ކުރީ ޢަދަދާއި ގުޅޭ: ބައްދަލުވާން ނިންމި ވަގުތު ޖެހުނު އިރު ތިން ކުދިން ވެސް ތިބީ ޙަސަންބޭމެންގެ ގޭ ދޮރުމަތީގައެވެ. އޭރު ޢިޝާ ނަމާދުން އައިސް ކައިގެން ދުފައިލަން ދިމާ އެނދުގައި ޖައްސާލައިގެން ޙަސަންބެ އިނެވެ. އުނގުމަތީގައި ހުޅުވައިލާފައި އޮތް މަޑިސީލައިން ހާވަހާވައިގެން އެކި އެއްޗެހި ނަގައި އަނގައަށް އަޅައި ދުފުންގަނޑު ވަރުކުރަމުން ގެންދެއެވެ.

"އައްސަލާމް ޢަލައިކުމް." ފާތިނާ ސަލާންގޮވައިލިއެވެ. މި އަޑަށް ދޮރާ ދިމާއަށް ޙަސަންބެ ބަލާލައިފިއެވެ. މުސްކުޅިވެ ލޯބޯ ކޮށިވެފައިވުމުގެ ސަބަބުން ދުރު އެހައި ސާފުކޮށެއް މިހާރަކު ނުފެނެއެވެ. ލޯ ކުނާކޮށްލާފައި އަނެއްކާ ވެސް ބަލާލައިފިއެވެ.

Ad
rt

"ކޮން ކުދިންނެއް؟ އެތެރެއަށް ވަދޭ."

ޙަސަންބޭ އިޒުނަ ދިނީމާ ތިން ކުދިން އައިސް ޙަސަންބޭ ގާތުގައި ހުއްޓިއްޖެއެވެ.

ގޭތެރޭގައި ދިއްލާފައި ހުރި ހޮޅިބުރީގެ އަލި އެ ކުދިންގެ މޫނަށް އެޅިއްޖެއެވެ. މިހާރު އެއީ ކޮން ކުދިންނެއްކަން ޙަސަންބެއަށް އެނގިއްޖެއެވެ. "ކޮއްކޮ ފާތިނާ! ރަށަށް އައީ ކޮން އިރަކު؟" ކޯ ފުރެންދެން ހުރި ދުފާއެއްޗެހީގެ ސަބަބުން ވާހަކަދައްކަން ދަތިވެފައި އިން ނަމަވެސް އޯގާވެރިކަމާ އެކު ޙަސަންބެ އަހައިލިއެވެ. ޙަސަންބެއަކީ ފާތިނާގެ މައިފުށުން ތިމާގެ މީހެކެވެ. ފާތިނާއާ އަބަދުވެސް ވާހަކަދައްކަނީ ކޮއްކޯއޭ ކިޔާފައެވެ. "ރަށަށް އައީ މިއަދު! ޙަސަންބެ ގާތަށް އަހަރެމެން މި އައީ ވަރަށް ބޮޑު ކަމަކު." ދަންބެރަށް ވުރެ ތަގުޑި ދިގު ނުކޮށް، މި ގެއަށް މި އައި ބޭނުން ބުނެދޭން ފާތިނާ ގަސްދުކުރިއެވެ.

އެ ކުދިން ގާތުގައި އިށީންނާށޭ ބުނާ ގޮތަށް، ޙަސަންބޭ އިށީނދެ އިން ދިމާ އެނދުގެ ހުޅަނގަށް، ގޭގެ ހުޅަނގު ކޮޅުގައި ހުރި ކުޑަ އައްޓަށް ކަނާތުން އިޝާރާތްކޮށްލައިފިއެވެ. ދެން ވާތު ޝަހާދަތް އިނގިލީގައި އޮތް ހުނި ގުޅައިން ތަންގަނޑެއް ދެ ދަތްޕިލައިން ހިފައި ނައްޓާލައި އަނގަ އެތެރެކޮށްލައިފިއެވެ. އަނގަ ތެރޭގައި ވަރުކުރަމުން ދާ ދުފުންގަނޑަށް ހުނިގަނޑު އެއްކޮށްލައި ރަނގަޅަށް ހަފައިލުމަށް ފަހު އެނދު ތަންދޮށުގައި ހުރި ފީކުދާނު ނަގައި އަނގަ ތެރޭގައި ކޯރު ހެދެމުން ދިޔަ ރަތް ކުޅުތައް "ޕޫސް" ކިޔައި ދެ ތުންފަތު ދޭތެރެއިން އެއަށް އޮއްސާލައިފިއެވެ. އަނެއްކާ ވެސް އެ ހުރި ތަނުގައި ފީކުދާނު ބަހައްޓައިފިއެވެ.

އަނގަމަތީގައި ހޭކިފައި ހުރި ރަތް ކުޅުތައް ކަނާތުގެ ނުފުށުން ފޮހެލައިފިއެވެ. އަތުގައި ހޭކުނު ރަތް ކުޅުތައް ފޮހެލީ ކަނާތު ފައިގެ ފަލަމަސްގަނޑާ ދިމާއިން، އަނދެގެން އިން ދެބައިން ބާވެފައިވާ މުންޑުގައެވެ. ނަމާދަށް ދާން ލީ ވެސްނޫ ކުލައިގެ ގަމީހާއި ކާކީ ކުލައިގެ ގޮޅިޖެހި މުންޑު އޮތީ ޙަސަންބެ އިށީނދެގެން އިން ދިމާ ފާރުގައި ހަރުކޮށްފައިވާ ބައިނުގައި ބާއްވާލައިފައެވެ. ޙަސަންބޭ އިނީ ހުސްގަޔާއެވެ. ހިނދި ބަނޑެކެވެ. ފުޅާ މޭމައްޗެކެވެ. މިއަދު މުސްކުޅިވެ ގައިބާރު ދޫވެ ދެ ކޮނޑު އެލިފައި އިން ނަމަވެސް ޒުވާން ދުވަސްވަރު މިއީ ރަށުގައި ނެތްވަރުގެ މޮޅު ކެޔޮޅެކެވެ. އަދިވެސް މީހެއްގެ އެހީއަކާ ނުލައި ހިނގާބިނގާވެ އުޅެވެއެވެ. މިހާރު މަހަށް ފަރަށް ނުދިޔަ ނަމަވެސް ގޭތެރޭގެ ކުދިކުދި ކަންތައްތައް އަމިއްލައަށް ކޮށް އުޅެއެވެ. ޙަސަންބެއާއި އަނބި އައިސަ ދައިތައަށް ލިބިފައިވަނީ ދެ ކުދިންނެވެ. ދޮއްޓަށް ހުރި އަންހެން ކުއްޖާ މީހަކާ އިނދެގެން އެ ދެމަފިރިންނާއި އެ މީހުންގެ ކުދިން އުޅެނީ ވަކި ދިރިއުޅުމެކެވެ. ޙަސަންބެމެން ގާތުގައި ދިރިއުޅެނީ ހަގަށް ހުރި ފިރިހެން ކުއްޖާގެ ދެމަފިރިންނާއި އެ މީހުންގެ ކުދިންނެވެ.

ބޭރުގޭ ތެރޭގައި ޙަސަންބޭ ފިޔަވައި އިތުރު މީހަކު މި ވަގުތު ނެތް ނަމަވެސް، ބަދިގެ ފަރާތުން މީހުންގެ ހިލަންވެއެވެ. ރޭގަނޑުގެ ކެޔުމުގެ ކަންތައްތަކުން އަދި ރަނގަޅަށް އަވަދިނުވަނީކަމަށް ވެދާނެއެވެ. "ތިޔަ ކުދިން ތިޔަ އައީ ކޮން ބޭނުމަކުއޭ؟" ތިން ކުދިންނަށް ވަރަށް ފަރުވާތެރިކަމާ އެކު ބަލައިލަމުން ޙަސަންބެ ސުވާލުކުރިއެވެ. އައި ބޭނުން އޮޅުންފިލުވައިދޭން ފެށީ ފާތިނާއެވެ.

"ޙަސަންބޭ! މި ރަށު ދެކުނުކޮޅުގައި އެ އޮތީނުން ނާ ބަންނަ އަޑިގަނޑޭ ކިޔާ ތަނެއް. އެ ތަނަށް އެހެން ކިޔަނީ ކީއްވެތަ؟"

ފާތިނާގެ މި ސުވާލާ ގުޅިގެން ޙަސަންބެ ވެސް ކުރީ ސުވާލެކެވެ. ލާނެއް ފާޑަކަށް ހެމުންނެވެ.

"އެއީ ނާބަންނަ އަޑިގަނޑުތަ؟ ނޫނީ ނާމާން އަޑިގަނޑުތަ؟"

ޙަސަންބެ ގަސްދުކުރީ މި ކުދިންގެ އަނގަގޮއްވައިލުމަށެވެ. މި ފަހަކަށް އައިސް އެ ތަނަށް ނާމާން އަޑިގަނޑޭ ކުދިން ކިޔާ އަޑު ޙަސަންބެއަށް އިވޭތީއެވެ.

"އަހަރެންނަށް ހީވަނީ އެއީ ނާ ބަންނަ އަޑިގަނޑުހެން. އެ ތަނާމެދު ތަފާތު ހީކުރުންތައް ހީކުރަމުން ގޮސް އެ ނަން، ނާމާން އަޑިގަނޑަށް ބަދަލުވީހެން. ނޫންތަ ޙަސަންބޭ؟"

ވާފިރާއަށް ވިސްނިފައި އޮތް ގޮތް ކިޔައިދިނެވެ. ވާފިރާއާ އެއްބަސްވުމުގެ ގޮތުން ޙަސަންބެ ބޯ ޖަހައިލަޖަހައިލަ އިނެވެ.

"އެ ތަނަށް ކިޔަނީ ނާ ބަންނަ އަޑިގަނޑު. ކޮއްކޮ ތިޔަ ބުނީ ހެޔޮކޮށް. އެ ތަން އެ ގޮތަށް އަޑިކޮށް ނޯންނަ ހަނދާނެއް ޙަސަންބެ ވެސް ނުހުރޭ. އޭރު އަދި މިހާރަށް ވުރެ ވެސް ފުންކޮށް އޮންނަނީ."

އެ ކުދިންނަށް ޙަސަންބޭ އޮޅުންފިލުވައިދޭން ފެށިއެވެ.

"އެއީ ހަމަ ނަވެއް ބަން ތަނެއްތަ؟" މި ފަހަރު ސުވާލުކުރީ ސަމީހާއެވެ.

"އާނ! އެހެން ކިޔަނީ. އެ ތަނާ ބެހޭ ގޮތުން ދޫދުމަތިން ކިޔެމުން އައި ވާހަކައެއް އަހަރެމެން ކުޑައިރު އަޑުއަހައި އުޅުނިން." ޙަސަންބެގެ ޅަ ދުވަހުގެ ހަނދާންތައް އާވާން ފެށިއެވެ. އެ ވަގުތު ޙަސަންބެގެ އަނބި އައިސަ ދައިތަ އެ ތަނަށް އަތުވެއްޖެއެވެ.

ކެޔުމުގެ ކަންތަކުން އަވަދިވެގެން އައިސަ ދައިތަ ވެސް ދުފައިލަން ޙަސަންބެ ގާތަށް އައީއެވެ. އައިސަ ދައިތަ ފެނުނީމާ ޙަސަންބެ ބުނެފިއެވެ. މި އިނީ އަހަރެމެން ފާތުމަ ގޯތި ފާތިނާއެވެ. ރަށަށް އައީ މިއަދެވެ. މި ކުދިން މި ގެއަށް އައިސް އެ ތިބީ ނާ ބަންނަ އަޑުގަނޑާ ބެހޭ ގޮތުން ސާފުކުރަން ވެގެންނެވެ. އައިސަ ދައިތަ ބުނެފިއެވެ.

"ތިޔައީ ޙަސަނު އަހަންނަށް ވެސް ކިޔައި ނުދޭ ވާހަކައެއް. މަ ވެސް ބޭނުން ތި ވާހަކަ އަޑުއަހައިލަން."

އައިސަ ދައިތަ ވެސް މި ވާހަކަ އަޑު އަހަން ބޭނުންވެފައި ހުރިކަން އެނގުނީމާ ޙަސަންބެ ބުނެފިއެވެ.

"އައިސައަށް ވެސް މި ވާހަަކަ އަޑު އެހޭނެ! އެކަމަކު އިހަށް ދޭ އިއްޔެ ތެލުލި ތަނުން ބަނބުކެޔޮ ކޮޅެއް މި ކުދިންނަށް ގެނެސް ދޭން. އޭރުން ވާހަކަ އަޑު އަހަން ތިބޭ އިރު ހަފަހަފައި ތިބެދާނެ."

މި ގޭ ގަހުގައި ހުރި ބަނބުކެޔޮތައް ކަނޑައިގެން އެ ތެލުލީ އިއްޔެއެވެ. ޙަސަންބޭ މިހެން ބުނީމާ އައިސަ ދައިތަ ބަދިގެ ފަރާތަށް ގޮސް ސިއްލިވާރު ތައްޓަކަށް ތެލުލާފައި ހުރި ތާޒާ ބަނބުކެޔޮ އަޅައިގެން ގެނެސް އެ ކުދިން ގާތުގައި އަށިމަތީގައި ބަހައްޓައިފިއެވެ. ތަށި އެ ތާ ބެހެއްޓުމާ އެކު ތިން ކުދިން އެއްފަަހަރާހެން އެ ތައްޓަށް ޖެހިގެންފިއެވެ. މިއީ، އެ ކުދިންނަށް ވަރަށް މީރު އެއްޗެކެވެ. މި ކުދިންގެ މި ހަރަކާތް ފެނުނީމާ އެ ދެމަފިރިން ގާތަށް ހިނިއަތުވެއްޖެއެވެ. ދެން އައިސަ ދައިތަ ޙަސަންބެ ގާތަށް އައިސް، ލައިގެން ހުރި ވަޅުފެހި ކުލައިގެ ލިބާސް ކޮށިކޮށްލުމަށް ފަހު ޙަސަންބެ ގާތުގައި ދިމާ އެނދުގައި އިށީނދެ މަޑިސީލަ ނަގައި އެއިން ދުފާ ސާމާނުތައް އަނގައަށް އަޅަން ފަށައިފިއެވެ.

"ސުވާލަކީ..." ވާހަކަ ކުރިއަށް ގެންދަމުން ތިން ކުދިންގެ މޫނަށް ވަރަށް ރަނގަޅަށް ޙަސަންބެ ބަލައިލިއެވެ. "ނާ ބަންނަ އަޑިގަނޑަށް، ނާ ބަންނަ އަޑިގަނޑޭ ކިޔުނީ ކީއްވެ ހޭ؟ އެހެންނު؟" ޙަސަންބެގެ މި ސުވާލަށް ތިން ކުދިން ވެސް އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިިލިއެވެ. ޙަސަންބޭ ފީކުދާނު ނަގައި އަނގައިގައި ހުރި ހައްޕުނޑުތައް އޭގެތެރެއަށް އަޅާލައި ފެން ފޮދެއް ބޯލައި އަނގަތެރެ ނިކަން ރަނގަޅަށް ސާފުކޮށްލުމަށް ފަހު ވާހަކަ ކުރިއަށް ގެންދަން ފެށިއެެވެ. ފާތިނާ އަވަހަށް އަތުގައި އޮތް ފޯނު ނަގައި "ފްލައިޓް މޯޑް" އަށް ލުމަށް ފަހު ރެކޯޑުކުރަން ޖެއްސިއެވެ. އެއްވެސް ގޮތަކުން މި ވާހަކައިން ތަންކޮޅެއް ގެއްލޭކަށް ފާތިނާ ބޭނުމެއް ނުވިއެވެ.

ޙަސަންބެގެ ވާހަަކަ ފެށީ މިފަދައިންނެވެ. މި ރަށުގައި އުޅުނު މާވަޑި ޢަލީއަކީ މުޅި މާލޭން އުތުރުގައި ވެސް މަޝްހޫރު ނަން ހިނގާ މޮޅު ވަޑިއެކެވެ. އޮޑިދޯނި ފަހަރު ބަނުމުގައި އެފަދަ ދެވަނައެއް ނެތްފަދަ މޮޅު ވަޑިއެކެވެ. ވާނީ ވެސް އެހެންތާއެވެ. މިއީ، ގަޑަނާއްދީއްތަ ރަދުން، ބަންގާޅަށް ދިވެހިިން ފޮނުއްވައިގެން އޮޑިދޯނިފަހަރު ބަނުމުގެ ޚާއްޞަ ތަމްރީނު ހޯއްދަވައިދެއްވި ފަސްވަރަކަށް މީހުންގެ ތެރެއިން އެކެކެވެ. މާވަޑި ޢަލީއަކީ މި މީހުންގެ ތެރެއިން ވެސް މި މަސައްކަތަށް އެންމެ އަރައި ހުރި މީހާއެވެ. އެހެންކަމުން، ރަދުން ގަސްދުކުރެއްވީ ރަދުންގެ ޚާއްޞަ ނާ ކޮޅެއް މި މާވަޑި ޢަލީ ލައްވައި ބަންނާށެވެ. މި ނާ ބަނުމުގެ ހުރިހައި ޚަރަދެއް ގަނޑުވަރުން ހަމަޖެހުނު ނަމަވެސް މި ކަމުގެ ހުރިހައި ބާރެއް ދެއްވީ މާވަޑި ޢަލީއަށެވެ. މާވަޑި ޢަލީގެ ލަފާއާއި މަޝްވަރާގެ ދަށުން މި ނާ ބަނުމުގެ މަސައްކަތް ކުރިއަށް ދިޔައީ މާރަންދޫގައި، ރަށުގައި މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައެވެ. ރަދުންގެ ޚާއްޞަ ނާކޮޅެއް ވީމާ، މީހުންނަށް އާއްމުކޮށް ނުފެންނާނޭ ދިމާއެއްގައެވެ. ރަށުގެ ދެކުނު ކޮޅު ފުއްޓަރު ފަރާތުގައެވެ. އެއީ، ފަސޭހައިން ލަފައި ފުރޭ ދިމާއެއް ނޫނެވެ. ބައެއް މޫސުމުގައި ދޮންވެލި ތުނޑިއެއް އޮތް ނަމަވެސް މޫސުން ބަދަލުވެ ރާޅާ އެކު ވެލިތައް ކަހައިލުމުން އެ ތާ ހުންނަނީ ބޮޑެތި ކަޅު ގާތަކެވެ.

ރަދުންގެ ނާކޮޅު ބަނުމުގެ މަސައްކަތް މާވަޑި ޢަލީއާ ހަވާލުކުރައްވައި ދުވަސްތަކެއް ވީ ތަނާ، ރަދުންގެ ޚާއްޞަ ވަޒީރު ސުލައިމާން ދީދީ، މި ނާކޮޅުގެ ޚަބަރެއް ބެއްލެވުމަށް މާރަންދުއަށް ރަދުން ފޮނުއްވައިފިއެވެ. އިހަވަންދޫ ބައްތެލި މާލެއަށް ކުރި ދަތުރު ނިންމައި އެނބުރި ރަށަށް އައި އިރު އެ ބައްތެލިން ސުލައިމާން ދީދީއަށް މާރަންދުއަށް ވަޑައިގެންނެވުނު އިރު، އިރުއޮއްސި މޫނު އަނދިރިކަން ޖެހިއްޖެއެވެ. ޅަ ވަރެއްގެ ސޮރަކު ދުވެ ގޮސް ކަތީބަށް މި ޚަބަރު ދީފިއެވެ. ކަތީބު ތެޅެމުން ފޮޅެމުން ދުރުވެ، ސުލައިމާން ދީީދީއާ އިސްތިޤުބާލުކުރައްވައިފިއެވެ. ސަލާންގަލާންކުރައްވައި ޙާލުއަހުވާލު އައްސަވައި ރަދުންނާއި މާލެ ތެރޭގެ ޚަބަރުދަބަރު އޮޅުންފިލުއްވައިފިއެވެ.

އެ ވަގުތު ރަދުންގެ ފަރާތްޕުޅުން ކަތީބަށް ފޮނުއްވި ފަތްކޮޅެއް ސުލައިމާން ދީދީ ކަތީބަށް އެރުވިއެވެ. އެއީ އޮޅައިލައި، ރަތްކުލައިގެ ނައިލޯނު ބަރަނި ރޮދިކޮޅަކުން އައްސައިލާފައިވާ ކަރުދާސްގަނޑެކެވެ. ކަރުދާސްގަނޑު ނިއުޅައިލި އިރު، ކަރުދާސްގަނޑުގެ ތިރީގައި ގަނޑުގެ މެދަށް ވާ ގޮތަށް ރަދުންގެ ސިއްކަ ޖައްސަވާފައި އޮތެވެ. އެ ލިޔުމުގައި ވަނީ ސުލައިމާން ދީދީއަކީ ކޮން ބޭފުޅެއްކަމާއި އެ ދީދީ މި ރަށަށް ވަޑައިގެންނެވީ ކޮން ބޭނުމެއްގައިކަން އޮޅުންފިލުވައިދެއްވާފައެވެ. އަދި އެ ދީދީގެ އެންމެހައި ކަންކަން ބަލަހައްޓައިދެއްވުމަށް އެދިވަޑައިގެންފައެެވެ. ރަދުންގެ ފަތްކޮޅު ކިޔުއްވުމަށް ފަހު ކަތީބު، އެ ތަނުން ދިޔަ ކުއްޖަކަށް ގޮވައިލައްވައި ސުލައިމާނު ދީދީގެ ފޮށިކޮޅު އެ ކުއްޖާ އަތަށް ދެއްވައިގެން ދެ ބޭފުޅުން އެކުގައި އެއްގަމާ ދިމާއަށް މިސްރާބުޖެއްސެވިއެވެ.

މާވަޑި ޢަލީ، ރަދުންގެ ނާކޮޅު ބަނުމުގެ މަސައްކަތް ހަވީރަށް ނިންމައިލުމަށް ފަހު ފެންވަރައިގެން މަޣްރިބް ނަމާދަށް ގޮސް ނިމިގެން އައިސް ގެއަށް ވަދެ، ބަދިގެ ފަރާތަށް ގޮސް އަނބި ދަލޭކައަށް ގޮވައިލާފައި ބުންޏެވެ.

"ދަލޭކާ! ރަދުންގެ ޚާއްޞަ ވަޒީރު ސުލައިމާނު ދީދީ، ރަދުންގެ ނާކޮޅުގެ ޚަބަރު ބައްލަވަން މި ރަށަށް ވަޑައިގެން އެބަ އުޅުއްވާ. ދެންމެ މިސްކިތުން ދިމާވި. ޢިޝާ ނަމާދަށް ފަހު މި ގެއަށް މި ރޭ ވަޑައިގަންނަވާނެ ވާހަކަ ވިދާޅުވި."

މާލޭގެ އެފަދަ ޢިއްޒަތްތެރިއަކު މި ގެއަށް ވަޑައިގަންނަވާނޭ ވާހަކަ މާވަޑި ޢަލީ ބުނީމާ ދަލޭކަ ހާސްވެއްޖެއެވެ. މޫނުމަތިން ކުލަ އޮއްސިއްޖެއެވެ. ގެއާއި ގޯތިތެރެ ރަނގަޅަށް ކުނި ކަހައި އެނދުއަށިތައް ފޮޅައި ސާފުކޮށް އޮފުއަރުވާފައި ހުރި ނަމަވެސް މާލޭގެ އެފަދަ ގަދަރުވެރިއަކު މި ގެއަށް ވަޑައިގަންނަވާތީ ދަލޭކަ ކަންބޮޑުވަނީއެވެ. ގެއަކީ ރަށު ފެންވަރުން، ރަނގަޅު ފެންވަރަކަށް ރާނައި ހިޔާކޮށްފައިވާ ގެއެކެވެ. މާވަޑި ޢަލީއަކީ ރަށުގައި ފޯރާ މީހުންގެ ގިންތީގައި ނަން ގުނޭ މީހެކެވެ. ވަޑާމުގެ މަސައްކަތުން ރަނގަޅު އާމްދަނީއެއް ލިބެއެވެ.

ދަލޭކަ ބޮލުން ވައްޓައިލި ލިބާހާ އެކު މާވަޑި ޢަލީއާ އިން އިރު ޢަލީ ވަނީ މި ދެމަފިރިން ދިރިއުޅުމަށް ޓަކައި ގެ ވެސް އަޅާފައެވެ. ޢަލީ މި ގެ ޢިމާރާތްކޮށްފައި ހުރި ނަމަވެސް މި ގެ، ގެއަކަށް ހެދީ ދަލޭކައެވެ. ދަލޭކަ މި ގެއަށް އައިސް ގޯތި ތެރެ ވަނީ ފާޑުފާޑުގެ ރުއްގަސް އިންދައި ފެހިކޮށްލާފައެވެ. ކުރުނބާއެއް ބޯލަން ވިޔަސް ދުރަކަށް ދާކަށް ނުޖެހޭނެއެވެ. ގޯތި ތެރޭގައި ހައްދާފައި ހުރި ރުއްތަކުން ލިބެއެވެ. މޭވާއެއް ވިޔަސް އެ ގެއިން ނުލިބޭނެ މޭވާއެއް މަދުވާނެއެވެ. އަންނާރާއި ކުންނާރެވެ. ފޭރާއި އަތައެވެ. ނުވިތާކަށް ލުނބޯއާއި މިރުސް ވެސް ނުގަނެ ކާން ލިބޭވަރަށް ގޯތި ތެރޭގައި ހައްދާފައި އޮވެއެވެ. ހިކަނދިފަތާއި ރާނބާފަތް ވެސް މެއެވެ. ދަލޭކައަކީ ގެވެހި މުރައިލި އަންހެނެކެވެ. ޢަލީއަށް އިރުންއިރަށް ދޭންޖެހޭ ކޮއްތު ވެސް ހޫނުކަންމަތީ ދެވުމަކީ ދަލޭކައަށް ލިބޭ އުފަލެކެވެ.

ދަލޭކަ ކަންބޮޑުވެފައި ހުރި ވަރުން މާވަޑި ޢަލީ ގާތަށް ހިނިއަތުވެއްޖެއެވެ. ދަލޭކަގެ ކުރިމައްޗަށް ހުއްޓި، މާވަޑި ޢަލީގެ އަތް ދަލޭކަގެ ދެ ފަރާތުން ފުރަގަަހަށް ގެން ގޮސް ދަލޭކަގެ އުނަގަނޑުގައި އަތް އަޅުވާލައި ޢަލީއާ ގާތަށް ދަލޭކަ ލަފާލައި ދަލޭކަގެ މޫނާއި ޢަލީގެ މޫނު ހަމަކޮށްލަމުން ބުނެލިއެވެ.

"ދަލޭކަ ތިޔަ ހާސްވަނީ ކޮން ކަމަކާ؟ މި ގެ މި ހުރީ އަހަރެމެންގެ ފެންވަރުން ވަރަށް ފުރިހަމައަށްް. އެހެން ނޫނަސް އެ ދީދީއެއް އެ ވަޑައިގަންނަވަނީކީ މި ގެ މުބާރާތެއްގައި ބައިވެރިކޮށްގެން ވަނައެއް ދެއްވާކަށް ނޫން. އެ ވަޑައިގަންނަވަނީ ރަދުންގެ ނާކޮޅުގެ ޚަބަރު ބައްލަވަން. ވަޑައިގަތީމާ އަހަރެމެންނަށް ވެވުނު މެހެމާންދާރީއެއް އަދާކޮށްދެވުނީމާ ހުންނާނީ ރަނގަޅަށް."

ދަލޭކައަށް ވިސްނައިދެވޭތޯ މާވަޑި ޢަލީ މަސައްކަތްކުރިއެވެ. ދަލޭކަ ކަންބޮޑުވެ ހާސްވުމަކީ ޢަލީއަށް ކެތްވާނޭ ކަމެއް ނޫނެވެ. މާވަޑި ޢަލީއަކީ އަތްމަތި ތަނަވަސް ރީތި މީހެކެވެ. އަތޮޅުގެ ކަމުވޮށިގެންވާ ކޮންމެ މީހަކުމެ އެ މީހުންގެ އަންހެން ދަރިފުޅު ޢަލީއާ ދެވަން ބޭނުންވެފައި ވީ ނަމަވެސް ޢަލީ ފިކުރާވާ ހަމައެކަނި މީހަކީ ދަލޭކައެވެ. ދަލޭކަގެ ހިނިތުންވުން ގެންލޭނެ ކަމެއް ވިޔަކަ ޢަލީއެއް ނުދޭނެއެވެ. ނަމަވެސް ޢަލީގެ އެ އޯގާވެރި ބަސްތަކަކުން މިފަހަރު ދަލޭކައަކަށް ހަމަޖެހުމެއް ނުލިބުނެވެ. ހިތަށް ވެރިވެފައިވާ ނުތަނަވަސްކަން ފިލާ ގޮތެއް ނުވިއެވެ. ކުރިއަށް ވުރެ ވެސް ބޮޑަށް ޢަލީއާ ގާތްވެލައި ޢަލީގެ ތަނަވަސް މޭގައި ދަލޭކަ ބޯއަޅައިލިއެވެ. (ނުނިމޭ)

https://thiladhun.wonstasite.com/49626

(ނިމުނީ)