ތިލަދުންމަތީ ސަރަހައްދުގައި ފިލްމް އެޅުވުމަށް ބޭނުންކުރާ ހަމައެކަނި ބައިސްކޯފު ނުވަތަ ސިނަމާ ކަމުގައިވާ ތިލަދެކުނު ސިނަމާ މަރާމާތަށް ބަންދުކޮށްފިއެވެ.
ހދ.ކުޅުދުއްފުށީގައި ހުންނަ މި ސިނަމާ ވަގުތީގޮތުން ބަންދުކޮށްފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހުން ފެށިގެންނެވެ.
ތިލަދުންއަށް މައުލޫމާތުދެމުން ކުޅުދުއްފުށީގައި ފިލްމް އެޅުވުމުގައި އާންމުކޮށް ހަރަކާތްތެރިވާ އާދަމް މުހައްމަދު ވިދާޅުވީ އެތަން ހުރީ ބޭނުންކުރަން ރައްކާތެރި ނޫން ހާލަތެއްގައި ކަމަށްވާތީ، އެތަން މަރާމާތުކުރުމަށް ވަގުތީ ގޮތުން ބަންދުކުރުމަށް ނިންމީ ކަމަށެވެ.

މި ސިނަމާ ބަންދުކުރުމުގެ ސަބަބުން އެ ސަރަހައްދުގައި ފިލްމް އަޅުވާނެ އެހެން ތަނެއް ނެތްކަން އޭނާ ފާހަގަކުރިއެވެ. މި ތަން ބަންދުކުރުމުގެ ކުރިންވެސް މި ސިނަމާގެ ހާލަތު ވަރަށް ދަށްކަމަށް އާދަމް ފާހަަގަކުރިއެވެ. އެގޮތުން ޕްރޮޖެކްޓަރާއި ސައުންްޑް ސިސްޓަމް ގެންދަން ޖެހެނީ އަމިއްލައަށްކަން އާދަމް ބުންޏެވެ.
މި ސިނަމާގެ ކުއްޔަކަށް ޝޯވް އަޅުވާ ކޮންމެ ރެޔަކަށް 1500ރުފިޔާ ދައްކަން ޖެހެއެވެ. މާލޭގެ އޮލިމްޕަސް ސިނަމާގެ ކުއްޔަށް 2000ރުފިޔާ ދައްކާއިރު އެއީ ބަރާބަރަށް މަރާމާތުކުރާ ތަންތަންކަމަށް އާދަމް ބުންޏެވެ. އެގޮތުން އެތަން ކުއްޔަށް ހިފާ މީހާ ގޮނޑިތައް ފޮޅާ ސާފުކުރަން ޖެހޭކަން އާދަމް ފާހަގަކުރިއެވެ. މި ސިނަމާގައި ފަންކަލެއްވެސް ނުހުންނަކަން އާދަމް ބުންޏެވެ.

ކުޅުދުއްފުށީ ކައުންސިލްއިން ބުނީ ކުޅުދުއްފުށީ ތިލަދެކުނު ސިނަމާ ވަނީ ބޭނުންކުރަން ރައްކާތެރި ނޫން ހާލަތުގައި ނޫން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!