ބާކްލޭސް އިނގްލިޝް ޕްރިމިއަރ ލީގު 2020-2019ގައި މިއަދު ހަވީރު ކުޅުނު މެޗުންވެސް މޮޅުވެ މިފަހަރުގެ ލީގުގައި ހުރިހާ މެޗަކުން މޮޅުވުމުގެ ރެކޯޑް ލިވަޕޫލްއިން ދަމަހައްޓައިފިއެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި 51 ހާހަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ލިވަޕޫލް ވަނީ ފަހަތުން އަރާ ނިއުކާސަލް ޔުނައިޓެޑް 3-1 އިން ބަލިކޮށްފައެވެ.

Ad
rt

މެޗް ގެ ފުރަތަމަ ގޯލް ޖަހާ ލީޑް ނެގީ ނިއުކާސަލްއިންނެވެ. މެޗްގެ ހަތްވަން މިނިޓްގައި ނިއުކާސަލްގެ ގޯލް ކާމިޔާބުކޮށްދިނީ ޖެޓްރޯ ވިލެމްސްއެވެ. ވިލެމްސް ލިވަޕޫލްގެ ޕެނެލްޓީއޭރިއާގެ ވާތް ފަރާތުން ލިވަޕޫލްގެ ޑިފެންޑަރުންކައިރިން ނައްޓާލުމަށްފަހު ޖެހި ބޯޅަ އަމާޒުވީ ގޯލްގެ ކަނާއަތްފަރާތު މަތީ ކަނަށެވެ.

ލިވަޕޫލްގެ ފުރަތަމަ ގޯލް މެޗްގެ 28 ވަނަ މިނިޓްގައި އެންޑީ ރޮބަޓްސަން ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބު ކޮށްދިނީ ސާޑިއޯ މާނޭއެވެ. ލިވަޕޫލްގެ ދެވަނަ ގޯލް މެޗްގެ 40 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ލިވަޕޫލްގެ ފުރަތަމަ ގޯލްވެސް ކާމިޔާބުކޮށްދިން މާނޭއެވެ. ލިވަޕޫލްގެ ތިންވަނަ ގޯލް އަދި މެޗްގެ ފަހުގޯލް ރޮބާޓޯ ފިރްމީނޯ ތަނަވަސްކޮށްދިން ފުރުސަތަކުން 72 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ މިދިޔަ ސީޒަންގެ ރަން ބޫޓު ހޯދި މިސްރުގެ މުހައްމަދު ސަލާހެވެ.

މިއަދު ނިއުކާސަލް އަތުން ލިބުނު ތިން ޕޮއިންޓާއި އެކު ކުޅުނު ފަސް މެޗްވެސް ކާމިޔާބުކޮށް ޖުމްލަ ފަނަރަ ޕޮއިންޓާއިއެކު ލިވަޕޫލް އޮތީ ތާވަލްގެ އެއްވަނައިގައެވެ.