ހިޔާ މަޝްރޫޢުގެ ފަންނީ ކެޓަގަރީގައި ހިމެނޭ (H4 ޑޮކްޓަރުންނާއި ނަރުހުން، H5 ޓީޗަރުންނަށް ޚާއްޞަ އަދި ސިވިލް ސަރވިސް ފްލެޓުގެ ފަންނީ ކެޓަގަރީ) ފްލެޓް ލިބޭ ފަރާތްތަކުގެ ތެރެއިން ހިޔާ މަޝްރޫޢުގެ ފްލެޓް ދޫކޮށްލައްވަން އެދިލައްވާ ފަރާތްތަކަށް ލިބިފައިވާ ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކަށް ބަދަލުވާން ބޭނުން ނަމަ ތިން މަސް ދުވަހުގެ މުއްދަތެއް އޮންނާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މިކަން ހާމަކޮށްފައި ވަނީ އެ މިނިސްޓްރީން ކުރެއްވި އިއުލާނެއްގަ އެވެ.
މިގޮތުން އެކަމާއިގުޅިގެން އިތުރު މަޢުލޫމާތު ހޯދުމަށާއި، މިކަމަށް ހުޅުވާލާފައިވާ މުއްދަތު އިތުރުކޮށްދިނުމަށް އެދި، ގިނަފަރާތްތަކުން ހުށަހަޅަމުންދާތީ، އެ ފުރުސަތު އިތުރަށް ހުޅުވާލާފައިވާ ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.
"ހިޔާ މަޝްރޫޢުގެ ފްލެޓް ލިބޭ ފަރާތްތަކުގެ ގުރުއަތުލުމާއި އެއްބަސްވުމުގައި ސޮއި ކުރުމުގެ ކަންތައް މިހާރު ކުރިޔަށްދާތީ، އެއްބަސްވުމުގައި ސޮއި ކުރުމަށްފަހުވެސް 3 މަސް ދުވަހުގެ މުއްދަތެއް، (ހުޅުވާލެވޭ ފުރުޞަތުގެ ހައުސިންގ ޔުނިޓްތަކުގެ އަދަދު ހަމަވަންދެން) ހިޔާ މަޝްރޫޢުގެ ދަށުން ލިބޭ ފްލެޓް ދޫކޮށްލުމަށްފަހު އެހެން ބޯހިޔާވަހި ކަމުގެ މަޝްރޫއަކަށް ބަދަލު ވުމުގެ ފުރުޞަތު އޮންނާނެ" -ހައުސިން މިނިސްޓްރީ-
މީގެ އިތުރުން ހިޔާ ފްލެޓަށް ކުރިމަތިލާފައިވާ ފަންނީ ފަރާތްތަކަށް ލިބޭ އާމްދަނީ އާއި އެއްހަމަ އެއްގައި ލިބިގެންދާނެ ބޯހިޔާވަހިކަމެއްކަމަށް މިމިނިސްޓްރީއިން ދެކޭ ކަމަށާއި އަދި ހަމަ އެއާއެކު މިހުޅުވާލެވޭ ފުރުޞަތުގެ ދަށުން ހުރި ހައުސިންގ މަޝްރޫޢުތަކުގެ ފްލެޓުތައް ވެގެންދާނީ، އެފްލެޓް ތަކުގެ އަގު ތަނުގެ ފެންވަރާއި އެއްވަރަށް ހިފެހެއްޓިފައިވާ، އަދި ޖާގައިގެ ގޮތުން ތަނަވަސް 03 ކޮޓަރީގެ ފްލެޓްތަކަށް ކަމަށްވެސް އެ މިނިސްޓްރީން ކުރީން ކޮށްފައިވާ އިއުލާންގައި ބުނެފައި ވެއެވެ.
ސަރުކާރުގެ ކުރިއަށް ހުރި ހައުސިންގ މަޝްރޫޢުގެ ދަށުން މިވަގުތު އެންމެ އަވަހަށް ލިބެން އޮތް ފުރުޞަތަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (HDC) އިން ތަރައްޤީ ކުރާ "ވިނަރެސް" (1344 ހައުސިންގ ޔުނިޓް) އިން އެފްލެޓް ތަކުގެ އަގާއި އެއްގޮތްވާގޮތުގެ މަތިން، ފްލެޓް ލިބުމުގެ ފުރުޞަތު ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.
މި ފުރުޞަތު ތަކާއި ބެހޭގޮތުން، މައުލޫމާތު ދިނުމަށް ބޭއްވޭ "ލައިވް ޕްރެސް" އެއް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން، 24 އޭޕްރީލް 2021 ވާ ހޮނިހިރު ދުވަހުގެ ރޭ 10:00 ގައި ބާއްވަން ވެސް ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތައް ލިބޭ ފަރާތްތަކުގެ ތެރެއިން އެޗް10ގައި ހިމެނޭ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ފްލެޓްތައް ހޮވުމަށް ވަނީ މި މަސް ތެރޭގައި ގުރުއަތު ލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!