ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ބެލެނިވެރިންގެ ހަފްތާ ވަރަށް ފޯރިއާއެކު ފަށައިގެން ކުރިއަށް އެބަދެއެވެ.

ސްކޫލުގެ ޕްރިންސިޕަލް ޝަހީދާ އަލީ "ތިލަދުން" އަށް ވިދާޅުވީ މިއީ މިގޮތަށް ބެލެނިވެރިންގެ ހަފްތާއެއް އެ ސްކޫލުގައި ބާއްވާ ފުރަތަމަ ފަހަރު ކަމަށެވެ. މި ހަފްތާ ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ސްކޫލުގެ މުވައްޒަފުންނާ ގުޅިން ބަދަހިކުރުމާއި ބެލެނިވެރިންގެ މެދުގައި ގުޅުން ބަދަހި ކުރުމުގެ އިތުރުން ބެލެނިވެރިން ސްކޫލަށްތަކައި ކޮށްދެއްވާ މަސައްކަތްތަކުގެ އަގު ވަޒަންކުރުން ކަމަށް ޝަހީދާ ވިދާޅުވިއެވެ.

Ad
rt

އެ ސްކޫލު ޕީޓީއޭއިން އިސްނަގައިގެން ފާހަގަކުރާ މި ބަލެނިވެރިންގެ ހަފްތާގެ ހަރަކާތްތައް ފެށުނީ އިއްޔެ ހެނދުނު ބޭއްވި އެސެމްބުލީންނެވެ. އެގޮތުން ހެނދުނު އެސެމްބުލީ ޝަރަފްވެރިކޮށްދެއްވީ ގައުމީ ޔުނިވާސިޓީގެ ލެކްޗަރ އަލީ އިސްމާއިލެވެ. މެންދުރުފަހުގެ އެސެމްބުރީ ޝަރަފްވެރިކޮށްދެއްވީ އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް ނަސިހާ އިދުރީހެވެ. މި އެސެމްބުލީތަކުގައި ސްކޫލު ލަވަ ރެކޯޑްކޮށް ހުށަހަޅާފައިވެ އެވެ. ސްކޫލްގެ ލަވަ ހުށަހަޅާދިނީ ބެލެނިވެރިންނާއި މުވައްޒަފުންނެވެ.

ޝަހީދާ ވިދާޅުވީ ބެލެނިވެރިންގެ ހަފުތާ ފާހަގަކުރުމަށް ރެއާއި މިރޭ އިންޓަހައުން މަދަހަ މުބާރާތެއް ބެލެނިވެރިންގެ މެދުގައި ކުރިއަށް ދާނެ ކަމަށާއި މާދަމާ ރެއިން ފެށިގެން އޮންނާނީ ބެލެނިވެރިންގެ އިންޓަހައުސް މަދަހަ މުބާރާތެއް ކަމަށެވެ. މި މުބާރާތް މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި ހަރަކާތްތަކުގެ ނަތީޖާފާޅުކުރުން އޮންނާނީ މިމަހު 15 ވާ އާދީއްތަ ދުވަހުގެ ރޭ ކަމަށް ޝަހީދާ ވިދާޅުވިއެވެ.

ޝަހީދާ ވިދަޅުވީ ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ބެލެނިވެރިންނަކީ ވަރަށް ހީވާގި ހިންގުންތެރި ބައެއް ކަމަށާއި ސްކޫލުގެ ކަންކަމުގައި ހުރިހާ ގޮތަކުން ވެސް ބެލެނިވެރިން ބައިވެރިވުން ފުރިހަމައަށް ލިބޭކަމަށްޓަކައި އެ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.