އަންހެން ކަނބަލުންތަކަކާއި ފޮށި، މީހުނަށް އާންމު އުނދަގޫކުރާ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ މިމަހުގެ 21 ވަނަ ދުވަހު ބަރަހަނާ ހާލުގައި ހުރެގެން އިސްލާމީ މަރުކަޒަށް ވަނުމާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވަނީ އިއްޔެ މެންދުރު ފަހު 1:00 ޖަހާކަންހާއިރު މާލޭ ސިޓީގެ ބޮޑުތަކުރުފާނުމަގު ޑޮލަރު އޭޓީއެމްގެ ކައިރިން އެކި އެކި އަންހެނުންނާ ފޮށި، މީހުނަށް އާންމު އުނދަގޫ ކުރަމުން ދިޔަ މައްސަލައެއްގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފައެވެ.

Ad
rt

އެމީހާއަކީ އުމުރުން 50 އަހަރުގެ ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށް ފުލުހުން ވިދާޅުވެފަ ވެއެވެ.

އެ މައްސަލައާއި ގުޅިގެން ފުލުހުން ރޭ ވިދާޅުވިގޮތުގައި މިމައްސަލާގައި އިއްޔެ ހައްޔަރުކުރީ މިމަހުގެ 21 ވަނަ ދުވަހުގެރޭ ބަރަހަނާކޮށް ހުރެގެން އިސްލާމީ މަރުކަޒަށް ވަނުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާ ކަމަށެވެ.

ބަރަހަނާ ހާލުގައި ހުރެ އިސްލާމީ މަރުކަޒަށް ވަދެ ގެއްލުންދިން އެ ބިދޭސީ މީހާ ދޫކޮށްލިކަން ހާމަކޮށް އިއްޔެ ފުލުހުން ވިދާޅުވެފައި ވަނީ އެއީ ނަފްސާނީ ބަލި މީހެއްކަމަށާއި، އަދި އޭނާގެ ސްޕޮންސޮރ އާ ގުޅިގެން އޭނަ ބަންގްލަދޭޝް އަށް އޭނާ ފޮނުވާލުމުގެ މަސައްކަތް ކުރަށްވަމުން ދާކަމަށެވެ.