ިހަތަރު ރަށެއްގައި އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދަން ސަރުކާރުން ޢިއުލާންކޮށްފިއެވެ.

މިގޮތުން މިނިސްޓްރީ އޮފް ފިނޭންސްއިން ކުރި ޢިއުލާނުގައި ބުނެފައި ވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން ހަތަރު ރަށެއްގައި އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދަން ބޭނުންވާ ކަމަށެވެ.

Ad
rt

ސަރުކާރުން އަލަށް އެއާޕޯޓް ތަރައްގީކުރަން ހުޅުވާލާފައިވާ ރަށްތަކަކީ އުތުރުން ހދ. މަކުނުދޫ، ށ. ބިލެތްފަހި، ބ. ތުޅާދޫ އަދި ތ. ވިލުފުއްޓެވެ.

ފިނޭންސް މިނިސްޓްރީއިން ވަނީ މިމަސައްކަތްތައް ކޮށްދިނުމަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީއޯއައި) ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފަ އެވެ.

މި މަސައްކަތްތަކަށް ކުރިމަތިލާއިރު، އެއް ފަރާތަކަށް އެއް އެއާޕޯޓަށްވުރެ ގިނަ އެއާޕޯޓަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހެޅިދާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ޢިއުލާންގައި ބުނެފަ ވެއެވެ.

މިމަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރް) ފިނޭންސް މިނިސްޓްރީގެ ވެބްސައިޓް ''www.finance.gov.mv'' އިން މިމަހުގެ 31 އިން ފެށިގެން ޑައުންލޯޑް ކުރެވޭ ގޮތަށް ހަމަޖައްސާފައިވާއިރު، މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނީ މި މަސައްކަތައް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ކަމަށް ވެސް އެ މިނިސްޓްރީއިން ބުނެއެވެ.

މި އެއާޕޯޓްތައް ތަރައްގީ ކުރުމަށް ޝަޢުޤުވެރިވާ، ޝަތުރު ހަމަވާ ފަރާތްތަކުން 2021 ފެބުރުވަރީ 15ވާ ހޯމަ ދުވަހުގެ 14:00ގެ ނިޔަލަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީއިން ވަނީ ހުޅުވާލާފައެވެ.

ރާއްޖޭގެ ކޮންމެ ރަށަކުން ވެސްް ވިއްސަކަށް މިނެޓް ތެރޭގައި ދެވޭ ހިސާބުގައި އެއާޕޯޓެއް ބާއްވަން ކުރީގެ ސަރުކާރުން ކަނޑައެޅި ސިޔާސަތު މިސަރުކާރުން ދަމަހައްޓާނެ ކަަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓިއެއްގައި ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގައި މިހާރު ބައިނަލް އަގްވާމީ ތިން އެއާޕޯޓެއް އޮތްއިރު، ޑޮމެސްޓިކް 14 އެއާޕޯޓެއް އެބައޮތެވެ. އޭގެ ތެރޭގައި އުތުރަށް ނިސްބަތްވާ އެއާޕޯޓް ތަކަކީ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި، ހދ. ކުޅުދުއްފުށީ އެއާޕޯޓާއި، ހއ. ހޯރަފުށީ އެއާޕޯޓާއި، ށ. ފުނަދޫ އެއާޕޯޓާއި، ބ. ދަރަވަންދޫ އެއާޕޯޓާއި އަދި ރ. އިފުރު އެއާޕޯޓެވެ.

މިހާރު ވެސް ބައެއް އެއާޕޯޓްތައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.