އިންޑިޔާ ސަރުކާރުން ސްރީލަންކާއަށް ހިލޭ އެހީގެ ގޮތުގައި ކޯވިޑް-19ގެ5 ލައްކަ ޑޯސޭޖް ހަދިޔާކޮށްފިއެވެ.

އިއްޔެގެ ވަގުތެއްގައި ލަންކާގެ ރައީސް ގޮޓާބަޔާ ރާޖަޕަކްސާ ވަނީ ކޮވީޝީލްޑްގެ 5 ލައްކަ ވެކްސިން ލަންކާއަށް ލިބިއްޖެކަމަށް އިޢުލާންކޮށްފައެވެ.

Ad
rt

އަދި މިއީ އިންޑިޔާ ސަރުކާރުން "އަވައްޓެރިން ފުރަތަމަ" ޝިއާރުގެ ދަށުން ކައިރި ޤައުމުތަކަށް ވެކްސިން ހަދިޔާ ކުރުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގުރާމްގެ ދަށުން ލަންކާއަށް ދިން ފުރަތަމަ ހިލޭ އެހީއެވެ.

އިންޑިޔާއިން މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ސާކުގެ ޤައުމުތައް ކަމަށްވާ ލަންކާ، ރާއްޖެ، ބޫޓާން، ބަންގްލަދޭޝް، އަދި އޭޝިޔާގެ އެހެނިހެން ޤައުމުތައް ކަމަށްވާ މިޔަންމާ، ސީޝެލްސް އަދި މޮރީޝަސްއަށްވެސް ވެކްސިން ފޯރުކޮށްދޭނެކަމަށް ބުނެފައެވެ.

ނޭޕާލް، ބަންގްލަދޭޝް، ބޫޓާން އަދި ރާއްޖެއަށް މިހާރު ވަނީ މި ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް ލިބިފައެވެ. އަދި މިއީވެސް "އަވައްޓެރިން ފުރަތަމަ" ޝިއާރުގެ ދަށުން ދޫކުރި ހިލޭ ވެކްސިންއެވެ.

މިއަދު ލަންކާއަށް ފޮނުވި ވެކްސިން ހިފައިގެން އެ ޤައުމަށް ގޮސްފައިވަނީ އިންޑިޔަން އެއަރ ފޯސްގެ މަތިންދާ ބޯޓެކެވެ. އަދި މި ވެކްސިން ލިބިގަތުމަށް ލަންކާގެ ރައީސްގެ އިތުރުން ކޮލަމްބޯގައި ހުންނަ އިންޑިޔަން އެންވޯއީ ވެސް ވަނީ އެއަރޕޯޓަށް ވަޑައިގެންފައެވެ.

މި ވެކްސިން އެ ޤައުމަށް ގެނެސްފައިމިވަނީ އޮކްސްފޮރޑްގެ އަޒްޓްރާ ޒެނީކާގެ ކޮވިޝީލްޑް ވެކްސިން އެ ޤައުމުގައި ދިނުމަށް ނިންމައި، އަދި އެ ކަމަށް ދޫކުރަންޖެހޭ ހުއްދަވެސް ދޫކުރުމަށްފަހުއެވެ.

އިންޑިއާއިން ލަންކާއަށް ކޯވިޑް ވެކްސިން ފޯރުކޮށްދީފައިވާއިރު، އެ ގައުމުން މިހާތަނަށް ވަނީ 61،045 މީހުންނަށް ކޯވިޑް ބަލި ޖެހިފައެވެ. އަދި އެ ގައުމުން ވަނީ 297 މީހުން މަރުވެ، 54،435 މީހުން އެ ބަލިން ރަނގަޅުވެސް ވެފައެވެ.