މަނަދޫއަށް ފުޓްބޯޅަ ތަޢާރަފުވީ އަލްފާޟިލް ވެލިދޫގޭ މޫސާ ދީދީގެ އަތޮޅުވެރިކަމުގައެވެ. އެ ދުވަސްވަރަކީ ސުމުއްވުލްއަމީރު މުޙައްމަދު އަމީންގެ ވެރިކަމުގެ ދުވަސްވަރެވެ.

އެ ދުވަސްވަރު މޫސާ ދީދީގެ އިތުރުން މާލޭގެ ކަމުވޮށިވެގެންވާ އެހެން ދެ ބޭފުޅަކު ވެސް މަނަދޫގައި އުޅުއްވިއެވެ. އެއީ ނ. އަތޮޅުގެ ރައްޔިތުންގެ މަޖިލިހުގެ ޢިއްޒަތްތެރި މެންބަރު އަލްއުސްތާޛު ނ.ތ ޙަސަން ދީދީ އާއި މުޙައްމަދު އަމީން 1950 ވަނަ އަހަރު އުފެއްދެވި ކުޅިވަރު މުންތަޒިމްގެ ގަލޮޅު ކުލަބުގެ ވަކީލު އަލްފާޟިލް އަޙްމަދު ޢަލީ ދީދީ (ތުއްތު އަޙްމަދު ދީދީ) އެވެ.

Ad
rt

އަތޮޅުވެރިޔާ ވެލިދޫގޭ މޫސައިދީ އަކީ ތިލޭރުކަން ކުރައްވާ އުޅުއްވީ މަސައްކަތްތެރި ބޭފުޅެކެވެ. ލާންދާ އުކައްވައި އުޅުއްވި އެކަމުގެ ހުނަރުވެރިއެކެވެ. މަނަދޫ ދިލްބަހާރުގޭ އިބްރާހީމް ހާރޫން (ހާޖީގޭ އިބްރަބޭ) އަށްލާންދާ އުކަން ދަސްކޮށްދެއްވީ މޫސައިދީއެވެ. އޭގެ ކުރިން މަނަދޫގައި ލާންދާ އުކަން ދަންނަ މީހަކު ނޫޅެއެވެ. އަތޮޅުވެރިޔާ ވެލިދޫގޭ މޫސައިދީގެ އަނބިކަނބަލުންނަކީ ކައްދައިދީއެވެ. މޫސައިދީގެ ހުސެންދީގެ އައިސާދީ ކިޔާ ބޭފުޅަކު ހުންނަވައެވެ. އޭރު ތުއްތު އަހަންމައިދީ ކައިވެނި ބައްލަވައިގެން އުޅުއްވަނީ މި އައިސާދީއާއެވެ.

މޫސައިދީގެ އަތޮޅުވެރިކަމުގައި އެ ދެ ކަނބަލުން ވެސް ވަޑައިގެން އުޅުއްވީ މަނަދޫގައި އަތޮޅުގޭގައެވެ. އެ ދުވަސްވަރު މަނަދޫއަށް ވަޑައިގެން އަތޮޅުގޭގައި ހުންނެވި ނ. އަތޮޅުގެ މެންބަރު ނ.ތ ޙަސަންދީ، މޫސައިދީއަށް ވިދާޅުވަނީ "ކާފަބޭ" އެވެ. އެއީ ވެސް އާއިލީގޮތުން ތިމާގެ ދެ ބޭފުޅުންނެވެ.

ދިވެހިރާއްޖެއަށް ފުޓްބޯޅަ ތަޢާރަފު ކުރެއްވީ މުޙައްމަދު އަމީންގެ ވެރިކަމުގައެވެ. މާލޭގައި ފުޓްބޯޅަ ކުޅެންފެށިތާ މާގިނަ ދުވަހެއް ނުވެ މަނަދުއަށް ފުޓްބޯޅަ ތަޢާރަފު ކުރައްވައިފިއެވެ. ދުވަސްވަރަކީ 1940ގެ އަހަރުތަކުގެ ފަހުކޮޅެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ތަދުމަޑުކަން ތަހަންމަލު ކުރަން ޖެހިފައިވާ ދުވަސްވަރެވެ. އެ ދަތި ދުވަސްވަރުގައި ވެސް މަނަދޫގެ ރައްޔިތުންގެ މެދުގައި ވަރަށް ވަރުގަދަ އެއްބައިވަންތަކަމުގެ ރޫޙެއް އޮތެވެ. ވެރިންދައްކާ މަގުން ހިގުމުގައި ދެކޮޅުވެރިކަމެއް ޚިޔާލު ތަފާތުވުމެއް ނެތެވެ.

ފުރަތަމަ ބޯޅަދަނޑެއް މަނަދޫގައި ހެދީ ޔާޔަބޭގެ (މިހާރުގެ ފަޅޯމާގެ) ހުރި ސަރަޙައްދުގައެވެ. ދަނޑު ހެދުމުގައި ރައްޔިތުން ހަރަކާތްތެރިވިއެވެ. ދަނޑު ކުރަހާ ގޯލް ބަހައްޓައި ހެދީ އަތޮޅުވެރިންގެ ލަފާފުޅާއެކުގައެވެ. ފުޓްބޯޅަ ކުޅޭގޮތާއި ގަވާއިދުތައް ވިދާޅުވެ ދެއްވައި ދެ ޓީމު އެކުލަވައިލެއްވި މޭސްތިރިއަކީ ތުއްތު އަހަންމައިދީއެވެ. މުޙައްމަދު އަމީނުގެ ދުވަސްވަރު މަނަދޫ ސޯސަންމަގުގެ ހުޅަނގުކޮޅުން އެހެން ދަނޑެއް ވެސް މާގިނަ ދުވަހެއް ކޮށާއަލިކުރިއެވެ. ރުއްގަސް ކަނޑައި ބިން ސާފުކޮށް ބިންގަނޑު އެއްވަރުކުރިއެވެ. އޭރު ގޯލް ހަދަނީ ރުއް ލަކުނޑިންނެވެ. ބޯޅަކުޅެނީ މާލެއިން ގެނެސްފައި އޮންނަ ބޯޅައަކުންނެވެ. އެއީ އެތެރެއަށް ހަމެއް ލައްވާފައި ހަމަށް ވައިޖަހައި ތުން އެތެރެއަށް ލާފައި ބޭރު ތޮށިގަނޑު ނާޑުވާ ފުރާހެން ފުރައިގެން ނުވަތަ ފަހައިގެން ބޭނުންކުރާ ބޯޅައެކެވެ. އަމިއްލައަށް ބޯޅަހަދާ ވެސް އުޅުނެވެ. އެއީ ކުކުޅުގެ މޭރު ނަގައިގެން އެއަށް ވައިޖަހާ ފުއްޕައިގެން އޭގައި ފޮތިއޮޅައި ފަހައިގެންނެވެ.

މަނަދޫގައި ފުރަތަމަ ހެދި ދެޓީމުގެ ތެރެއިން އިސް ޓީމުގެ ގޯލްކީޕަރަކީ އަޅުގަނޑުގެ މުނިކާފަ ހާރޫނު ހާޖީ ކަލޭފާނެވެ. އަނެއް ޓީމުގެ ގޯލް ކީޕަރަކީ މަނަދޫ ގޮޅާބެއެވެ. އަޅުގަނޑުގެ ކާފަ ޤާސިމް ހާރޫނު (ކާސިން ހާޖީ) އަކީ ޓީމުގެ ބެކެވެ. ނައިވައިދޫ އާދަމްބެ އަކީ މުޅި ފަސްގަނޑަށް ކުޅުއްވި ބޭކަލެކެވެ. ޚާއްޞަ މެޗުތައް ކުޅޭ ދުވަސްދުވަހު މެދަށް ހުއްޓީމާ އޮންނަ ބުއިމަށް ކިޔަނީ ލޭމް ޖޫހެވެ. އެއީ މާލޭ ބޭފުޅުން ވިދާޅުވާގޮތެވެ. އެއްޗަކީ ހަމަ ލުބޯހުތު ފަންޏެވެ.

މަނަދޫއަށް ފުޓްބޯޅަ ތަޢާރަފު ވުމާއެކު އަތޮޅުގެ އެހެން ރަށްރަށުގައި ފުޓްބޯޅަ ކުޅެން ފެށިއެވެ. އެ ދުވަސްވަރު އެންމެ ވާދަވެރި އަދި އެންމެ މޮޅު ދެ ޓީމަކީ މަނަދޫ ޓީމާއި ހޮޅުދޫ ޓީމެވެ. މަނަދޫގައާއި ހޮޅުދޫގައި ޜަޙުމަތްތެރިކަމުގެ ފުޓްބޯޅަ މެޗްތައް އެ ދުވަސްވަރު ކުޅެވުނެވެ. މޫސައިދީއާއި ތުއްތު އަހަންމައިދީ މަނަދޫ ޓީމަށް ކުޅުއްވައިގެން ވެސް މަނަދޫ ޓީމުވަނީ ބައްޔެވެ. އޭރު ހޮޅުދޫ ޓީމުގައި ވަރަށް ފާހަގަ ކޮށްލެވޭ ދެތިން ކުޅުންތެރިން ތިއްބެވެ.

އެއްކުޅުންތެރިއަކީ ހޮޅުދޫ ކަތީބުމަނިކެވެ. އެއީ މާލޭ ބޭފުޅުން ވިދާޅުވާގޮތެވެ. މަނަދޫ މީހުން ލިޔަނީ ދޮންމަނިކު ކަތީބެވެ. އެއީ މަޝްހޫރު މޭނާ ދޮންބެއެވެ. ފަހުން ނ. އަތޮޅުގެ އަތޮޅުވެރިކަމާއި މެންބަރުކަން ވެސް ކުރެއްވިއެވެ. ދެވަނަ ބޭފުޅަކީ ދޮން ޢަލީ ދޮންތުއްތުއެވެ. އެއީ ފަހުން ނައިބު ބޭކަލެކެވެ. ފޮތުނަމަކީ ޢަބްދުއްރަޙްމާނު ޢަލީއެވެ. ދެން ހުންނެވީ ދޮން މުޙައްމަދު ކަލޭގެ ދޮންތުއްތުއެވެ. ފަހުން އެއީ ނ. އަތޮޅުގެ އަތޮޅުވެރިކަން ދެ ފަހަރެއްގެ މަތިން ކުރައްވައި އަތޮޅު މެންބަރުކަން ވެސް ކުރެއްވި ހޮޅުދޫ ޙަސަން މުޙައްމަދު ނުވަތަ ޙަސަން ކަލޭފާނެވެ. ދެން ހުންނެވި ކުޅުންތެރިޔަކީ މޫސާ ޙަސަނެވެ. އަތޮޅުވެރިންނާއި ކާތިބަކު ހުންނަވައިގެން އަތޮޅު އޮފީސް ހިންގެވި ދުވަސްވަރު ކާތިބެއްގެ ގޮތުގައި އަތޮޅު އޮފީހުގައި މޫސާ ޙަސަން މަސައްކަތް ކުރެއްވިއެވެ.

މަނަދޫއަށް ފުޓްބޯޅަ ތަޢާރަފު ކުރެއްވިތާ ތަންކޮޅެއް ފަހުން ވެސް ތުއްތު އަހަންމަދައިދީ މަނަދޫއަށް ވަޑައިގެން ހުންނެވިއެވެ. އެއީ ކޮންމެ ވެސް ކަމެއްގައި ފޮނުއްވާލައްވާފައި ހުރި ދުވަސްކޮޅެކެވެ. އެ ދުވަސްކޮޅު ވެސް ފުޓްބޯޅަ ކުޅުއްވާ އުޅުއްވިއެވެ. އެ ފަހަރު މަނަދޫއަށް ވަޑައިގެން ހުންނެވީ އާބެ ގޭގައެވެ.