ތާރޑް ޕާޓީ ވެބްސައިޓްތައް މެދުވެރިކޮށް ފައިސާ ދައްކާފައިވާކަން ޔަގީންކުރުމަށް ޒާތީ މައުލޫމާތު ނުދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެދެފި އެވެ.

ބީއެމްއެލްއިން މިއަދު ނެރުނު ދެންނެވުމެއްގައި ބުނެފައިވަނީ،. ފައިސާ ދައްކާފައިވާކަން ޔަގީންކުރުމަށްޓަކައި ބައެއް ކަސްޓަމަރުން ތާރޑް ޕާޓީ ވެބްސައިޓް ބޭނުންކުރަމުންދާކަން އެބޭންކަށް ފަހަކަށްއައިސް ފާހަގަކުރެވިފައިވާކަމަށެވެ.

Ad
rt

އެގޮތުން www.kashavaru.com ހިމެނޭހެން ބައެއް ވެބްސައިޓްތަކުން ބޭންކުގެ އިންޓަރނެޓް ބޭންކިންގ ޕްލެޓްފޯމް ބޭނުން ކުރުމަށް މަސައްކަތްކޮށް ތާރޑް ޕާޓީ ޓްރާންސްފަރ ކޮންފަރމް ކުރާކަން ފާހަގަކުރެވިފައިވާކަމަށެވެ. މިގޮތުން ފުރަތަމަ ކަސްޓަމަރުންގެ ނަން، ފޯނު ނަންބަރު، އެކައުންޓް ނަންބަރު ފަދަ ޒާތީ މައުލޫމާތު ފޯރުކޮށްދޭން އެދޭކަމަށާއި އެއަށްފަހު ކަސްޓަމަރަށް ކޮންފަރމޭޝަން ކޯޑު ލިބުމުން އިންޓަރނެޓް ބޭންކިންގ ޔޫސަރ ނޭމް އަދި ޕާސްވޯޑް ޖެހުމަށް އެދޭކަމަށެވެ.

އަޅުގަނޑުމެން ކަސްޓަމަރުންނަށް ކިބައިން އެދެނީ އިންޓަރނެޓް ބޭންކިންގެ މައުލޫމާތު މިފަދަ ސައިޓްތަކާ އަދި އެހެން އެއްވެސް ފަރާތްތަކާ ހިއްސާ ނުކުރުމެވެ. އަދި ޕޭމަންޓް ކޮންފަރމް ކުރުމަށް މިފަދަ ވެބްސައިޓްތައް ބޭނުން ނުކުރުމަށް ވެސް އެދެމެވެ. ކަސްޓަމަރުންނަށް އިންޓަރނެޓް ބޭންކިންގ އަދި މޯބައިލް އެޕް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ޔަގީންކުރެވޭނެއެވެ.

ބީއެމްއެލްއިން ނެރެފައިވާ ދެންނެވުމުގައި ބުނެފައިވެއެވެ.

އެބޭންކުން އިތުރަށް ބުނީ، ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ރައްކާތެރިކަންމަތީ ބެލެހެއްޓުމުގެ ޒިންމާ އަކީ އެބޭންކް އިން މުހިންމު އަހުމިއްޔަތުކަންދޭ އެއް ކަމެއްކަމަށާއި އެހެން ފަރާތަކުން ކަސްޓަމަރުންގެ މިފަދަ މައުލޫމާތު ބޭނުންކުރުމާއި، ވަގަށް ނެގުމާއި ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް ބޭންކުން މުހިންމު ސަލާމަތީ ފިޔަވަޅުތަކެއްވެސް އަޅާފައިވާކަމަށެވެ.

ނަމަވެސް، ކަސްޓަމަރުން އަމިއްލައަށް އެހެން ފަރާތަކާ މިފަދަ ޒާތީ ސިއްރު މައުލޫމާތު ހިއްސާ ކުރުމުން މި މައުލޫމާތު ރައްކާތެރިކުރުމަށް ބޭންކުން ކަނޑައަޅާފައިވާ ކޮންޓްރޯލްތަކަށް ނޭދެވޭ އަސަރުކުރެއެވެ .

ބީއެމްއެލްއިން ނެރެފައިވާ ދެންނެވުމުގައި ބުނެފައިވެއެވެ.

އެބޭންކުގެ ކަސްޓަމަރުންގެ ފަރާތުން ތަކުރާރުކޮށް އެދެނީ އެއްވެސް ފަރާތަކާ ޒާތީ މައުލޫމާތު ހިއްސާ ނުކުރުމަށްކަމަށް އެ ދެންނެވުމުގައި ބުނެފައިވެއެވެ. ބޭންކުން މިފަދަ ވެބްސައިޓްތައް މޮނީޓަރ ކުރުމަށްފަހު ކަސްޓަމަރުން ރައްކާތެރިކުރުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅަމުންދާނެކަމުގެ ޔަގީންކަން އަރުވާކަމަށްވެސް ބުނެފައިވެއެވެ.