ރާއްޖޭގައި ކޯވިޑްގެ ހާލަތު ގޯސްވެފައި ވަނިކޮށް، މުޅި މާލެ ހަރާބުގެ މަގަށް ދުއްވާލުމަށްފަހު، އިދިކޮޅު ކޯލިޝަނުން ރިސޯޓު މަސައްކަތްތެރީންގެ ހައްގުގައިކަމަށް ބުނެ މަޖިލީހަށް ގަރާރެއް ހުށަހެޅުމަކީ ދެބޯގެރި ދުއްވަން ކަމަށް ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ވިދާޅުވެއްޖެއެވެ.
ޝަހީމް މިގޮތަށް ވިދާޅުވީ، މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް ހުށަހަޅުއްވާފައިވާ، ''ކޯވިޑް-19 އާ ގުޅިގެން ރިޒޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޢާއިލާ ގާތަށް ނުދެވި އެތައް މަހެއް ވެފައިވާތީއާއި އެފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލުކޮށްދިނުމަށް ގޮވާލައި ހުށަހެޅި މައްސަލައިގެ'' ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
''މި ގަރާރަށް އަޅުގަނޑު ހަމަ ވަރަށް ދިގުކޮށް ވެސް ވާހަކަދައްކަން ބޭނުން. އިއްޒަތްތެރި ރައީސް، ލަދެއްހަޔާތެއް ނެތި މިފަދަ ގަރާރުތައް ހުށަހަޅައިގެން ދިވެހިރާއްޖޭގައި ރައްޔިތުންނަށް އޮޅުވާލަން މަސައްކަތްކުރާތީ އަޅުގަނޑުމެން ނުހަނު ކަންބޮޑުވޭ އިއްޒަތްތެރި ރައީސް. މިއަދު ވެސް
ޙަޤީޤަތަކީ ދިވެހިރާއްޖޭގައި ރިސޯޓުތަކުގައި މަސައްކަތްކުރާ އަޅުގަނޑުމެންގެ ދިވެހި ޒުވާނުންނަށް، އެ މީހުންގެ ޢާއިލާ ކައިރިއަށް ނުދެވިފައި ތިބީ. މަގުމަތީގައި މުޒާހަރާކުރަމުން އެދަނީ މާސްކު ނާޅާ. ޙަޤީޤަތަކީ މިއީ، ރާއްޖޭގެ ރައްޔިތުންނަށް ސީދާ ކަނޑައެޅިގެން މީތި ފެތުރުމަށްޓަކައި މި ބަލިން ދިވެހިރާއްޖޭގެ ރައްޔިތުން އަރައިގަނެދާނެތީވެ. އެކަމުން ދިވެހިރާއްޖޭގެ ރައްޔިތުން މިންޖުނުވާނެ ހުރިހާ ކަމެއް މަގުމައްޗަށް ނިކުމެ މުޅި ޤައުމު ފަނާކުރަމުން މިވެރިންމި ދަނީ،''- ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ، މި ޤައުމުގެ ރައްޔިތުން މިއަދު މިފަދަ ހާލަތަކަށް ވެއްޓިގެންދިޔައިރުގައި އަދި ރާއްޖެއަކީ އުފެއްދުންތެރި ޤައުމަކަށް ނުވާއިރުގައި، އެންމެހާ ރައްޔިތުންނަށް ކައިބޮއިގެން މި ތިބެވެނީ ޓޫރިޒަމް މި ޤައުމުގައި ދޮންވެފައްކާވެފައި އޮތީމަކަން އެންމެނަށް ވެސް އެބަ އެނގޭ ކަމަށެވެ.
އިދިކޮޅުން މިހާރު ކުރާ މަސައްކަތަކީ، ފަތުރުވެރިން އައުމުން ގައުމަށް ވަންނަ އާމްދަނީ ހުއްޓުވަން ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.
''އަބަދު ވެސް އެޗް.ޕީ.އޭގެ ގައިޑްލައިންގައި ވަރަށް ސާފުކޮށް ދިވެހިންނަށް އަންގާފައި އެބައޮތް؟ ތިބޭފުޅުން ސަލާމަތުގެ ފިޔަވަޅުތައް އަޅައިގެން މަގުމައްޗަށް ނިކުމެ، ތިބޭފުޅުން ސަލާމަތުގެ ފިޔަވަޅުތަކާ އެކީގައި ދިރިއުޅެން ދަސްކުރާށޭ. ދިވެހިން ތިބީ އެގޮތަށް ފައްކާވެފަ. ދިވެހިން ތިބީ އެއަށް ތަބާވެގެން. އެހެންނަމަވެސް، ބަޔަކު ނިކުމެ ދިވެހިންނަށް ގޯސް ނަސޭހަތްދީ، ދިވެހިންގެ ތެރެއިން ބަޔަކު ވާ ވައްދައިގެން ނެރެ، މުޅި މާލެ ޚަރާބުގެ މަގަށް ދުއްވާލައި، މިއަދު މި މަޖިލީހަށް ގަރާރެއް ހުށަހަޅައިގެން އިއްޒަތްތެރި ރައީސް، މިއީ ދެބޯގެރިދުއްވުން އިއްޒަތްތެރި ރައީސް.''- ޝަހީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިއަދު ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނަށާއި އަދި ދިވެހިރާއްޖޭގެ ފުލުހުންނަށް ވެސް އިދިކޮޅު ކޯލިޝަނާ ދޭތެރޭގައި، ހަރުކަށި ފިޔަވަޅުއަޅަން ގޮވާލާ ކަމަށެވެ. އަދި ''މިއަދުން މިއަދަށް ވެސް ފިޔަވަޅުއަޅައި މި ބޭފުޅުން މި ހިންގާ ޖަރީމާތައް ހުއްޓުވަން.'' ގޮވާލާ ކަމަށް ޝަހީމް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!