މި ސީޒަނަށް އީ.އެފް.އެލް ޗެމްޕިއަންޝިޕްއިން ބާކްލޭސް އިނގްލިޝް ޕްރިމިއަރ ލީގަށް ޕްރޮމޯޓްވި ނޯވިޗް ސިޓީ އަތުން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ބަލިވެއްޖެއެވެ. ނޯވިޗް ސިޓީން މެޗް ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

ނޯވިޗް ސިޓީގެ ދަނޑުގައި ކުޅުނު މެޗްގެ ފުރަަތަމަ ގޯލް ޖާހާ ލީޑް ނެގީވެސް ނޯވިޗްއިންނެވެ. މެޗްގެ 18 ވަނަ މިނިޓގައި މި ގޯލް ކާމިޔާބުކޮށްދިނީ ނޯވިޗްގެ ކެނީ މެކްލެއިންއެވެ. އަދި މެޗްގެ 28 ވަނަ މިނިޓްގައި މިސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ނޯވިޗްގެ ޓީމު ޕުއްކި ތަނަވަސްކޮށްދިން ފުރުސަތަކުން ޓޮޑް ކެންޓްވެލް ވަނީ ނޯވިޗަށް ލީޑު ފުޅާކޮށްދީފައެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން މެންޗެސްޓަރ ސިޓީގެ ސާޖިއޯ އަގުއޭރޯ ވަނީ ގޯލެއްޖަހާ 2-1 އަށް ނަތީޖާ ބަދަލުކޮށް ސިޓީއަށް އުންމީދު އާކޮށްދީފައެވެ. ރޭ އަގުއޭރޯ ކާމިޔާބުކުރި ގޯލާއިއެކު މިސީޒަންގައި އަގުއޭރީ ވަނީ ޖުމްލަ ހަތްގޯލް ކާމިޔާބުކޮށަފައެވެ.

Ad
rt

މެޗްގެ ދެވަނަ ހާފް ސިޓީން ފެށީ މެޗްގެ ފުރަތަމަ ހާފްގެ ފަހު މިނިޓްގައި އަގުއޭރޯ ކާމިޔާބުކޮށްދިން ގޯލާއިއެކު މޮޅުވުމުގެ އުންމީދުގައި އިތުރު ހިއްވަރކާއިއެކުއެވެ. ނަމަވެސް ސިޓީއަށް އިތުރު ހުރަސްތަކެއް ކުރިމަތިވީ ނޯވިޗް ސިޓީން އިތުރު ގޯލެއް ޖަހާ ނަތީޖާ 3-1 އަށް ބަދަލުކޮށްލުމުންނެވެ. މިގޯލް ނޯވިޗަށް ކާމިޔާބުކޮށްދިނީ ޓީމޫ ޕުއްކިއެވެ. މިއީ މި ސީޒަންގައި ޕުއްކި ނޯވިޗަށް ކުޅުނު ފަސްމެޗުން ކާމިޔާބު ކޮށްދިން ހަވަނަ ގޯލެވެ. މެޗް ނިމުމުގެ ކުރިން ސިޓީގެ ރޮޑްރި ވަނީ ސިޓީގެ ދެވަނަ ގޯލް ކާމިޔާބުކޮށް ފަރަގު ކުޑަކޮށްފައެވެ.

ރޭ ކުޅުނު މެޗްއިން މެންޗެސްޓަރ ސިޓީ ބަލިވުމުން ތާވަލްގެ އެއްވަނައިގައި އޮތް ލިވަޕޫލްއާއި ދެމެދު އޮތް ފަރަގު ވަނީ ފަސް ޕޮއިންޓަށް ފުޅާވެފައެވެ. ތާވަލްގެ ދެވަނައިގައި މެންޗެސްޓަރ ސިޓީ އޮތީ ކުޅުނު ފަސްމެޗުން ލިބުނު ދިހަ ޕޮއިންޓާއިއެކުއެވެ. ރޭ މެންޗެސްޓަރ ސިޓީއަތުން މޮޅުވި ނޯވިޗް ސިޓީ އޮތީ ކުޅުނު ފަސް މެޗްއިން ލިބުނު ހަ ޕޮއިންޓާއިއެކު ތާވަލްގެ ބާރަ ވަނައިގައެވެ.