މޯލްޑިވް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަލީ އިކްރާމް އިސްތިއުފާ ދެއްވައިފި އެވެ.
އެ ކުންފުނީގެ އެކްޓިންގ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވަމުން ގެންދެވި އިކްރާމް އިސްތިއުފާ ދެއްވިއިރު، އޭނާގެ މައްޗަށް ވަނީ އެ ކުންފުނީގެ މުވައްޒަފެއްގެ މައްޗަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ މައްސަލައެއް ވެސް ފެންމަތި ވެފައެވެ. އެ ކަން އިކުރާމް ދޮގު ކުރަށްވާފައިވާއިރު، އެ މައްސަލަ ދަނީ އެ ކުންފުނިން ބަލަމުންނެވެ.
މީގެއިތުރުން އޭނާގެ ޖިންސީ ފުރައްސާރައިގެ މައްސަލައިގެ އިތުރުން، މޯލްޑިވް ގޭސްއަށް އޮކްސިޖަން ސިލިންޑަރުތަކެއް ސަޕްލައި ކޮށްދިން ކުންފުނީގެ ހަރަދުގައި އިކްރާމް ސިންގަޕޫރަށް ދަތުރުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް (އެސްއޯއީ) ކޮމިޓީއިން ވެސް ގެންދިޔައީ ބަލަމުންނެވެ.
އޮކްސިޖަން ސިލިންޑަރުތަކުގެ މައްސަލާގައި ކޮމިޓީއަށް ހާޒިރުކުރުމުން އިކްރާމް ވަނީ އެއީ ބަޔަކު އަޑީގައި ތިބެގެން އޭނާ ފްރޭމްކުރުމަށް ކުރި ކަމެއް ކަމަށް ވިދާޅުވެފައެވެ. އެ މައްސަލައާ ގުޅިގެން އެ ކުންފުނިން ހަދާފައިވާ އިންޓާނަލް އޮޑިޓް ރިޕޯޓްގައި ހުރި ވާހަކަތައް ވެސް ކޮމިޓީގައި އިކްރާމް ދޮގުކުރެއްވިއެވެ.
އިކްރާމްގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތުތަކަަކަށް އިންކާރު ކުރަށްވާފައިވާއިރު، އިސްތިއުފާ ދެއްވި އިރުވެސް އޭނާ ހުންނެވީ ސަސްޕެންޝަންގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!