މިރޭ ފަށަން ހަމަޖެހިފައިވަ ގޯލްޑެން ފުޓްސަލް މުބާރާތުގައި ހދ އަތޮޅުގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިން ހިމެނެނީ ނޭކުރެންދޫ ޓީމުގައެވެ.
އެގޮތުން މިފަހަރު ނޭކުރެންދޫ ޓީމްގެ ފޯވާޑްއަށް ކުޅޭ އަހްމަދު އިމާޒް އަކީ ރާއްޖޭގެ ގައުމީ ޓީމްއަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. ގައުމީ ޓީމްއަށް ގޯލްމެޑަލް ހާސިލްކުރި މުބާރާތުގައި އަހްމަދު އިމާޒް އާއްކޮ ވަނީ ކުޅެފައެވެ.
ރާއްޖޭގެ ބޮޑެތި ކުލަބްތަކުގެ މެދުތެރެ ބެލެހެއްޓުމުގައި ފާހަގަ ކޮށްލެވޭ އަލީ އިފާޒް އަކީވެސް ނޭކުރެންދޫ ޓީމުގައި ހިމެނޭ ކުޅުންތެރިއެކެވެ.
އަލީ އިފާޒް އާއި އާއްކޮ މެދު ނުކެނޑި ގަލޮޅު ދަނޑުން ފެންނަތާ ދިހަވަރަކަށް އަހަރުމިވަނީ ވެފައެވެ. މީގެ އިތުރުން ނޭކުރެންދޫ ޓީމުގައި އަތޮޅު ފެންވަރުގައި ފާހަގަކޮށްލެވޭ އިތުރު ކުޅުންތެރިންވެސް ހިމެނެއެވެ.
ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން، ރާއްޖޭގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވަމުން އަންނަ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ހދ. އަތޮޅުގެ ފަރާތުން ހަތް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ، ކުމުންދޫ، ނޭކުރެންދޫ، ނައިވާދޫ ނޮޅިވަރަންފަރު، މަކުނުދޫ، ނެއްލައިދޫ އަދި ކުޅުދުއްފުއްޓެވެ.
ހދ. އަތޮޅުގެ ބުރު ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު، ފުރަތަމަ ގުރޫޕުގައި ހިމެނެނީ ކުމުންދޫ، ނޭކުރެންދޫ، ނައިވާދޫ އަދި ނޮޅިވަރަންފަރެވެ. ދެވަނަ ގްރޫޕުގައި ހިމެނެނީ މަކުނުދޫ ނެއްލައިދޫ އަދި ކުޅުދުއްފުއްޓެވެ.
މިރޭ ހދ. އަތޮޅު ބުރުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވާއިރު، ގުރޫޕު އެކެއްގެ ދެ މެޗު މިރޭ ކުޅެވޭނެއެވެ. އެއީ ކުމުންދޫ އާއި ނޭކުރެންދޫ ބައްދަލު ކުރާ މެޗާއި ނައިވާދޫ އަދި ނޮޅިވަރަންފަރު ބައްދަލުކުރާ މެޗެވެ. ފުރަތަމަ މެޗު 21:15 ގައި ފެށުމަށް ހަމަޖެހިފައިވާއިރު ދެވަނަ މެޗު ފަށަން ހަމަޖެހިފައިވަނީ 22:15 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!