ހއ. ހޯރަފުށީގައި ގެސްޓުހައުސް ތަރައްގީކޮށް ހިންގަން ހޯރަފުށީ ކައުންސިލުން 7 ބިމެއް ބީލަމަށް ހުޅުވާލައިފިއެވެ.
ހޯރަފުށީ ޓޫރިޒަމް ޒޯނުން 7 ބިމެއް، އެރަށު ކައުންސިލުން މިއަދު ބީލަމަށް ހުޅުވާލާފައި މިވަނީ އެރަށުން ގެސްޓްހައުސްގެ ވިޔަފާރިއަށް ބިން ދޫކުރުމުގެ އެމްއޯޔޫގައި ހޯރަފުށީ ކައުންސިލާއި، ޓޫރިޒަމް މިނިސްޓަރީއާއި ދެމެދު މިއަދު ސޮއި ކުރެވިގެން ދިޔުމާއިއެކުގައެވެ.
ހޯރަފުށީގައި ގެސްޓްހައުސް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އެ ބިންތަކާއި ގުޅޭގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ އޮންލައިން ބައްދަލުވުމުގައި ބައިވެރިވާން ފެބްރުއަރީ 1 ވަނަ ދުވަހުގެ 14:00ގެ ކުރިން ހޯރަފުށީ ކައުންސިލަށް އީމެއިލް ކުރައްވަން ޖެހެއެވެ. މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ ފެބްރުއަރީ 3 ވަނަ ދުވަހުގެ 13:00 ގައެވެ. އަދި ބިޑު ހުށަހަޅުއްވަން ޖެހެނީ ފެބްރުއަރީ 18 ވަނަ ދުވަހުގެ 13:00 އަށެވެ.
ހޯރަފުށީ ޓޫރިޒަމް ޒޯނުން ބިންތަކެއް ބީލަމަށް ހުޅުވާލުމާއިގުޅިގެން މައުލޫމާތު ހިއްސާކުރަށްވަމުން ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދު ''ތިލަދުން''އަށް ވިދާޅުވީ، ޓޫރިޒަމަށް ބިން ދޫކުރުމަކީ ގިނަ މަރުހަލާތަކެއް ކަޑައްތުކޮށް، ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމެއް ކަމަށާއި، އެ މަސައްކަތުގެ ކާމިޔާބާއި ހަމައަށް ވާސިލްވެވުނީ ހޯރަފުށީ ތަމްސީލް ކުރަށްވާ، އެ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ)ގެ ވަރަށް ބޮޑު މަދަދުވެރި ކަމާއެކުގައި ކަމަށެވެ.
''މި މަސައްކަތުގައި ކާމިޔާބު ކަމާއެކު މިހިސާބަށް އައުމުގައި އަޅުގަނޑުމެންނަށް މި ދާއިރާގެ މެންބަރު ސައްލެގެ ފަންނީ އަދި އެހެނިހެން އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެންދިޔަ، މިކަން ކާމިޔާބު މިވީ ސައްލެގެ މިންނެއް މަސައްކަތާއިއެކު، މިއީ ވަރަށް ގިނަ ލިޔެކިޔުން ބަދަލުކުރެވި، ވަރަށް ގިނަ ދުވަހުގެ ވަރަށް ބުރަ މަސައްކަތެއް، ހަމައެހެންމެ އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރ ރާއިދު ދެއްވި ފަންނީ އެހީތެރިކަން ވެސް ފާހަގަކޮށްލަން، ޓޫރިޒަމް ނިސްޓަރު ޑރ. މައުސޫމަކީ ވެސް ވަރަށް ދީލަތި ވަރަށް ހެޔޮ ބޭފުޅެއް، މިނިސްޓަރާއި އެ މިނިސްޓްރީގެ ފަންނީ މުވައްޒަފުންގެ ފަންނީ އެހީއާއި، އިރުޝާދުވެސް ފާހަގަކުރަން، އެ މިނިސްޓްރީގެ މުވައްޒަފުން ވަނީ ބިޑް ތައްޔާރު ކުރުމުގައާއި، ޢިއުލާން ކުރުމުގައާއި އަދި ގާނޫނީ ލަފާދިނުމުގައި ވެސް އެހީތެރިކަންދީފައި''
ވަޙީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމަސައްކަތުގެ ބިންގާ އަޅުއްވާދެއްވީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ކަމަށާއި، އެމަނިކުފާނުގެ އެހީތެރިކަން ހޯރަފުށީ ކައުންސިލާއި ރައްޔިތުން ހަނދާން ނުނެތޭނެ ކަމަށެވެ. އަދި ހޯރަފުށީ ކައުންސިލްގެ މުރާލި މުވައްޒަފުން ހިމެނޭހެން އެ އެންމެހާ ފަރާތްތަކަށް ހޯރަފުށީ ކައުންސިލާއި، ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރަށްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހޯރަފުށީން ފަތުރުވެރިކަމަށް ބިން ކަނޑައެޅުމަށް ހުއްދަ ހޯދުމުގެ މަރުހަލާތަކުގެ މަސައްކަތްތަކުގެ ތެރެއިން،
''އަޅުގަނޑުމެން ޢިއުލާން މިކުރި ބިންތަކަކީ އެކި ސައިޒްގެ ބިންތައް، ދެހާސް އަކަފޫޓަށްވުރެ ބޮޑުވާނެ ކޮންމެ ބިމެއްވެސް، 2000 އަކަފޫޓު ،2400 އަކަފޫޓު، 2500 އަކަފޫޓު، 2700 އަކަފޫޓު މިގޮތަށް އެކި ސައިޒްގެ ބިންތައް ހުންނާނެ، ވިޔަފާރިވެރިންނަކީ ވެސް އެކި ވަރުގެ ވިޔަފާރިވެރިން ނޫންތޯ، އެ ވިޔަފާރިވެރިއަކަށް އެކަށޭނަ ބޮޑުމިނެއްގެ ބިމަކަށް ކުރިމަތިލާންވީ، އަޅުގަނޑުމެން އެހެރީ ވީހާވެސް ގިނަ ފަރާތްތަކަށް ފުރުޞަތު ލިބޭހެން ބިންތައް ކަނޑައަޅާފައި، ކޮންމެ ވިޔަފާރިއަކަށް ވެސް ހަމަހަމަ ފުރުޞަތު އޮންނާނެ، ކައުންސިލާއި ރައްޔިތުންގެ އެއްބާރުލުން ލިބޭނެ، އަޅުގަނޑުމެން އެދެނީ ވީހާވެސް ގިނަ ފަރާތްތައް މި ބިޑްތަކަށް ކުރިމަތިލައި، މިކަމުގައި ކުލަޖެހިގެން ދިޔުން''
ވަޙީދު އިތުރަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި، ހޯރަފުށީގައި ލޯކަލް ޓޫރިޒަމް ތަރައްގީކޮށް، ވިޔަފާރިތައް ފުޅާކުރުމަށް ފުރުޞަތު ހުޅުވިގެން ދިޔައީ މިސަރުކާރުން، ރައީސް ޞާލިޙް އެރަށުގައި އެއާޕޯޓު ތަރައްގީކޮށްދެއްވުމުން ކަމަށެވެ.
ހޯރަފުށީގައި ފަތުރުވެރިކަމުގެ ބޮޑު މަޝްރޫއެއްފަށަން ފުރަތަމަ ފިޔަވަޅު އަޅާފައިވާއިރު، އެރަށުގެ ބީޗް ފުރަންޓުން ކަނޑައަޅާފައިވާ ފަތުރުވެރިކަމުގެ ޒޯނުގެ އިތުރުން އެރަށުގެ ފަޅުތެރޭގައި ގިނަ ފަޅުރަށްތަކެއް އޮތުމުން، އެރަށަކީ ފަތުރުވެރިކަމުގެ ބިޔަ މަޝްރޫއެއް ހިންގޭނެ ފުރުޞަތު ތަނަވަސް ވެފައިވާ، ކުރިމަގު އުޖާލާ ރަށެކެވެ.
މީގެއިތުރުން ހޯރަފުށީ ރައްޔިތުންނަކީ ތަރައްގީ ހޯދުމުގައި މިސާލީބައެއްކަން، އެ ރަށުގައި ތަރައްގީކުރި އެއާޕޯޓުގެ މަޝްރޫޢުގެ ތެރެއިން، އެރަށްޔިތުން ވަނީ މުޅިރާއްޖެއަށް ދައްކުވައި ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!