ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރުގެ މައްސަލަ މާދަމާގެ މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފައިވާއިރު، އެ މައްސަލާގައި އަމަލުކުރާނީ ކުރީންވެސް އެމްޑީޕީ ޕީޖީ ގުރޫޕުން އެމައްސަލައާއި މެދު ނިންމާފައިވާ ގޮތަށް ކަމަށް، އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ބައެއް މެންބަރުން ވިދާޅުވެއްޖެއެވެ.
އެ މެންބަރުން މިހެން ވިދާޅުވީ، މިނިސްޓަރު މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި، ތްރީލައިން ވިޕެއްނެރެ، އޭނާ މަގާމުން ވަކިކުރަން ވޯޓު ދިނުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެންބަރުންނަށް އަންގަމުންދާކަމަށް އަޑު ފެތުރިފައިވާތީ ''ތިލަދުން'' އިން ބައެއް މެންބަރުންނާ ގުޅާލުމުންނެވެ.
އެ މެންބަރުން ވިދާޅުވީ، މަލީހްގެ އިތުބާރުނެތް ކަމަށް ކުރީން އެ ބޭފުޅުން ތަމްސީލް ކުރަށްވާ، އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ނިންމުމެއް އެބައޮތް ކަމަށެވެ. އެހެން ކަމުން ކުރީން ވެސް މަލީހްގެ އިތުބާރުނެތްކަމަށް އެ ގްރޫޕުން ނިންމާފައިވާތީ، މާދަމާ އަމަލުކުރާނީ އެ ނިންމުމާއި އެއްގޮތަށް ކަމަށް އެ މެންބަރުން ވިދާޅުވިއެވެ.
''މަލީހާއިމެދު ޕީޖީގެ ނިންމުން ބަދަލުކޮށް އާ ނިންމުމެއްނެތް، ކުރީގެ ނިންމުމާއެއްގޮތަށް މަލީހް ވަކިކުރަން މާދަމާ ވޯޓު ދެވޭނީ، އެކަން ބަދަލުވާނެ ހަމައެކަނި ގޮތަކީ ރައީސް ޞާލިޙް އެހެން އެކަން ނުކުރަން އެދުން، އެކަމަކު މިހާތަނަށްއައި އިރުވެސް ރައީސް ނެތް އެކަމަކަށް ވަކިއެއްޗެއް ވިދާޅުވެފައެއް، އެހެންވެ އަޅުގަނޑުމެން ިމި ބަލަނީ މިކަމުގައި ޕީޖީ ގްރޫޕްގެ ވިސްނުމާއެއްގޮތަށް ކުރިއަށްދާން ރައީސް ދޫދެއްވީ ކަމަށް''- އެއް މެންބަރަކު ވިދާޅުވިއެވެ.
އެ މެންބަރުން ވިދާޅުވީ، އެމެންބަރުންނާއި އެކަމުގެ ވާހަކަ ދެކެވުނު ޕީޖީ ގްރޫޕްގެ އެހެން މެންބަރުންގެ ވެސް ވިސްނުންހުރީ ހަމަ އެމަގަށް ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުގެ މަގާމުގައި ހުންނެވި މަލީހްގެ އިތުބާރުނެތް ކަމަށް، އެމްޑީޕީގެ 14 މެންބަރުން ސޮއިކޮށް ހުށަހަޅާފައިވާ އެ މައްސަލައިގައި އޭނާއަށް ގާނޫނީ ގޮތުން ދޭން ޖެހޭ ނޯޓިސް މަޖިލީހުން ފޮނުވީ މި މަހުގެ 14 ވަނަ ދުވަހު އެވެ.
މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު، އެކަމާ މެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ގޮތެއް ނުނިންމަވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ފެބްރުއަރީ 10 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވެވި ނިއުސް ކޮންފަރެންސްގައި ވިދާޅުވެފަ އެވެ.
މި ސަރުކާރުގެ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ޕީޖީން ކުރިން ނިންމީ އެ މައްސަލާގައި އެ ގްރޫޕްގެ އިތުބާރު މަލީހަށް ނެތްކަމަށާއި، ނަމަވެސް އެ މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދާށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!