ކޮވިޑް-19ގެ ރާޅު މާލެތެރެއަށް ބީއްސާލީންސުރެ ބައްޔާއެކު ފެތުރެމުން ދިޔަ އެއް ވާހަކައަކީ ބަލިމަޑުކަމުގެ ރާޅުގެ އަސަރު ފިލަންދެން ތޮއްޖެހިފައިވާ މާލޭގެ ގެތަކުގައި ކެތްނުވާނެ ވާހަކައެވެ. ވައި ދައުރުނުވާ ގޮތަށް ވަށައިގެން ބަންދުވެއިވާ "ކޮށި"ތަކަށް އިރުގެ އަލިކަންވެސް ނުލިބޭ ވާހަކައެވެ. މާލެ ބަންދު ކޮށްފިނަމަ އާމްދަނީ ހޯދަން އޮތް މަގުވެސް ބަންދުވާނެ ވާހަކައެވެ.

ދެން އިވިގެންދިއައީ "ރާއްޖެތެރޭގެ" ރައްޔިތުން މޭލެ ދޫކޮށް އެބައެއްގެ ރަށަށް ދިރިއުޅުން ބަދުލުކުރަން އަޑުގަދަ ފަރާތަކުން ގޮވާލި އެޑެއެވެ. މިއީ މަޖުބޫރުވެގެންނާއި ތަރައްޤީގެ ފޮނިމީރުކަން ހޯދަން މާލެ ބަދަލުވި އެތަށް ބަޔަކަށް އަހަން ފަސޭހަ އަޑަކަށް ނުވެ އުދާސްތަށް ބަންޑުންކޮށްލިއެވެ.

Ad
rt

މިޝަކުވާތަށް އިވުނު ބައެއް މީހުން ކުރަމުން ދިޔަ ސުވާލަކީ މާލެ ބަދަލުވީ ކީއްކުރަން ހެއްޔެއެވެ؟ ރަށްރަށުން ވެސް ކިޔެވޭ ނޫންހެއްޔެއެވެ؟ ސިއްޙީ ޚިދުމަތް ލިބޭ ނޫންހެއްޔެއެވެ؟ ވިސްނައި ދެމުންދިއައީ ޓައީ އަޅައިގެން އޮފީހަކަށް ގޮސް ކުރާ މަސައްކަތް ނޫނަސް އާމްދަނީ ލިބޭ މަސައްކަތް ރަށްރަށުގައި ކުރެވޭނެކެމެވެ. މާލޭގައި "ބޮޑު ކުލި" ދައްކާފައި ލިބޭ އާމްދަނީން ދެކޮޅު ނުޖެހޭކަމެވެ. އިޖްތިމާޢީ މައްސަލަތައް ގިނަކަމަށެވެ.

ގިނަ ބަޔަކު މާލެ ބަދަލުވި ދުވަސްވަރާ އަޅާބަލާއިރު، މިހާރު ތަޢުލީމާއި ސިއްޙީ ޚިދުމަތްތަކުގެ ފެންވަރު އަތޮޅު ތެރޭގައި ރަނގަޅެއެވެ. ހުނަރު ހުރި މީހުންނަށް މަސައްކަތް ކުރެވޭނެ ޖާގަ އެބަހުއްޓެއެވެ. މުރާލި މީހުން މަސައްކަތް ކުރަން ހިއްވަރުވެސް ކުރެއެވެ. ތަޢުލީމާއި މަސައްކަތާއި ވިޔަފަރީގައި ކާމިޔާބު ހޯދަމުންވެސް އެބަދެއެވެ. ބައެއް ރަށްރަށުގައި ވަޒީފާގެ ފުރުޞަތުތަށްވެސް ދަނީ އުފެދެމުންނެއެވެ.

ކޮވިޑާ ގުޅިގެން އިޤްދިސާދަށް އައި ލޮޅުމާއެކު، ވަޒީފާ ގެއްލިގެންނާއި މުސާރަ ކުޑަކުރުމުގެ ސަބަބުން ދެކޮޅު ނުޖެހިގެންނާއި ކުރި މަސައްކަތުގެ މުސާރަ ނުލިބިމުން އެހެން ގޮތެއް ހޯދަން އެތަށް ބަޔަކު ރަށަށް ބަދަލުވިތަން ފެނުނެއެވެ. އާމްދަނީ ހޯދުމަށް ރާއްޖޭގެ ތަރައްޤީގެ މަރުކަޒު މާލެއަށް ބަދަލުވި އެތަށް ބަޔަކަށް މަޖުބޫރުވީ ހަމަ އެބޭނުމުގައި ތަރައްޤީގެ ކުލަވަރު ފަނޑު ރަށަށް ބަދަލުވާށެވެ.

ނަމަވެސް ކޮވިޑް-19ގެ ރާޅުގެ އަސަރު މާލޭގެ ބިމުން ފިލައި ނުދަނީސް ރަށަށް ބަދަލުވި ބައެއް މީހުން އަނެއްކާވެސް މާލެ ބަދަލުވާން ފަށައިފިއެވެ. މިވީ ކިހިނެއް ހެއްޔެއެވެ؟

ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ދުވަސްކޮޅަކަށް ހދ. ވައިކަރުދޫއަށް ބަދަލުވި އަޙްމަދު ޝިނާޒު (އަސްލު ނަމެއްނޫން) ރަށު ފަސް ގަނޑުގައި ފައިޖެހުމާއެކު ބޭނުންވީ މާލޭގެ ހަލަބޮލި މާހައުލު ދޫކޮށް އުފަން ރަށުގައި ދިރިއުޅުން އާބާދުކުރާށެއެވެ. އާމްދަނީ ހޯދަން މާލޭގައި ކުރި މަސައްކަތް ހުއްޓިފައިވުމާއެކު، އުފަން ރަށުން ވަޒީފާއެއް ހޯދުމުގެ މަސައްކަތް ފެށިއެވެ. ކާމިޔަބެއް ނުވިއެވެ. އާމްދަނީ ހޯދަން ދާއިމީކޮށް ކުރާނެ އެހެން މަސައްކަތެއްވެސް ނުލިބުނެވެ. އެހެންކަމުން ޖެހުނީ އެވިސްނުން ބަދަލުކުރާށެއެވެ. ކޮންމެ ރަށެއްގައިވެސް ގިނައީ ވަޒީފާ ނެތް މީހުނާއި ހުނަރު ހުރި މީހުނެއެވެ. މަދީ ފުރުސަތުތަކެވެ.

ހުނަރުވެރި ފަރާތްތަކުން އަމިއްލަ މައްސަކަތެއް ނުވަތަ ވިޔަފާރިއެއް ފަށަށް ބަލާއިރު މާލެއަށްވުރެ ރަށްރަށުގައި ހުންނަ ގޮންޖެހުންތަށް ގިނައެވެ. ވިޔާފަރި ފަށަން ނުވަތަ ކުރިއަރުވަން ހުރި މާލީ ފުރުސަތުތަށް ލިބޭލެއް މަދެއެވެ. މާކެޓް ފީސިބަލް ނުވުމުން ރަށްރަށުގެ ކުދި އިންވެސްޓްމަންޓްތަކަށް މާލީ އެހީވާނެ ފަރާތްތަށް ނުވަނީއެވެ. ހުނަރުވެރިން އުފައްދާ ތަކެތި ގަންނާނޭ މާކެޓެއް ނުވަތަ އާބާދީއެއް ކުދި ރަށްރަށަކު ނޯވެއެވެ.

މީގެއިތުރުން ރަށްރަށުގައި ކުރާ ވިޔަފަރިތަކަށް ބޭނުންވާ އެހެނިހެން ޚިތުމަތްތަށް އެރަށްރަށުން ލިބޭކަށް ނުހުރެއެވެ. ވިޔަފާރިއަށް ބޭނުންވާ ތަކެތި ގެނައުމުގައާއި އެތަކި މާކެޓަށް ފޯރުކޮށް ދިނުމަށް ބަރޯސާވެވޭނޭ އެކަށީގެންވާ ދަތުރުފަތުރުކުރުމުގެ ނިޒާމަމެއް ޤާއިމްވެފަ އަދިއެއް ނެތެވެ. ވިޔަފާރިތެރެއަށް އަލަށް ނުކުންނަ ފަރާތްތަކުގެ އުފެއްދުންތަށް ރަށު ކަނޑުއޮޅިން ބޭރަށް މާކެޓްކޮށް ވިއްކޭނޭ މަގުތަށް ހަންޏެއެވެ. އެހެން ވިޔަފާރިތަކަށްވެސް ދިމާވަނީ ދަނޑުވެރިންނަށް ދިމާވާ މިމައްސަލައެވެ. މާލެ ބަދަލުވާން މަޖުބޫރުވަނީ މިހެންވެގެނެއެވެ.

ވަޒީފާގެ ފުރުސަތުވެސް އޮތީ މާލޭގައެވެ. ނުވަތަ ރިސޯޓެއްގައެވެ. އަމިއްލަ ވިޔަފާރި ކުރާނެ މާހައުލު އޮތީވެސް މާލޭގައެވެ. އެފަދަ އެހެން ފުރުސަތުތަށް ހުޅުވިގެންދަނީ ރަށު ފަތުރުވެރިކަން ފައްކާވަމުން އަންނަ ނިސްބަތުން މަދު ރަށްރަށުގައެވެ. އެހެންކަމުން ލިބޭ އާމްދަނީގެ އަށްޑިހަ އިންސައްތަ ކުއްޔަށް ދީގެންވެސް މާލޭގައި އުޅެން މަޖުބޫރުވަނީއެވެ.

ރަށަށް ބަދަލުވި ގިނަ މީހުން ރަށުގެ މާހައުލް އިޚްތިޔާރުކުރީ ރާއްޖޭގެ އިޤްތިސާދީ މަރުކަޒުން ކުއްޔަށް ހިފައިވާ ކޮޓަރި ނުވަތަ އެޕާޓްމަންޓްގެ ކުލި ނުދެއްކުމެއެވެ. އަނެއް ބަޔަކު ބަދަލުވީ އަތޮޅުތޭރޭގެ ހިތްގައިމު މާހައުލުގައި އާއިލާއާއެކު ދުވަސްތަށް ހޭދަކުމުގެ ބޭނުމުގައެވެ.

އާއިލާއާއެކު ވަކި ދިރިއުޅުމެއް އުޅެން ބޭނުންވާ ޒުވާނުނަށް ކުއްޔަށް ނަމަވެސް ދިރިއުޅޭނޭ އެކަށީގެންވާ ތަނެއް ގިނަ ރަށްރަށުން ލިބޭކަށް ނުހުރެއެވެ. އެހެންކަމުން އައްޑު އަތޮޅާއި، ފުވައްމުލަކާއި، ތިނަދުއާއި، ލާމު އަތޮޅާއި، އޭދަފުއްޓާއި ކުޅުދުއްފުއްޓާއި ދުވާފަރާއި ނައިފަރާއި ހިންނަވަރު ފަދަ ރާއްޖެތެރޭގެ ތަރައްޤީގެ މަރުކަޒުތަށް ކަމަށްބަލާ ރަށްރަށަށް ނިސްބަތްވާ ޒުވާނުންގެ އާއިލާތަކުގެ ދިރިއުޅުން މާލޭގެ ގޮޅިއަކަށް ފައްތަން މަޖުބޫރުވަނީއެވެ. މިއީ އާބާދީ މަދު ކުދި ރަށްރަށުގެ ޒުވާން އާއިލާތަކުގެވެސް މިއަދުގެ ހާލަތެވެ. ބޮޑު ކުލީގައި މާލޭގައި އުޅެން މަޖުބޫރިވަނީ މިހެންވެއެވެ.

ކުރިން ގޯތި ލިބިފައިވާ އެތަށް ފަރާތްތަކަށް ގޯތީގައި ގެ އެޅޭނޭ ގޮތެއްނެތެއެވެ. ލިބޭ އާމްދަނީން އިތުރުނުވާތީ ގެދޮރު އެޅޭނެހާ ފައިސާ ރައްކާކުރެވިފައި ނެތީމައެވެ. ކުދި ރަށް ރަށުގެ ބިމުގެ އަގު ދަށްވީމާ ގެދޮރު އަޅަން ލޯނު ނުލިބޭތީއެވެ. ތޮއްޖެހިގެން މާލޭގައި އުޅެން މަޖުބޫރުވަނީ މިހެންވެގެނެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ދުނިޔޭގެ އެންމެ ބޮޑު ވިޔަފާރިއާ ތަރައްޤީގެ މަރުކަޒު ނިއުޔޯކާއި ލަންޑަން ފަދަ ބޮޑެތި ސިޓީތަކުންވެސް މިފަދަ ހިޖުރަކުރުންތަކެއް ފެނިގެން ދިއައެވެ. ތަޖުރިބާކާރުން ޤަބޫލްކުރައްވާ ގޮތުގައި މިއީ ވަގުތީ ހިޖުރަކުރުމެކެވެ. ވަސީލަތްތަކާއި ފުރުސަތުގެ ބޭނުމުގައި ދުވަސްކޮޅަކުން މިހިޖުރަކުރުންތައް އަލުން އިއާދަވާނެއެވެ.

ރަނގަޅު ތައުލީމާއި ސިއްޙީ ޚިދުމަތާއި ވަޒީފާއާއި މަސައްކަތުގެ ފުރުސަތުތައް ލިބެން ނުހުންނަ ނުވަތަ މަދު އަވަށްތަކާއި ސަހަރު ތަކުގެ މީހުން އެފަދަ ޚިތުމަށްތަށް ލިބެން ހުންނަ ބޮޑެތި ސިޓީތަކަށް ހިޖުރަކުރުމަކީ މިރާއްޖެއިން އެކަނި ފެންނަމުންދާ މަންޒަރެއް ނޫނެއެވެ. މުޅި ދުނިޔެއިންވެސް ފެންނަމުންދާ މަންޒަރެކެވެ. އަބަދުވެސް ފެންނަމުންދާ މަންޒަރެކެވެ. އުމްރާނީ ތަރައްޤީއާއި ޚިދުމަތްތަކާއި ވަސީލަތްތަށް ޖަމާވެފައިވާ ތަންތަނަށް ހިޖުރަކުރުން ގިނަވާނެއެވެ. އެއީ އެތަންތަނުން ލިބެން ހުންނަ ފުރުސަތުތަށް ގިނަވީމައެވެ.

މޭލޭގައި ދިރިއުޅޭ ފަރާތްތަކުންވެސް މާލެއިން ލިބެން ނުހުންނަ ޚިދުމަތްތަކާއި ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތާއި ތަޢުލީމުގެ ފުރުސަތުތަށް ހޯދަން ދަނީ ރާއްޖެއިން ބޭރަށެއެވެ. މާލެ ތަރައްޤީ ވަމުން އަންނައިރުވެސް ވަޒީފާގެ ފަހި ފުރުސަތުތަށް ހޯދަން ރާއްޖެއިން ބޭރަށް ބަދަލުވާ ފަރާތްތަށްވެސް އުޅެއެވެ. ހޯދާފައިވާ ޢިލްމާއި ލިބިފައިވާ ތަޖުރިބާއި ހުނަރު ބޭނުން ކޮށްގެން އެފަންނެއްގެ ރޮނގުން ކުރިއެރުން ހޯދުމަށާއި ރަނގަޅު އާމްދަނީއެއް ހޯދުމުގެ ނިޔަތުގައެވެ.

ރަށެއްގައި ބަޔަކު އާބާދުވެ ދިރިއުޅުން ކުރިއަށް ގެންދަން އަސާސީ ޚިތުމަތްތަކުގެ އިތުރުން އެތަށް ޚިތުމަށް ތަކެއް ބޭނުންވާނެއެވެ. ފަރުދުން އާމްދަނީ ހޯދައި އުފެދުންތެރިކަން އިތުރުކުރާނެ މާހައުލެއް މުޙިންމުވާނެއެވެ. ނޫންނަމަ ފެންނަމުންދާނީ ހިޖުރަކުރާ މަންޒަރެވެ. ފަޅުވަމުންދާ ރަށްތަކެވެ.