ގާނޫނާއި ގަވައިދާ ހިލާފު އެއްވުންތައް ބޭއްވުމަށް ފުރުސަތެއް ނުދެއްވާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ އިދާރާއިން ދެންމެ އާންމުކުރި ނޫސްބަޔާނެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގައި ކޯވިޑް19 ފެތުރުން ކޮންޓްރޯލްކޮށް އާންމު ސިއްހަތު ރައްކާތެރިކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ، 13 ފެބްރުއަރީ 2021 ވަނަ ދުވަހުން ފެށިގެން، ވަކި ގޮތެއް އަނގަންދެން، މާލެ ސަރަހައްދުގައި އެއްފަހަރާ 10 މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމުތަންތަނަށް އެއްވެ އުޅުން ހުއްޓައިލުމަށް އަންގާފަ ކަމަށެވެ.
އެޗްޕީއޭގެ ހިންގުންތަކާ ހިލާފަށް، އަދި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާވެސް ހިލާ މިއަދު މާލޭގެ އެކި ސަރަހައްދުތަކުގައި އެއްވުންތަކެއް ބޭއްވުމަށް ރާވަމުންދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށް އެ ނޫސްބަޔާނުގައި ވެއެވެ.
''ކޯވިޑް 19 ފެތުރުން އިހުނަށްވުރެ އިންތިހާއަށް އިތުރު ވެފައިވާ މި ނާޒުކު ދަނޑިވަޅަކީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިސްކޮށް މި ބަލިމަޑުކަމުން އަރައިގަތުމަށް އެކުގައި މަސައްކަތްކުރަންޖެހޭ ވަގުތުކަމަށް މި ސަރވިސްއިން ދެކެމެވެ. އެހެންކަމުން، މިފަދަ ގާނޫނާއި ގަވައިދާ ހިލާފު އެއްވުންތައް ބޭއްވުމަށް މިސަރވިސްއިން ފުރުސަތު ނުދޭނެ ވާހަކަ ދަންނަވަމެވެ. އަދި، ހުރިހާ ބޭފުޅުންވެސް އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރައްވައި ގާނޫނީ ތަރަހައިގެ ތެރެއިން އަމަލުތައް ބެހެއްޓެވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސްކުރާ ހާލު، އެޗްޕީއޭގެ އެންގުންތަކާ ހިލާފުވެ، އާންމު ރައްޔިތުންގެ ސިއްހަތު
ނުރައްކަލުގެ ތެރެއަށް ހުށަހެޅޭގޮތަށް އަމަލުތައް ބަހައްޓާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު މިސަރވިސްއިން އަޅާނެ ވާހަކަ ދަންނަވަމެވެ.''- ފުލުހުން ވިދާޅުވެފަ ވެއެވެ.
ފުލުހުން މިގޮތަށް ވިދާޅުވިއިރު، އިދިކޮޅު ފަރާތްތައް އަންނަނީ މިއަދު ހަވީރު މާލޭގައި މުޒާހަރާކުރަން ތައްޔާރު ވަމުންނެވެ. އެ މުޒާހަރާ މިއަދު އޮންނާނެ ކަމަށާއި، އަދި މުޒާހަރާ ގެންދާނީ އެޗްޕީއޭގެ އެންގުމާއި އެއްގޮތަށް، ގާނޫނީ އިމުގެ ތެރެއިން ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!