ށ. ފުނަދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމް ނިންމާލައިފިއެވެ.

ހުސްވި ފެބްރުއަރީ މަހުގެ 16 އިން ފެށިގެން މި މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގެ ކިލާސްތައް ކުރިއަށް ގެންގޮސްފައި ވަނީ އެރަށުގެ އެއާޕޯޓްގެ ދެކުނުން އޮންނަ ނިކަގަސް ބީޗް ސަރަޙައްދުގައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސް ދެއްވީ، ފާތިމަތު ނަޝްފާއެވެ.

Ad
rt

ފުނަދޫގެ ކަނބަލުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އެރަށުގެ 33 ކަނބަލެއް ވަނީ ބައިވެރިވެ، ތަމްރީންތައް ފުރިހަމަކޮށްފައެވެ.

މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު އޮތީ ރޭގައެވެ. އެ ރަސްމިއްޔާތުގައި އެ ޕްރޮގްރާމްގެ ބައިވެރިންނަށް ވަނީ ޕްރޮގްރާމް ފުރިހަމަ ކުރިކަމުގެ ލިޔުން ދީފައެވެ. އެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވައި، ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ށ. އަތޮޅުގެ އަތޮޅު ކައުންސިލް މެންބަރު އަހްމަދު ފާއިޒްއެވެ.

ރޭގެ ރަސްމިއްޔާތުގައި ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާޙީމްފުޅު ދެއްކެވިވާހަކާގައި ވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް މެދު ކަނޑާލި ނަމަވެސް މިއަަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައި އެރަށުގެ ކަނބަލުންނަށާއި، ޒުވާނުންނަށާއި އަދި ދޮށީ އުމުރުގެ މީހުންނަށް ހާއްސަކޮށް އެފަދަ އިތުރު ޕްރޮގްރާމްތައް ހިންގަވަން ނިންމަވައި، ބަޖެޓް ކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ.

Kasrathu programme ninmumuge rasmiyyaathuge therein.Nashfa Nash

Posted by Sh.Funadhoo council on Wednesday, March 3, 2021

ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާޙީމްފުޅު ''ތިލަދުން''އަށް ވިދާޅުވީ، ފުނަދޫގެ ރައްޔިތުންނަކީ އަބަދުވެސް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ލޯބިކުރާ ބަޔެއް ކަމަށާއި، ހާއްސަކޮށް އެ ރަށުގެ ކަނަބަލުންނަކީ ވަރަށް ގިނައިން ކަސްރަތު ކުރާ ބައެއް ކަމަށެވެ. އަދި މި ޕްރޮގްރާމުން އެ ކަނބަލުންނަށް އިތުރު ތަމްރީންލިބި، ދުޅަހެޔޮކަމަށް ކުރާނެ އިތުރު މޫދު ކަސްރަތުތަކާއި، އެ ކަސްރަތުތައް ކުރާންވީ ގޮތުގެ ތަމްރީނާއި، މައުލޫމާތު ލިބިގެން ދާނެކަމަށް އުންމީދު ކުރަށްވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން މިފަދަ ކަންކަމުގައި ފުނަދޫ ރައްޔިތުން ދެއްވާ ތަރުހީބާއި، އެއްބާރުލުން ފާހަގަކޮށް އޭނާ ވަނީ އެ ރަށުގެ ރައްޔިތުންނަށް ޝުކުރު އަދާކުރަށްވާފަ އެވެ.

The Stronger the women , the Stronger the community : day 3
#healthylifestyle
#funadhoo

Posted by Sh.Funadhoo council on Thursday, February 18, 2021

ފުނަދޫގައި ކުރިއަށް ގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމްގައި ބައިވެރިވި ބައިވެރިން އަތުން އެއްވެސް ފީއެއް ނަގާފައެއް ނުވެއެވެ. އަދި އެ ޕްރޮގްރާމް ހިންގަން ދިޔަ ހުރިހާ ޚަރަދެއްކޮށްފައި ވަނީ ފުނަދޫ ކައުންސިލުންނެވެ.

ފުނަދޫ ކައުންސިލަކީ ހިންގުންތެރި، ނަމޫނާ ކައުންސިލެއް ގޮތުގައި ފާހަގަކުރެވޭ ކައުންސިލަކަށްވާއިރު، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހޮވި، ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގެ 2018 އަދި 2019 ވަނަ އަހަރުގެ ނަތީޖާއިން، އެ ދެ އަހަރު ވެސް ށ. އަތޮޅުން 1 ވަނަ ރަށުގެ ގޮތުގައި ހޮވިފާވާ ކައުންސިލަކީ ވެސް ފުނަދޫ ކައުންސިލެވެ.