ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިނގިލި، ގުޅީފަޅު، ތިލަފުށި، ހުޅުލެ)ގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ލުއިދީފިއެވެ.
މިގޮތުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބޭ ބާރުގެ ދަށުން މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރުމަށް މިދިޔަ މަހުގެ 12 ވަނަ ދުވަހު އެންގި އެންގުން ވަނީ ބާތިލްކޮށްފަ އެވެ.
މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައި އޮތީ އިރުއޮއްސި6 އިން ހެނދުނު6 އަށެވެ. އެޗްޕީއޭއިން އެ ނިންމުން ނިމުމަކަށް ގެނައުމުން މިރޭން ފެށިގެން އެގަޑީގައި ވެސް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވޭނެ އެވެ.
މީގެއިތުރުން އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުގައި ހުރި ޕާކުތަކާއި މައިޒާންތައް ބަންދުކުރަން އަންގާ ނެރުނު އަމުރު ވެސް ބާތިލު ކޮށްފައެވެ.
މި ދެ ފިޔަވަޅަށް ލުއި ދިން ނަމަވެސް އަދިވެސް މާލެ ސަރަހައްދުގައި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް އިއުލާންކޮށްފައިވާ ކާފިއުއަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. އެހެންކަމުން އެވަގުތު ބޭރަށް ނިކުމެ އުޅުމަކީ އަދިވެސް މަނާކަމެކެވެ.
މީގެއިތުރުން އެޗްޕީއޭއިން ދަމަހައްޓާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، އެއްފަހަރާ 5 ފަސް މީހުންނަށްވުރެ ގިނަމީހުން، މަގުމައްޗާއި އާންމު ތަންތަނަށް އެއްވެއުޅުން ހުއްޓައިލުމާއި، ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހިންގުން ހުއްޓައިލުމާއި، ދުވުމަށް ޚާއްޞަކޮށްފައިވާ ޓްރެކުތައް ބަންދުކުރުމާއި، ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމާއި އަދި އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހުއްޓައިލުމަށް އެންގި އެންގުން ހިމެނެއެވެ.
އެޗްޕީއޭއިން މާލެ ސަރަހައްދުގައި އަޅާފައިވާ ދެ ފިޔަވަޅަކަށް ލުއިދިން ނަމަވެސް ކޯވިޑް ނަމްބަރު އަދި ވެސް ހުރީ 100 މަތީގައި ހިފެހެއްޓިފައެވެ. މިގޮތުން އިއްޔެވެސް ރާއްޖެއިން 139 މީހެއް ޕޮޒިޓިވްވިއެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 89 މީހުންނާއި، އަތޮޅުތަކުން ޕޮޒިޓިވްވި 31 މީހަކާއި އަދި ރިސޯޓްތަކުން ޕޮޒިޓިވްވި 19 މީހެކެވެ.
މިހާތަަނަށް ރާއްޖޭން ކޯވިޑް ޖެހުނު މީހުންގެ އަދަދަކީ 22،929 އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!