މިރުސްގަހުގައި އުޅޭ މައްސަލައަކީ ތުރިޕްސްގެ ސަބަބުން ދިމާވާ މައްސަލައެއްތޯ ބެލުމަށް މި އަލާމާތްތައް މިރުސް ގަހުން ފެނޭތޯ ބަލާށެވެ.
- މައްޗަށް ފަތް އޮޅުން
- ފަތް ފޭބުން އަވަސްވުން
- މަލާއި މިރުހަށް ބަދަލުއައުން
- ހަށިގަނޑު ކަޅުމުށިކުލަކަށް އަދި ފިޔަ ރީނދޫ ކޮށް ހުންނަ ކުދި ހިމަ ދިގުކޮށް ތިބޭ ސޫއްޕެއް ފަތްތަކުގައި ތިބުން
ތްރިޕްސް އިން ފަތާއި ކުރިއަށް ލިބޭ ގެއްލުން
ތުރިޕްސް ގަހަށް ދޭ ގެއްލުމާއި ގެއްލުން ދޭގޮތް
ޅަ ތުރިޕްސް އަދި ފުރާފުރިހަމަވެފައި ތިބޭ ތުރިޕްސްވެސް ކައި އުޅޭނީ ފަތުގެ ދަށްފުށުންނެވެ. މިސޮރުމެން އެހެން ތިބެ ފަތްތައް ތޮރުފައި ގާނައި ހަދައިގެން ފަތުގެ މަޑުބައިން ނުކުންނަ ދިޔަ ބޮއެ ހަދައެވެ.
ތްރިޕްސްގެ ސަބަބުން މިރުހަށް އަންނަ ބަދަލު
ތުރިޕްސް އަޅާފައިވާ ފަތްތަކުގައި މަޑުމުށި ނުވަތަ ރިހި ކުލައިގެ ތިކިތަކެއް ޖަހައެވެ. އަދި ފަތްތައް އައިބުވުމާއި އޮޅުމުގެ ނިޝާންތައް ފެންނަން ފަށައެވެ.
އަދި މާބޮޑަށް ތުރިޕްސް އަޅައިފިނަމަ ފަތްތައް އެއްކޮށް އައިބުވެ، ފަތްތައް މާ އަވަސްއަވަހަށް ފައިބަން ފަށައެވެ.
ތްރިޕްސްގެ ސަބަބުން މިރުހަށް އަންނަ ބަދަލު
ތުރިޕްސް މަލުން ކައިހަދާނަމަ މަލުގެ ފިޔަތަކުގައި ދިގަށް ހުންނަ ރޮނގުތަކެއް ހުރެއެވެ. އަދި އެހެން ހުރެފައި މައު ހިކިގެން ވެއްޓޭގޮތް ދިމާވެދާނެއެވެ.
ތްރިޕްސްގެ ސަބަބުން މިރުހަށް އަންނަ ބަދަލު
އަހަރުގެ ހުރިހާ ހިސާބެއްގައި ތުރިޕްސް އެޅިނަމަވެސް، ތުރިޕްސް އެންމެ ގިނަވެގެން ދަނީ ހޫނު ގަދަ މޫސުމުގައާއި މާގިނައިން ފަސްގަނޑަށް ނައިޓްރިޖަން ދެވޭނަމަ އެވެ.
ތްރިޕްސް ދެނެގަތުން
ތުރިޕްސް އިން ގަހަށް ގެއްލުން ލިބޭ މި ޢަލާމާތްތައް ފެންނަނީ ތުރިޕްސްގެ 2 ވައްތަރެއް އެޅުމުންނެވެ. އެއީ ސާޓޯތުރިޕްސް ޑޯސަލިސް އާއި ރައިޕިފޮރޯތުރިޕްސް ކްރްއެންޓޭޓަސް އެވެ.
1. ސާޓޯތުރިޕްސް ޑޯސަލިސް
ސާޓޯތުރިޕްސް ޑޯސަލިސް ތިބެނީ ހައިގަހުގައި ހުންނަ ކަހަލަ ރީނދޫ ކުލައެއްގައެވެ. މިވައްތަރުގެ އަންހެން ތުރިޕްސް ޅަފާތާއި ފަތްބޯށީގެ ތެރެއަށް ހުދުއަޅި ކުލައަކަށް ދާ، ކުޑަ ބީންސް އޮށެއްގެ ބައްޓަމަށް ހުންނަ، ގާތްގަނޑަކަށް 50 ވަރަކަށް ބިސް އަޅައެވެ. އާބާދީ އިތުރުވާ ވަރަކަށް ހަރުފަތުގެ ކޮޅުތަކަށްވެސް ބިސްއަޅަން ފަށައެވެ. ބިސް އަޅާތާ 3 ދުވަހާއި 8 ދުވަހާއި ދޭތެރޭގައި ބިސްތައް މޮވައެވެ. އަލަށް މޮވައިގެން ނުކުންނަ ޅަ އެއްޗެހި ތިބޭނީ ދެކޮޅަށް ހިމަ ފަނިތަކެއްހެން ރަތްކުލައަކަށެވެ. ބޮޑެތި ވާވަރަކަށް ރީނދޫކުލައަށް ބަދަލުވަމުން ދެއެވެ.
2 ވައްތަރުގެ ތްރިޕްސް
ސިފަ ބަދަލުވުމުގެ މަރުޙަލާ ފެށުމާއެކު ޅަ ތުރިޕްސް ފަނި ގަހުން ބިންމައްޗަށް ވެއްޓެއެވެ. ދޫ ފަސް ނުވަތަ ގަހުގެ ބުޑުގައި ހުންނަ ފަތްތަކުގެ ހިމާޔަތުގައި ތިބެ އިތުރު 2 ދުވަހާއި 5 ދުވަހާއި ދޭތެރޭ ފަނި ޕިއުޕާއަކަށް ބަދަލުވެއެވެ. ޕިއުޕާ ފަޅައިގެން ދާއިރު ތުރިޕްސް ތިބެނީ ފިޔަ ފަޅައިފައެވެ. ދެން ގަހުންލާފައި ނުވަތަ އުދުހިފައި ގަހަށް ބަދަލުވަނީ އެވެ.
2. ރައިޕިފޮރޯތުރިޕްސް ކްރްއެންޓޭޓަސް
ރައިޕިފޮރޯތުރިޕްސް ކްރްއެންޓޭޓަސް ކުދިވެފައި ހިމަތޮޅި ވާނެއެވެ. ހަށިގަނޑު މަޑުވެފައި ބޯޑަރެއް ގޮތަށް ސިފަވާ ބޯ ކެހެރިތަކެއް ފިޔައިގެ ވަށައިގެން ހުންނާނެއެވެ. ފުރާފުރިހަމަ ވެފައި ތިބޭ އުމުރުގައި ގައިގައި ހުންނާނީ ކަޅު މުށިކުލައެކެވެ. ފިޔާގައި ހަމަ މަޑު ރީނދޫކުލައެވެ. ދިގުމިނުގައި ހުންނާނީ 1.44 މިލިމީޓަރެވެ.
ތުރިޕްސް އިން ރައްކައުތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް
- ލިބެން ހުރިނަމަ ތުރިޕްސްއިން ރައްކާތެރިކުރެވޭ ފަދަ ވަރުގަދަ މުޑުވަށް ހޯދާށެވެ.
- ތުރިޕްސް އުޅޭކަން ދެނެގަތުމަށް ތަތްގަދަ ޓޭޕެއް ގަހުގެ ކައިރީގައި ދަނޑިކޮޅެއްގައި އޮޅާފައި ބަހައްޓާށެވެ.
- ތުރިޕްސް އަޅާފައިވާ ގަހުން ދޭތެރެދޭތެރެއިން ފަތް ބިނދެގެން ހުދު ކަރުދާހެއްގެ މައްޗަށް ތުރިޕްސް ހުސްކޮށް ނައްތާލަން މަސައްކަތްކުރާށެވެ.
- ގިނައިން ތުރިޕްސް އަޅާފައި ހުންނަ ގަސްތައް ދަނޑުން ބޭރުކުރާށެވެ.
- ގަވައިދުން ގަހުގެ ބުޑަށް ފެންދޭށެވެ. އަދި ބޭނުންވާ ވަރަށްވުރެ އިތުރަށް ނައިޓްރިޖަން ކާނާ ގަހަށް ނުދޭށެވެ.
- ބޭނުންތެރި ސޫފިސުފާސޫފި ހިމާޔަތްކުރުމަށްޓަކައި، ސޫފިމަރާ ބޭސް ގިނައިން ބޭނުންނުކުރާށެވެ.
ތުރިޕްސް ބިސް ގަހުން ފެނިދާނެ ގޮތްތައް
- ހައްދަން ބޭނުންވާ ގަސް ފެންނަން ހުންނަ ހިސާބުގައި ތުރިޕްސް އާލާވާ، ބޭނުން ނޫން އެހެނިހެން ގަސް ހައްދާފައި ބަހައްޓާށެވެ.
- ދަނޑު ތެރޭގައާއި ވަށައިގެން ފަޅާ ހުއި ގަސްތައް އުފުރަމުން ގެންދާށެވެ.
- ދުރުން ވައިގެ ޒަރީޢާއިން އަންނަ ބަލިމަޑުކަމުން ގަސް ރައްކައުތެރިކުރުމަށް ވައިމަތަ ބޭނުންކުރާށެވެ.
- ގަހުގެ ބުޑުގައި ހުންނަ ދޫ ފަސް ފަށަލަ ދޭރެދޭތެރެއިން ހާވާލައި ތުރިޕްސްގެ ޕިއުޕާ އިރުގެ އަވިން ނައްތައިލުމަށް މަސައްކަތްކުރާށެވެ.
ޤުދުރަތީ ފަރުވާ
އަންނާރުގަހުން ތުރިޕްސް ނައްތައިލުމަށް ގަހަށް ގެއްލުންނުދީ ތުރިޕްސްއަށް ހަމަލާދޭ ބައެއް ކަހަލަ ބަގްސް (ކުދި މަޑި) އަދި މައިޓްސް (ވަރަށް ކުދިކޮށްތިބޭ މަކުނު) ދުނިޔޭގެ ބައެއް ގައުމުތަކުގައި ބޭނުންކޮށްފައި އެބަވެއެވެ. އެގޮތުން މިރުހާއި މޭބިސްކަދުރު ގަހުން ތުރިޕްސް ނައްތައިލުމަށް އީ.ސޮޖޭންސިސް، އީ.ހިބިސައި އަދި އީ.ޓުލަރެންސިސް މައިޓް ބޭނުންކުރެވެއެވެ.
ތުރިޕްސް އާއި ތްރިޕްސް ފަނި މެރުމަށް ޑަޔަޓޯމޭސަސް ކިލާފަސް ހަވީރުގެ ވަގުތުގައި ގަހުގެ ބުޑަށް އަޅައި ފަތްތަކަށް ޖެހުމަކީވެސް ޤުދުރަތީ ފަރުވާއެކެވެ.
ސްޕައިނެޓޯރަމް ނުވަތަ ސްޕައިނޯސޭޑް ފަތުގެ ދެފަރާތަށް އަދި ގަހުގެ މައިގަނޑުގެ ތިރިޔަށް ޖެހުމަކީވެސް ފަރުވާއެކެވެ.
ކެމިކަލް ފަރުވާ
ތުރިޕްސްއިން ސަލާމަތްވުމަށްޓަކައި، ތުރިޕްސް އެޅިޔަނުދިނުމަށް ކުރަންޖެހޭ ކަންކަން ކުރުމާ އެކުއެކީ، ޤުދުރަތީ ފަރުވާ ބޭނުންކުރުމަށް އަބަދުވެސް މަސައްކަތްކުރާށެވެ. އެވަރުން ނުވާނަމަ ދެން ފުރިހަމަ މަޢުލޫމާތު އެނގި ހުރެ ކެމިކަލް ފަރުވާއެއް އިޚްތިޔާރުކުރެވިދާނެ އެވެ.
މިރުސް ހައްދާއިރު ތްރިޕްސް އިން ގަސް ގުރުނޑުވާނަމަ (ފަތް ރޫޖެހި، އޮޅި އައިބު ވާނަމަ) ދޭން އެެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވަނީ ރޯގޯ. 'މިރުސް އިންދައި ހެއްދުން' ، ޞ. 44، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، 2020.
ތުރިޕްސް ކޮންޓްރޯލްކުރަން ބޭނުންކުރާ ބައެއް ކެމިކަލް ބޭސް
- ފުލޫބެންޑަމައިޑް %19.92 އެސް.ސީ، ތިއަކްލޮޕްރިޑް %19.92 އެސް.ސީ
- ސިނަޓްރަނިލިޕްރޯލް %10.26 އޯ.ޑީ
- ސްޕިނޮސޭޑް %45.0 އެސް.ސީ
ކެމިކަލް ބޭސް ބޭނުންކުރަން ވާނީ ކަމާބެހޭ މާހިރެއްގެ އިރުޝާދާ އެއްގޮތަށެވެ.
https://thiladhun.wonstasite.com/49794
ނޯޓް: މިއީ ހުބާ ޕްލާންޓްސް ގެ ހެޔޮއެދުންތަކާއިއެކު ގެނެސްދެމުންދާ ސިލްސިލާ މަޢުލޫމާތުތަކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!