އިނގްލިޝް ޕްރިމިއަރ ލީގުގައި މިރޭ ޗެލްސީ އާއި ވުލްވްސް ބައްދަލުކުރި މެޗުން ޗެލްސީގެ ޓެމީ އަބްރަހަމް ކާމިޔާބު ކޮށްދިން ހެޓްރިކާއިއެކު 5-2 އިން ޗެލްސީން ވުލްވުސް ބަލިކޮށްފިއެވެ.
ޗެލްސީގެ ފުރަތަމަ ގޯލް ފެނިގެން ދިޔައީ މެޗްގެ 31 ވަނަ މިނިޓްގައި ފިކާޔޯ ޓަމޯރީ ކާމިޔާބުކޮށްދިން ހިތްގައިމު ގޯލާއިއެކުއެވެ. ފާއިތުވި ސީޒަންގައި ޗެލްސީން ލޯނު އެއްބަސްވުމެއްގެ ދަށުން އިނގިރޭސި ދެވަނަ ފަންތި ކަމަށްވާ އީ.އެފް.އެލް ޗެމްޕިއަންޝިޕްގައި އެސްޓަން ވިލާއަށް ކުޅުނު އަބްރަހަމް ފުރަތަމަ ގޯލް ކާމިޔާބުކުރީ މެޗްގެ 34 ވަނަ މިނިޓްގައެވެ. މިގޯލަކީ ޗެލްސީގެ މޭސަން މައުންޓަށް ވުލްވްސްގެ ކޮނޯރ ކޯޑީ ކުރި ފައުލަށް ރެފްރީ އެޑްވާންޓޭޖަކަށް ދޫކޮށްލުމުން އޭގެ ފައިދާ ނަގާ އަބްރަހަމް ކާމިޔާބު ކުރި ގޯލެކެވެ. އަބްރަހަމްގެ ދެވަނަ ގޯލް މެޗްގެ 41 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިންއިރު މެޗްގެ 55 ވަނަ މިނިޓްގައި އަބްރަހަމް އިތުރު ގޯލެއްޖަހާ ޗެލްސީގައި ހެޓްރިކް ހެދި އެންމެ ޒުވާން ކުޅުންތެރިޔާގެ މާގާމު ވަނީ ހާސިލްކޮށްފައެވެ. ޗެލްސީގެ ފަސްވަނަ ގޯލް މެޗްގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ މޭސަން މައުންޓެވެ.

ވުލްވްސްގެ ފުރަތަމަ ގޯލަކީ ޗެލްސީއަށް މިރޭ ހެޓްރިކް ހެދި ޓެމީ އަބްރަހަމް އަތުން ބައިކޮޅަށް ވަންގޯލެކެވެ. ވުލްސްގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ މެޗްގެ 85 ވަނަ މިނިޓްގައި ކުޓްރޯންއެވެ.
މިރޭ އަބަރަހަމް ޗެލްސީއަށް ކާމިޔާބު ކޮށްދިން ތިން ގޯލާއިއެކު ޖުމްލަ ހަތް ގޯލް ހަމަކޮށް މި ސީޒަންގެ ޕްރިމިއަރ ލީގުގެ ލަނޑު ލިސްޓްގެ އެއްވަނައަަށް ވަނީ ޖެހިލާފައެވެ.
މިރޭ ޗެލްސީ ހޯދި ތިން ޕޮއިންޓާއިއެކު ޖުމްލަ އަށް ޕޮއިންޓް ހޯދައިގެން ޗެލްސީ ވަނީ ތާވަލްގެ ހަވަނައަށް ޖެހިލާފައެވެ. މިރޭ ޗެލްސީ އަތުން ބަލިވި ވުލްވްސް އަށް އަދި މި ސީޒަންގައި މޮޅެއް ހޯދިފައި ނުވާއިރު ވުލްވްސް އޮތީ ކުޅުނު ފަސްމެޗްއިން ލިބުނު ތިން ޕޮއިންޓާއިއެކު ޖުމްލަ ވިހި ޓީމް ވާދަކުރާ ޕްރިމިއަރ ލީގުގެ ފަހަތުން ދެވަނައިގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!