ބޮޑުތިލަދުންމަތީގައި ގާއިމުކުރާ ހައި-ސްޕީޑް ފެރީގެ ޚިދުމަތް މިއަހަރު ނޮވެމްބަރުމަހު ފަށަން ނިންމައި، ޚިދުމަތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިގޮތުން ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ އިންޓަރގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވާރކްގެ ފުރަތަމަ ފިޔަވަހީގެ ޚިދުމަތުގެ އެއްބަސްވުމުގެ ދަށުން ހއ. އަތޮޅާއި، ހދ. އަތޮޅާއި އަދި ށ. އަތޮޅުގައި ހައި-ސްޕީޑް ފެރީގެ ޚިދުމަތް ފެށުމަށް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެނީ (އެމް.ޓީ.ސީ.ސީ)އާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ މިއަދު އެވެ.

Ad
rt

ޕްލޭނިން މިނިސްޓްރީއިން ވިދާޅުވީ، މިއަދު ސޮއިކުރެވުނު އިންޓަރގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރ ވޯރކްގެ ފުރަތަމަ ފިޔަވަހީގެ ޚިދުމަތުގެ
އެއްބަސްވުމުގެ ދަށުން ފުރަތަމަ ފިޔަވަހީގައި ހއ. ހދ. އަދި ށ. އަތޮޅުގައި އެކަށީގެންވާ ހެޔޮ އަގެއްގައި، ޒަމާނީ ފެންވަރުގެ، ހައި ސްޕީޑް ފެރީގެ ޚިދުމަތް
މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ.

މި ފިޔަވަހީގެ ޖުމްލަ އިންވެސްޓްމެންޓަކީ 157 މިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 52 މިލިއަން ރުފިޔާއަކީ މި މަސައްކަތް ފެނުމުގެގޮތުން ސަރުކާރުން އިންވެސްޓްކުރުމަށް އެއްބަސްވެފައިވާ ޢަދަދު ކަމަށް އެ މިނިސްޓްރީއިން ވިދާޅުވެއެވެ.

ޚިދުމަތުގެ އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ޕްލޭނިން މިނިސްޓްރީ

މިއަދު ސޮއިކުރެވުނު މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ނޭޝަނަލް ޕްލޭނިންގ ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޢިމާދެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޝަންސް އޮފިސަރ ޝާހިދު ޙުސެއިން މޫސާއެވެ.

ރާއްޖޭގެ ރަށްތައް ކަނޑު ދަތުރުފަތުރުގެ ލުއިފަސޭހަ ނިޒާމަކުން ގުޅައިލުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ހއ، ހދ. އަދި ށ. އަތޮޅުގެ ރަށްތަކަށް، މުޅިން އައު ދަތުރުތަކެއް ފެށުމަށް ތައްޔާރުވަމުން ގެންދަވާކަން ހާމަކުރަށްވައި، ދުވެލި ހަލުވި، ތިމާވެއްޓާ ރަޙްމަތްތެރި އަދި ރައްކާތެރި އުޅަނދުތަކެއްގެ އެހީގައި ހައި ސްޕީޑް ފެރީނިޒާމެއްގެ ޚިދުމަތް ފައްޓަވާނެ ކަމަށް ރައީސް ޞާލިޙް ޢިއުލާން ކުރެއްވީ ރައްޔިތުންގެ މަޖިލިސްއަށް މިދިޔަ އަހަރު އިއްވެވި ރިޔާސީ ބަޔާނުގައި އެވެ. އަދި އެ މަޝްރޫޢު ހިންގުމަށް ސަރުކާރުގެ މި އަހަރުގެ ބަޖެޓްގައި ވަނީ 50 މިލިއަން ރުފިޔާ ހިމަނުއްވާފަ އެވެ.