ރަށްފުށުގައި ކައުންސިލުން ބާއްވާ ޤުރުއާން މުބާރާތަކަށްވުރެ ރާއްޖޭގެ ޤައުމީ ޤުރުއާން މުބާރާތުގެ އިންތިޒާމުތައް ރަނގަޅު ނޫންކަން، ހިތާމަޔާއެކު ފާހަގަކުރައްވާކަމަށް ހދ. ވައިކަރަދޫ ކައުންސިލްގެ ރައީސް އަޙުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ޤައުމީ ޤުރުއާން މުބާރާތުގެ ފޮޓޯއަކާއެކު، ވައިކަރަދޫ ކައުންސިލްގެ ރައީސް މިހެން ވިދާޅުވެފައިވަނީ އޭނާ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައެވެ.
"ރަށްފުށުގަ ކައުންސިލުން ބާއްވާ ޤުރުއާން މުބާރާތަކަށްވުރެ މިޤައުމުގެ ޤައުމީ ޤުރުއާން މުބާރާތުގެ އިންތިޒާމުތައް ރަނގަޅު ނޫންކަން ހިތާމަޔާއެކު ފާހަގަކުރަން." ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން "ތިލަދުން" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ނަސީމް ވިދާޅުވީ މުބާރާތުގެ ކިޔެވުން ކުރިއަށް ދަނީ ޝެޑިއުލްއާ އެއްގޮތަކަށް ނޫންކަމުގައެވެ. ހަމައެހެންމެ، މުބާރާތުގައި ބައިވެރިވެގެން ދާ ފަރާތްތަކަށް ކަންތައް ކުރަންވީ ގޮތުގައި މައުލޫމާތު އެންމެ އެކަށީގެންވާ ގޮތެއްގައި ދެމުން ނުދާކަމަށާއި، މިކަމުގެ ސަބަބުން "ވާނުވާ" ގައި ތިބެން ޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނަސީމް އިތުރަށް ވިދާޅުވީ ރާއްޖޭގައި "މޯލްޑިވިއަން އައިޑަލް" ފަދަ މުބާރާތްތައް ބާއްވާކަމަށާއި އެފަދަ ކަންކަމަށް މުޅި ޤައުމު އުތުރި އަރާކަމުގައެވެ. އެހެންނަމަވެސް، ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުން އެފަދަ ކަމެއް ނުފެންނަކަމަށްވެސް ވިދާޅުވިއެވެ. އަދި މުބާރާތް ބަލާލަން ތިބެނީ އެންމެ ދިހަވަރަކަށް މީހުންކަމަށްވެސް ނަސީމް ވިދާޅުވިއެވެ.
ހަމައެހެންމެ، މުބާރާތުގެ ދެ ގޮފިކަމުގައިވާ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ހިފްޠު ގޮފި ކުރިއަށްދަނީ ވަކި ދެ އިމާރާތެއްގައިކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން، ބަލައިގެން ކިޔެވުމުގެ ގޮފި ކުރިއަށްދާ ހޯލަށް ވަދެވެނީ ވަރަށް މަދު އަދަދެއްގެ ބަޔަކަށްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މުބާރާތަށް ކުދިން ހޮވުމުގެ ކަންކަން ކުރިއަށް ގެންދިޔަ ގޮތާމެދުވެސް ނަސީމްވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
ހއ. އަތޮޅާއި، ހދ. އަތޮޅު އަދި ށ. އަތޮޅުގެ ބައެއް ރަށްރަށުގައި ކުރިއަށް ގެންދިޔަ ޤުރުއާން މުބާރާތްތަކުގެ ޖަޖުކަން ކުރަން އޭނާ ވަޑައިގަންނަވާތާ ހަވަރަކަށް އަހަރުވެފައިވާކަމަށާއި އެހެންނަމަވެސް، މިހާ ދޯދިޔާކޮށްދާ މުބާރާތެއް ފެނިވަޑައިގެންފައިނުވާކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އަދި މިކަންކަމާ ގުޅިގެން ވައިކަރަދޫ ކައުންސިލްގެ ރައީސް އިސްލާމީ ޤައުމެއްގެ ދަރިއެއްގެ ހައިޞިއްޔަތުން ދެރަވާކަމަށްވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!