އދ.ގެ އާއްމު މަޖިލީހުގައި، ފަލަސްތީނަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށާއި، އެޤައުމާ ގުޅުންހުރި ގަރާރުތަކުގައި، އެޤައުމާ އެއްކޮޅަށް ވޯޓު ދެއްވާ، އެޤައުމަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ހެދުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށް ޚާރިޖީ ވަޒީރު، އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އިސްލާމީ ޤައުމުތަކުގެ މައި ޖަމިއްޔާ، އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝާހިދުވަނީ، ފަލަސްތީނުގެ މިނިވަންކަމަށް ރާއްޖެއިން ގޮވާލާ ގޮވާލުން ތަކުރާރު ކުރައްވާފައެވެ.

Ad
rt

މީގެއިތުރުންވެސް، މިނިސްޓަރު ވިދާޅުވީ، އިރުމަތީ ޤުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ހަމަޖައްސާ، އެޤައުމުގެ ރައްޔިތުންނަށް ފުރިހަމަ މިނިވަންކަން ލިބެން ޖެހޭނެކަމަށެވެ. އަދި އެޤައުމުގެ މިނިވަންކަމަކީ މެދުއިރުމަތީގެ ސަރަޙައްދުގެ ސުލްޙައާއި އަމާންކަމަށް ވަރަށް މުޙިއްމު ކަމެއްގެ ގޮތުގައިވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ދާދިފަހުން، ސިޔާސީ ޖަލްސާއެއްގައި ވާހަކަ ދައްކަމުން، އިސްރާއިލުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫވަނީ، އޭނާއަށް އިތުރު ދައުރަކަށް ވެރިކަން ލިބިއްޖެނަމަ، ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބޮޑު ބައެއް ހިފާނެކަމަށް ބުނެފައެވެ. މިކަން ރާއްޖެއިން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. އަދި މިއީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ، ޚާއްޞަކޮށް ޖެނީވާ ކޮންވެންޝަންސްއާ ޚިލާފުކަމެއްކަން ރާއްޖެއިން ހާމަކޮށްފައިވެއެވެ.