ބޯގަންވިލާއަކީ ބަގީޗާގައި ވަރަށް ގިނަ ބަޔަކު މިހާރު ހައްދައި އުޅޭ، އެހާމެ ރީތި ގަހެކެވެ. މިހާރަކަށް އައިސް ތަފާތު ވައްތަރުގެ އަދި ތަފާތު ކުލަކުލައިގެ ބޯގަންވިލާ ރާއްޖޭގައި އާއްމުވަމުން ދާއިރު، ބޯގަންވިލާއަކީ ގަހުގެ ސައިޒު ކުޑަކޮށް އަދި ތަންތަނަށް އަރުވާ ވެޔޮގަނޑެއް ގޮތަށްވެސް ހެއްދިދާނެ ގަހެކެވެ.
ބޯގަންވިލާ ހެއްދުމަށް ކަނޑާނީ 4 އިންޗިއާއި 8 އިންޗިއާ ދެމެދުގެ މެދުމިނަކަށް ހަރު ނުވަތަ ޅަ ކުރިއެވެ.
ކުރި ކެނޑުމަށްފަހު އެންމެ ކުރީގެ 2 ފަތް ފިޔަވައި އެހެން ފަތްތައް، ފަތްތަކުގެ ތަނޑު ބޭންދުމަށްފަހު، ކަތުރަކުން ވަކިކޮށްލާށެވެ. ކުރިކޮޅުގެ ބުޑު 45 ޑިގްރީއަށް ރީތިކޮށް އެއް ކެނޑުމަކަށް ކަނޑާލާށެވެ. ނުވަތަ ބުރިކޮށްލާށެވެ.
ގޯތީގެ ބޭރުފާރަށް ރީތިކޮށް އަރުވާފައިވާ ބޯގަންވިލާ ގަހެއް
ދެން ވިޓަމިން ބީ1 ނުވަތަ މެކްސި ކްރޮޕް ފަދަ އެއްޗެއް 5 އެމްއެލް، 1 ލިޓަރު ފެނަށް އަޅާފައި ކުރިތައް ނުވަތަ ކުރި އެފެނުގައި 1 ގަޑިއިރު ބަހަައްޓާށެވެ. ނަތީޖާ އިތުރަށް ރަނގަޅުކޮށްލަން ބޭނުންނަމަ، އިންދަންވުމުން ކުރި ނަގައިގެން ރޫކްޓާ ނުވަތަ ފޮނިތޮށި ކުނޑިފަދަ އެއްޗެއް ބުޑުގައި ހާކައިލާށެވެ. ނުވަތަ އޭގައި ޖައްސާލާށެވެ.
އިންދަން ތައްޔާރުކޮށްފައިވާ ބޯގަންވިލާ ކުރިކޮޅެއް
ބޯގަންވިލާއަކީ ކުރި ރޯކުރަން އިންދަން ރަނގަޅީ ނާސަރީކުރާ ކަޅު ކޮތަޅު ނުވަތަ ފުޅިބުރީގައެވެ. ފުޅިބުރީގައި އިންދާނަމަ ފުލުގައި ލޯވަޅު އަޅަން ވާނެއެވެ. އެއަށްފަހު އާދައިގެ ތަންކޮޅެއް ބޯ ކަޅުފަސް އަޅާށެވެ. ކުރިން މިބަޔާންކުރެވުނު ގޮތަށް ކުރިކޮޅު ތައްޔާރުކުރުމަށްފަހު، ކޮތަޅުގައި ނުވަތަ ފުޅިބުރީގައި 2 އިންޗި ފުންމިނަށް ކުރިކޮޅު ވަންނަ ވަރަށް ދަނޑިކޮޅަކުން ވަޅުކޮޅެއް ހަދާށެވެ. އެއަށްފަހު ކުރި ކޮޅު އެވަޅުގައި އިންދައި ކުޑަކުޑަކޮށް ބުޑަށް ފަސް ބާރުކޮށްލާށެވެ. އެއަށްފަހު ފެންދޭށެވެ. ދެން އަލި ޕްލާސްޓިކް ކޮތަޅެއް ކުރީގައި ނުޖެހޭވަރަށް މަތީގައި އެޅުމަށްފަހު އައްސައިލާށެވެ.
ކޮތަޅުގައި އިންދުމަށްފަހު ޕޮޓަށް ބަދަލުކުރަންވެފައި ހުރި ބޯގަންވިލާ ގޮފިކޮޅުތަކެއް
ރޯކުރަން މިގޮތަށް ޖަހާކުރި އަބަދުވެސް ބަހައްޓާނީ ސީދާ އިރުގެ އަވި ނުލިބޭ، ނަމަވެސް އަލި ލިބޭ ވައި ދައުރުވާ ތަނެއްގައެވެ. މަތިން އެޅި ކޮތަޅު ނަގާނީ 7 ދުވަސް ފަހުންނެވެ. އެމުއްދަތުގައި މާބޮޑަށް ފަސްގަނޑު ހިކިގެން ނުދާނަމަ ފެން ނުދޭށެވެ. ކޮތަޅު ނަގާ ދުވަހުން ފެށިގެން 2 ދުވަހުން 1 ދުވަހު ފެންދޭށެވެ.
އެއްކުލައަށް ވުރެ ގިނަ ކުލަ ގްރާފްޓްކޮށްގެން ޕޮޓުގައި ހައްދާފައިވާ ބޯގަންވިލާ ގަހެއް
އިތުރު 14 ދުވަސް ފަހުން ކުރި ހުންނާނީ އިންދަން ބޭނުންވާ ތަނަކަށް ބަދަލުކުރާވަރަށް ނުވަތަ ރިޕޮޓްކުރާ ވަރަށް މޫ ލައި ފަތާއި އިތުރު ކުދި ކުރި ޖަހަންފަށާފައެވެ. ދެން އޮތީ ރޯކުރި ކުރި އިންދުމެވެ.
މި ތަކެތިން މިކްސްއެއް ހަދައިގެން އިންދުމުން ބޯގަންވިލާ ރީތިކޮށް ހެދޭ
ރާއްޖޭގެ ކަޅުފަހުގައި ބޯގަންވިލާ ހެދުނު ނަމަވެސް، ރީތިކޮށް ބޯގަންވިލާ ހައްދަން ބޭނުންވާނަމަ މިގޮތަށް ފަސްގަނޑު ތައްޔާރުކުރާށެވެ. ޕޮޓުގައި އިންދާނަމަ 12 އިންޗި ޕޮޓެއް، ބިމުގައި އިންދާނަމަ 1 ފޫޓު 1 ފޫޓުގެ ވަޅެއް ހަދާށެވެ. 2 ރިވާ ސޭންޑް (ހިމުން ހިލަވެލި)، 1 ބޯ ހިލަވެލި އަދި 1 ޔުނިގްރޯ އެއްކުރުމަށްފަހު ޕޮޓަށް ނުވަތަ ވަޅުގަނޑަށް އަޅާށެވެ. މި މިކްސް އަޅާފައި ފެން އެޅުމުން ޕޮޓު ނުވަތަ ވަޅުގެ މަތިން 2 އިންޗި ހުންނަންވާނެއެވެ.
ކުރި އަލުން އިންދާއިރު، ކުރިން އިންދި ކޮތަޅުން ނުވަތަ ފުޅިބުރުން ކުރި ނަގާއިރު ސަމާލުވާން ޖެހެއެވެ. މިގޮތުން ފުރަތަމަ ފެން އަޅައި ފަސްގަނޑު ތެތްމައިލުމަށްފަހު ކޮތަޅު ނުވަތަ ފުޅިބުރި ފަޅައިލުމަށްފަހު ފަސްކޮޅު ރޫޅައި ނުލާ ކުރި ނަގާށެވެ. ނެގުމަށްފަހު އިންދަން ބޭނުންވާ ތަނުން ނުވަތަ ޕޮޓުން ހަމަ އެހާ ފަސް ލެވޭވަރުގެ ވަޅެއް ހެދުމަށްފަހު ކުރި އިންދާށެވެ. މަޑުމަޑުން ފަސް ބާރުކޮށްލައި ކުރިން ބުނިގޮތަށް ބީ1 ގިރާފައި ބުޑަށް އަޅާށެވެ.
ކުރި ރޯކުރާއިރު ބޭނުންކުރެވިދާނެ ތަކެތި
އެއަށްފަހު އަދި ޢާއްމުކޮށްވެސް ބޯގަންވިލާއަށް ފެންދޭނީ ފަސްގަނޑު އެއްކޮށް ހިކުމުންނެވެ. 1 މަސް ވުމުން ހަފުތާއަކު 1 ދުވަހު ފްލޯރަލް 20،20،20 ފަދަ ހަމަހަމަ ކާނާއެއް ބުޑަށް އަޅަމުން ގެންދާށެވެ. ފްލޯރަލް ދޭނީ 2 ގުރާމް 1 ލިޓަރު ފެނުގައި ގިރައިފައެވެ. ބޯގަންވިލާ ގަސް ރަނގަޅަށް ހެދުމަށާއި ގިނައިން މައު އެޅުމަށް މަދުވެގެން ދުވާލަކު 6 ގަޑިއިރުގެ އަވި ބޭނުންވާނެ އެވެ.
ބޯގަންވިލާ ހެއްދުމަށާއި ގިނައިން މައު އެޅުވުމަށް ދެވިދާނެ ބައެއް ކާނާ
ގަހުގައި މައު އަޅާވަރުވުމުން ގިނައިން މައު އެޅުވުމަށް ޕޮޓޭސިއަމް މަތި ކާނާއެއް ކޮންމެ 15 ދުވަހަކުން ބުޑަށް އަޅަމުން ގެންދާށެވެ. އޮށްކާނާ 8.24.24 ބުޑަށް ވިއްސާލާފައި ފެންދެމުން ގެންދާށެވެ. ނުވަތަ ކޭ40ގެ 2 ގުރާމް 1 ލިޓަރު ފެނުގައި ގިރާފައި ބުޑަށް އަޅަމުން ގެންދާށެވެ. މައު އަޅުވާ ކާނާ ދޭއިރު އެއާ އެކުއެކީގައި ފްލޯރަލްވެސް ދެމުން ގެންދާށެވެ.
ބޯގަންވިލާގަސް ކުޑަކޮށް ތިރިކޮށް ހައްދަމުން ގެންދަން ބޭނުންނަމަ މައުތައް ފޮޅުމަށްފަހު ފައިބާ ދަނޑިވަޅު ބަލާފައި ބޭނުންވާ ގޮތަށް ގަސް ކޮށަމުން ގެންދާށެވެ. އާރޗަކަށް ނުވަތަ ދޮރާށްޓަކަށް އަރުވާ ނަމަ ކުރިތައް އަރާގޮތަށް ގަސް ފަރުމާކުރަމުން ގެންދާށެވެ.
މި ލިޔުމުގައި މިގެނެސްދެވުނީ ބޯގަންވިލާ ގަސް ރީތިކޮށް ރަނގަޅަށް އަދި ގިނައިން މައު އަޅާގޮތަށް ހައްދާނެގޮތެވެ. ފަސްގަނޑާއި މާޙައުލު ފަހިކޮށް ހުރިނަމަ މިނޫން ގޮތްގޮތަށް ވަރަށް ފަސޭހައިން ވެސް ބޯގަންވިލާ ހެއްދެއެވެ. ނަމަވެސް މި ގެނެސްދެވުނު ގޮތަށް ބޯގަންވިލާ ގަސް ހައްދަން މަސައްކަތް ކުރުމުން ފަހުން ގަހަށް ދިމާވާ މައްސަލަތައް މަދުވެ ގަހަށް ބަލިޖެހުމުގެ ފުރުޞަތު ކުޑަވާނެއެވެ.
ނޯޓް: މިއީ ހުބާ ޕްލާންޓްސް ގެ ހެޔޮއެދުންތަކާއިއެކު ގެނެސްދެމުންދާ ސިލްސިލާ މަޢުލޫމާތުތަކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!