުގައި ވެސް ނަމޫނާ މަސައްކަތްތަކެއް

އުތުރުން އެންމެ ގިނަ ކޯވިޑް ސާމްޕަލް ޓެސްޓް ކުރަނީ ވެސް ކޭއާރުއެޗްގަ އެވެ. ތިލަދުންމަތީގެ ރަށްތަކުގެ އިތުރުން މާލެއިން އުތުރުގެ ގިނަ ރަށްތަކެއްގެ ސާމްޕަލްތައް ވެސް އެ ހޮސްޕިޓަލަށް ގެނެއެވެ. ހޯމް ކަރަންޓީނު ރިލީޒް ސާމްޕަލްތަކުގެ ނަތީޖާ ވެސް ލަސްކަމެއް، މަޑުޖެހުމެއްނެތި ފުރަތަމަ ދުވަހެކޭ އެއްބީދައިން މިހާރު ވެސް ދަނީ ފޯރުކޮށް ދެމުންނެވެ. އުތުރުގެ އެކިއެކި ރަށްރަށުގައި ބަލި ފެތުރިފަވުމުން ރެންޑަމް ސާމްޕަލްތަކާއި، ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނަގާ އެތައް ސާމްޕަލެއް އެ ހޮސްޕިޓަލްގެ ލެބޯޓަރީއަށް ގެންދެއެވެ.

ކޭއާރުއެޗްއަކީ ފަހުގެ ތާރީޚެއްގައި އަތޮޅުތަކުން އެންމެ ބޮޑު ކުރިއެރުން ހޯދާފައިވާ ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލުން އެމްއާރުއައި ފަދަ ގިނަ އާ ޚިދުމަތްތަކެއް ތަޢާރުފްކޮށް، ޚިދުމަތް ހޯދާ މީހުންނަށް ގިނަ ފަސޭހަ ތަކެއް ހޯދައީ، ހިދުމަތް ހޯދާ މީހުންގެ އިތުބާރު ވަނީ ބޮޑު ކޮށްފައެވެ. ބޮޑެތި ކާމިޔާބު އޮޕަރޭޝަންތަކެއްކޮށް، ޑަކްޓަރުން އިތުރުކޮށް، އެކި ޚިދުމަތްތައް ވަނީ އިތުރުކޮށްފައެވެ.

އެ ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ބަދަލުކުރުމަށް ނިންމާ އެމަސައްކަތް އަންނަނީ ސަރުކާރުން ކުރައްވަމުންނެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީ ވެގެންދިއުމުން އުތުރުގެ ސިއްޙީ ނިޒާމަށް ބޮޑު އިންގިލާބީ ބަދަލެއް އަންނާނެއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދެކެވެ.