ހދ. ހަނިމާދޫ ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފިއެވެ. 2018، އެކި ގޮތްގޮތުން ރަނގަޅު ނަތީޖާތައް ހޯދި ދަރިވަރުންނަށް އިނާމުދީ، އެކުންދިންގެ އަގުވަޒަންކުރުމަށް މި ޖަލްސާ ބާއްވާފައިވަނީ ރޭ، އެރަށު އިޖުތިމާއީ މަރުކަޒުގައެވެ.

މި ޖަލްސާގައި، 2018 ވަނަ އަހަރު ހަނިމާދޫ ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ފާތިމަތު ރިފްދާއެވެ. ގްރޭޑް 10އޭގައި ކިޔެވި ރިފްދާ އަކީ ސްކޫލު ނިންމާ އިމްތިހާނުތަކުން، ސްކޫލު ފެންވަރުގައިވެސް އެންމެ މޮޅު އެއް ދަރިވަރެވެ.

Ad
rt

ރޭ ބޭއްވި މި ޖަލްސާގައިވަނީ ކިޔެވުމަށް މޮޅު ދަރިވަރުގެ އިނާމު ދީފައެވެ. މި އިނާމު ލިބިފައިވަނީ އެރަށު ސްކޫލުގެ ހަ ދަރިވަރަކަށެވެ. ޝަރަފުވެރި ދަރަޖައިގައި ކިޔެވުމަށް މޮޅު ދަރިވަރުގެ އިނާމު ދެ ދަރިވަރަކަށް ލިބިފައިވާއިރު، ކުލާހުން އެންމެ މޮޅު ދަރިވަރުގެ އިނާމު ހަތް ދަރިވަރަކަށް ލިބިފައިވެއެވެ.

މީގެއިތުރުން، ކުލާހުން އެންމެ ބޮޑު ކުރިއެރުމެއް ހޯދުމުން ދޭ އިނާމު ދެ ދަރިވަރަކު ހާސިލުކުރިއިރު، އެކި އެކި މާއްދާތަކުގެ އިނާމު، އަށް ދަރިވަރަކު ހޯދާފައިވެއެވެ.

ހަމައެހެންމެ، ސްކޫލު ނިންމާ އިމްތިހާނުތަކުން ސްކޫލު ފެންވަރުގައި އެންމެ މޮޅު އިނާމު ތިން ދަރިވަރަކު ހޯދިއިރު، ސްކޫލު ނިންމާ އިމްތިހާނުތަކުން ތިން މާއްދާއިން މަތިން "އޭ" ފާސް ހޯދައިގެން ހަތަރު ދަރިވަރަކުވެސް ރޭގެ ޖަލްސާގައި އިނާމު ހޯދިއެވެ. އިތުރަށް، ކިޔެވުމަށް އެންމެ މޮޅު ކެޑޭޓަށާއި ހުރިހާ ގޮތަކުން އެންމެ މޮޅު ކެޑޭޓަށްވެސް ރޭ އިނާމު ދީފައިވެއެވެ.

ހަނިމާދޫ ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ، ޑރ. އަބްދުﷲ ރަޝީދެވެ.