ހަށީގައި ފުރާނަ ހުރިހާ ހިނދަކު ހއ. ދައްޕަރު ''ތިދޭން އުޅޭ ބަޔަކަށް ނުދެވޭނެ'' ކަމަށް، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ހއ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ޕްރޮގްރެއްސިވް ކޯލިޝަނުން ވާދަކުރާ ކެނޑިޑޭޓު ޙުސައިން ރަޝީދު ބުނެފިއެވެ.
ޙުސައިން މިހެން ބުނީ، ހއ. ކެލާގައި ރޭ އިދިކޮޅު ޕްރޮގްރެއްސިވް ކޯލިޝަނުން ކުރިއަށް ގެންދިޔަ ''މުޅިފޯ،މުޅިފޯ- ހޭވާ މުޅިފޯ'' ޖަލްސާގައި ބައިވެރިވެ، ދެއްކި ވާހަކާގައި އެވެ.
ޙުސައިން ބުނީ ވޭތުވި 2 އަހަރުގެ ތެރޭގައި 70 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް ''ރައްޔިތުންނަށް ލިބުނީ ކޯއްޗެއްތޯ، 25 ހާސް މީހުންގެ އާބާދީއެއް އޮންނަ ހއ. އަތޮޅުގެ ރައްޔިތުންނަށް ލިބުނީ ކޯއްޗެއްތޯ، އެ 25 ހާސް ރައްޔިތުންގެ ހައްޤުތައް ކޮބާތޯ،'' އޭނާ ސުވާލު ކުރިއެވެ.
އޭނާ ބުނީ ހއ. ބަލަހައްޓައިގެން، ނުތިބޭ ކަމަށާއި، އެ ޙައްޤުތައް ހޯދަން ނުކުންނާނެ ކަމަށެވެ. އަދި ރައްޔިތުންނަށް އެ ޙައްޤުތައް ހޯދައިދޭ ކަމަށް އޭނާ ބުންޏެވެ.
''ހއ. އަތޮޅު ރައްޔިތުން މި އަނދަވަޅުން އަޅުގަނޑުމެން ސަލާމަތްކުރާނަން، ހއ. އަޅުވެތިކުރުމަށް ތިޔަބޭފުޅުން މަސައްކަތް ނުކުރޭ، ހއ. ދައްޕަރު ތިބޭފުޅުން ތިދޭން އުޅޭ ބަޔަކަށް ނުދެވޭނެ، އަޅުގަނޑުމެންގެ ފުރާނަ ހުރިހާ ހިނދަކު އެކަމެއްނުވާނެ، އަޅުގަނޑުމެން އެރަށް، އިރާދަކުރެއްވިއްޔާ ދައްޕަރުވެސް އަޅުގަނޑުމެންގެ ތަނެއްގެ ގޮތުގައި ބާއްވާނަން، މި ގައުމުން އެންމެ އިންޗިއެއްވެސް އެހެން ބަޔަކަށް ދޭން އަޅުގަނޑުމެން ފުރުޞަތު ނުދޭނަން''
ޙުސައިން ބުންޏެވެ.
ޙުސައިން ބުނީ މިއީ މުސްލިމުންގެ ގައުމެއް ކަމަށާއި، ''ލާދީނީ މީހުންގެ ގައުމެއްނޫން'' ކަމަށެވެ. އަދި ލާދީނީ މީހުން މިގައުމު ދޫކޮށް ދާންވީކަމަށް އޭނާ ބުންޏެވެ.
އޭނާ ދެއްކިވާހަކާގައި ބުނީ މުހިންމު 2 މަސައްކަތެއް ކުރަން ޖެހިފައިވާ ކަމަށެވެ. އެއީ މާތްވެގެންވާ އިސްލާމްދީން އަންނަން އޮތް ޖީލަށް ވާސިލް ކޮށްދިނުމާއި، މި ރާއްޖެ މިނިވަންކުރުން ކަމަށް އޭނާ ބުންޏެވެ. އެނާ ބުނީ ރައްޔިތުން ތިބީ ފެންނަން ނެތް އަޅުވެތިކަމެއްގެ ތެރޭގައި ކަމަށެވެ.
އޭނާ ބުނީ ތިބީ މަސައްކަތް ހުއްޓާފައި ފަހަތަށް ޖެހޭކަށް ނޫން ކަމަށާއި، ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގެ ހއ. ގެ މެޖޯރިޓީ އިދިކޮޅު ކޯލިޝަނުން ހޯދާނެ ކަމަށެވެ. އަދި އިންތިޚާބު ނުބޭއްވޭ ވަރަށް ކޯވިޑެއްނެތް ކަމަށާއި، ސިންގަޕޫރާއި، ސްރީލަންކާއާއި، އިންޑިއާ ފަދަ ގައުމުތަކުގެ އިންތިޚާބުތައް ބާއްވައިފި ކަމަށާއި، ރާއްޖޭގައި 1000 ކެނޑިޑޭޓުން ތިބީ ހައްޔަރުކޮށްފައި ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ރާއްޖޭގައި އިންސާފެއް ވެސް ނެތެވެ. މި ގައުމުގައި މުއްސަނދިންނާއި ފަގީރުންގެ ތެރޭގައި ވެސް ތަފާތު ކުރާކަމަށާއި، ވެރިކަންކުރާ ޕާޓީއާއި އިދިކޮޅު ޕާޓީއާއި ދެމުދުވެސް ތަފާތު ކުރާ ކަމަށާއި އަދި ދޮން މީހުންނާއި ކަޅު މީހުންނާ ދެމެދުވެސް ތަފާތު ކުރަމުންދާކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ ރޯޔަލް ރޭޕެއްގައި ކަޅުމީހަކު ފުރުވާލިތަން ފެނިގެން ގޮސްފިކަމަށާއި، ކަނބަލެއްގެ އިންސާފުގެއްލިގެން ދިޔަތަން ފެނިއްޖެ ކަމަށެވެ. އަދި އެ އަންހެން ކުއްޖާއަށް އިންސާފު ހޯދައި ނުދީ، ނުފޫޒުގަދަ ގައުމެއްގެ މީހަކަށް ވާތީ އޭނާ ފުރުވާލީ ކަމަށް ހުސައިން ބުންޏެވެ. އޭނާ ބުނީ ލެޔާ ކުޅެން ނުކުޅި، އިންސާފު ހޯދައި ދިނުމަށެވެ. އަދި ރައްޔިތުން ހިމޭން ކަމާއިއެކު ނުތިބޭނެ ކަމަށާއި، އަޑުއިއްވައި، އިންސާފު ހޯދަން ނުކުންނާނެ ކަމަށް އޭނާ ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!