ހއ. ކެލާ ބަނދަރުގެ ނުނިމިހުރި މަސައްކަތްތައް ނިންމުމަށް އެމްޓީސީސީގެ ވެހިކަލްތައް މިއަދު ގެނެސްފިއެވެ.

ކެލާ ބަނދަރު ހެދުމަށް ހައުސިން މިނިސްޓްރީން ކެޕިޓަލް އިންވެސްޓްމަންޓް އެންޑް ފައިނޭންސް ޕްރިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 2015 ވަނަ އަހަރުގެ ޖޫން މަހުގައެވެ. ދެހާހަށް ވުރެ ބޮޑު އާބާދީއެއް ކެލާގައި ދިރިއުޅޭއިރު ކުރިން އެރަށުގައި އޮތީ 400 ފޫޓް ދިގު 250 ފޫޓް ފުޅާ ބަނދަރެކެވެ. ނަމަވެސް ކެލާގެ އާބާދީއާއި، ދުއްވާ ކަނޑުއުޅަނދު ފަހަރާ އަޅާބަލާއިރު ބަނދަރުގެ ދަތިކަން ރައްޔިތުން ދިޔައީ ތަހައްމަލު ކުރަމުންނެވެ.

Ad
rt

ކެލާގެ ރައްޔިތުންނަށް ދިމާވެފައިވާ ބަނދަރުގެ ދަތިކަން ހައްލުކުރުމަށް ނިންމާ ސަރުކާރުން ވަނީ ބަނދަރުގެ އިރުމަތީ ފަރާތުން 450 ފޫޓު ދިގުކޮށް، ފުޅާމިން 300 ފޫޓަށް ބޮޑުކޮށްފައެވެ. މިހާރު ކެލާ ބަނދަރަކީ 750 ފޫޓް ދިގު، 300 ފޫޓް ފުޅާ ތަނަވަސް ބަނދަރެކެވެ. ނަމަވެސް ބަނދަރު ހެދުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވަނިކޮށް ބަނދަރުގެ މަސައްކަތް ހުއްޓާލީ ބޭރު ތޮށީގައި ހިލަ ޖަހަމުންދިޔަ ގޮތާމެދު ރައްޔިތުން ހިތްހަމަ ނުޖެހިގެެންނެވެ.

ކެލާ ކައުންސިލްގެ ރައީސް ގުފްރާން ވިދާޅުވީ ވެހިކަލްތައް އެ ރަށަށް ގެނެސްފައިވަނީ މިއަދު ކަމަށާއި ބަނދަރުގެ ނުނިމި ހުރި މަސައްކަތްތަކުގެ ތަފްސީލު ހޯދުމަށް މާދަމާ އެމްޓީސީސީގެ އިސްވެރިންނާއި ކައުންސިލުން ބައްދަލުކުރަން ނިންމާފައިވާ ކަމަށެވެ. އަދި ލަސްތަކެއް ނުވެ ބަނދަރުގެ ނުނިމި ހުރި މަސައްކަތް ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.