މޫޑީސް އިންވެސްޓާސް ސާވިސަސް އިން ރާއްޖެ އަށް ދީފައިވާ "ބީ ނެގެޓިވް" ކްރެޑިޓް ރޭޓިން މި އަހަރު ވެސް ދަމަހައްޓައިފި އެވެ.

މޫޑީސް މިދިޔަ މަހުގެ 26 ވަނަ ދުވަހު ނެރުނު ރާއްޖޭގެ މި އަހަރުގެ ކްރެޑިޓް އެނެލިސިސްގައި ބުނި ގޮތުގައި، ރާއްޖެ އަށް މިދިޔަ އަހަރު ދިން "ބީ ނެގެޓިވް" ރޭޓިން މި އަހަރު ވެސް ދަމަހައްޓާފައި ވަނީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ކުރިއަރަމުން އަންނަ ހަލުއި މިނާ އެކު، އެ ކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ލިބެމުން އަންނަ ކުރިއެރުމާ ގުޅިގެންނެވެ. އެގޮތުން، މިދިޔަ އަހަރު ރާއްޖޭގައި ސިޔާސީ ހަމަނުޖެހުން ބޮޑުވުމުގެ އިތުރަށް، އިންތިޚާބަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ރާއްޖޭގެ އިގްތިސާދީ ކުރިއެރުން އެކަށީގެންވާ ރަނގަޅު މިނެއްގައި ހުރިކަން މޫޑީސް އިން ފާހަގަކުރި އެވެ.

Ad
rt

"މިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު އިތުރުވެފައިވާއިރު، މި އަހަރުގެ ފުރަތަމަ ބައިގައި ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑުތަން ކުރިއަރާފަ އެވެ. އެހެންކަމުން، މި އަހަރުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމް ކުރިއަރާ މިންވަރު ރަނގަޅު ވަރެއްގައި ހިފެހެއްޓިފައި ހުންނާނެ ކަމަަށް ލަފާކުރެވެ އެވެ،"

ކްރެޑިޓް ރޭޓިންއާ އެކު މޫޑީސް އިން ނެރުނު ބަޔާނެއްގައިވެ އެވެ.

ނަމަވެސް، ބޮޑެތި މަޝްރޫއުތަކެއް ހިންގުމަށް ސަރުކާރުން ނިންމާފައިވުމުގެ ސަބަބުން ރާއްޖޭގެ ދަރަނި ބޮޑުވެ، ބަޖެޓް ޑެފިސިޓް ފޫބައްދަން އުނދަގޫވެ، ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ މާލީ ހާލަތަށް އޭގެ ނުރަނގަޅު އަސަރު ކުރާނެ ކަމަށް މޫޑީސް އިން ބުންޏެވެ. އަދި ރާއްޖޭގެ އިގްތިސާދު އެންމެ ސިނާއަތަކަށް ބަރޯސާވެފައިވުމުގެ ސަބަބުން، ބޭރުގެ އިގްތިސާދީ ލޮޅުންތަކުގެ އަސަރު ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑަށް ކުރުމުގެ ފުރުސަތު އޮތް ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.

ދުނިޔޭގެ އެންމެ ބޮޑެތި ތިން ކްރެޑިޓް ރޭޓިން އެޖެންސީތަކުގެ ތެރޭގައި ހިމެނޭ މޫޑީސް އިން އެންމެ ފުރަތަމަ ރާއްޖެ އަށް ކްރެޑިޓް ރޭޓިންއެއް ދީފައި ވަނީ 2017 ގަ އެވެ. އެ ފަހަރު ދީފައި ވަނީ "ބީޓޫ" ރޭޓިން އެކެވެ. ނަމަވެސް، ދަރަނި ބޮޑުވުމުގެ ސަބަބުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ވަނީ "ބީ ނެގެޓިވް" އަށް މިދިޔަ އަހަރު ދަށްކޮށްފަ އެވެ.

ރާއްޖެ އަށް ކްރެޑިޓް ރޭޓިން ދިނުމަށް ސަރުކާރުން ހަވާލުކޮށްފައި ވަނީ މޫޑީސްގެ އިތުރުން، ފިޗް ރޭޓިންސްއާ އެވެ. ފިޗް އިން މިދިޔަ ދެ އަހަރު ރާއްޖެ އަށް ދިން "ބީ ޕްލަސް" ކްރެޑިޓް ރޭޓިން މި އަހަރު ވެސް ވަނީ ދަމަހައްޓާފަ އެވެ.