ޕާކިސްތާން ބޮޑުވަޒީރު އިމްރާން ޚާނަށް އެ ގައުމުގެ ޕާލެމެންޓްގައި އިތުބާރު އޮތް ކަަމަށް ޕާލަމެންޓްގެ ދަށުގެ ނުވަތަ ނޭޝަނަލް އެސެމްބްލީއިން ފާސް ކޮށްފި އެވެ.
މިއީ، ބޮޑުވަޒީރު އިމްރާން ޚާން އަމިއްލައަށް އިސްނަންގަަވައިގެން، އެމަނިކުފާނުގެ އިތުބާރު އޮތްތޯ ބެލުމަށް އެދުމުން ނަގާފައިވާ ވޯޓެކެވެ.
އެމަނިކުފާނުގެ އިތުބާރު ޕާލެމެންޓްގައި އޮތްތޯ ބަލަން އިމްރާން ޚާން ނިންމެވީ، ޕާކިސްތާނު ޕާލަމެންޓުގެ މަތިގެ، ސެނޭޓަށް މެމްބަރުން އިންތިޚާބު ކުރުމަށް މިދިޔަ ބުދަދުވަހު ނެގި ވޯޓުން އިމްރާން ޚާންގެ ތަހްރީކޭ އިންސާފު ޕާޓީގެ މާލީ ވަޒީރު، އަބްދުލް ހަފީޒް ޝެއިޚް ބަލިވެވަޑައި ގަތުމާ ގުޅިގެންނެވެ.
އިމްރާން ޚާންގެ ކެބިނެޓްގެ މާލީ ވަޒީރު އަބްދުލް ހަފީޒް ޝެއިޚްގެ މައްޗަށް ކުރި ހޯއްދަވައި، ސެނޭޓްގެ އިސްލާމްއާބާދު ތަމްސީލްކުރާ ގޮނޑި ކާމިޔާބު ކުރެއްވީ، އިދިކޮޅު ކެންޑިޑޭޓް ޔޫސުފް ރަޒާ ގީލާނީއެވެ. ޔޫސުފް ރާޒާ ގިލާނީ އަކީ ޕާކިސްތާންގައި ކުރިން ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅެކެވެ.
ބޮޑުވަޒީރު އިމްރާން ޚާންގެ އެދިވަޑައިގަތުމަށް އެމަނިކުފާނުގެ އިތުބާރު އޮތްތޯބަލަން ނޭޝަނަލް އެސެމްބްލީގައި މާޗް 6 ގައި ނެގި ވޯޓުގައި، ނޭޝަލަން އެސްމްބްލީގައި ހިމެނޭ 342 ގޮޑި ތަމްސީލް ކުރަށްވާ މެންބަރުން ތެރެއިން ބޮޑުވަޒީރު އިމްރާނަށް އިތުބާރު އޮތްކަަމަށް 178 މެންބަރުން ވޯޓް ދެއްވި އެވެ.
އިތުބާރު އޮތް ކަމަށް ފާސް ވަނީ ޖުމްލަ ގޮޑީގެ ދެބައިކުޅަ އެއްބަޔަށް ވުރެ އިތުރަށް އެއްވޯޓް ލިބިގެނެވެ. އިތުބާރު އޮތް ކަމަށް ހޯދަން ޖެހޭ އެންމެ ދަށް އަދަދަކީ 172 ވޯޓެވެ.
އެ ޖަލްސާގައި ބޮޑުވަޒީރު އިމްރާންގެ އިތުބާރުގެ ވޯޓު ނެގިއިރު، އިދިކޮޅު އެއްވެސް މެމްބަރަކު ޖަލްސާގައި ބައިވެރިއެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!