މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ރައީސް ކަމުގެ މަޤާމަށް ސަންގް ޓީވީގެ ޝަހުބާން ފަހުމީ އަދި ނައިބު ރައީސް އަކަށް ތިލަދުންގެ ޙުސައިން ޘަޤީފް(ސަގީ) އިންތިޚާބު ކޮށްފިއެވެ.
އެމްއެމްސީގެ ރައީސްސާއި، ނައިބު ރައީސް އިންތިޚާބު ކުރުމަށް ވޯޓު ނެގުން އޮތީ މިއަދު ހެނދުނު 11 ޖަހާއިރުއެވެ. މިގޮތުން އެ ކައުންސިލްގެ ރައީސް ކަމަށް ތިން ބޭފުޅަކު ވާދަ ކުރެއްވިއެވެ.
އެ ތިން ބޭފުޅުންނަކީ ޕަބްލިކް ސާވިސް މީޑިއާގެ ޢަލީ ޙުސައިނާއި، ސަންގް ޓީވީގެ ޝަހުބާން ފަހުމީއާއި އަދި އަމިއްލަ ގޮތުން އެ ކައުންސިލްގެ ގޮނޑީއެއް ކާމިޔާބު ކުރަށްވާފައިވާ މުހައްމަދު ޝަފާއު ހަސަންއެވެ.
މިބޭފުޅުން ތެރެއިން ޢަލީ ޙުސައިންއަށް 5 ވޯޓު ލިބުނުއިރު، ރައީސަކަށް ހޮވުނު ޝަހުބާން ފަހުމީއަށް ލިބުނީ 6 ވޯޓެވެ. އަދި ޝަފާއު އަށް 3 ވޯޓު ލިބުނެވެ.
މީގެއިތުރުން ނައިބު ރައީސްގެ މަޤާމަށް ކުރިމަތިލީ ތިލަދުންގެ ޘަޤީފު އެކަނިކަމަށް ވާތީ، އޭނާ އިންތިޚާބު ކުރަން ނެގުނީ ފެންނަ ނުފެންނަ ވޯޓެކެވެ. އެ ވޯޓުން އޭނާއަށް ފެންނަ ކަމަށް 14 މެންބަރުންގެ ވޯޓު ވެސް ލިބުނެވެ.
މި އިންތިޚާބުގައި ވޯޓު ދެވެނީ އެމްއެމްސީގައި ހިމެނޭ މެންބަރުންނަށެވެ. އެމްއެމްސީގައި ތިއްބަވަނީ 14 މެންބަރުންނެވެ. އެ ކައުންސިލް އައު ދައުރަކަށް އިންތިޚާބު ކުރުމަށް، އިންތިޚާބު ބާއްވާފައި ވަނީ މިމަހުގެ 5 ވަނަ ދުވަހުއެވެ.
އެމްއެމްސީއަށް އަލަށް ހޮވުނު މީޑިއާ ތަމްސީލް ކުރާ ހަ މެންބަރުން
- އަލީ ހުސައިން (ޕީއެސްއެމް) 152 ވޯޓު
- ހުސައިން ޝަފީގް (ތިލަދުން) 97 ވޯޓު
- މުއިއްޒު އިބްރާހިމް (މިހާރު) 99 ވޯޓު
- އާދަމް ނަވާޒް (ވަގުތު) 92 ވޯޓު
- އާދަމް ނަޒީރު (ހަތާވީސް އޮންލައިން) 97 ވޯޓު
- ހަސަން ޝާކިރު މުހައްމަދު (އަސްދަނޑި) 88 ވޯޓު
- ޝަހުބާން ފަހުމީ (ސަންގް ޓީވީ) 94 ވޯޓު
އެމްއެމްސީގައި އާންމުން ތަމްސީލް ކުރުމަށް ހޮވުނު ހަ މެންބަރުން
- ފާތިމަތު އަހުމަދު، 142 ވޯޓު
- އަންވަރު އިބްރާހިމް، 112 ވޯޓު
- އިބްރާހިމް ފައުޒީ، 99 ވޯޓު
- އަހުމަދު މޫސާ، 90 ވޯޓު
- ޝަފާއަތު ހަބީބް، 83 ވޯޓު
- މުހައްމަދު ޝަފާއު ހަސަން، 82 ވޯޓު
އެމްއެމްސީގައި 14 މެންބަރުން ތިއްބަވާއިރު، ދެ މެންބަރެއްގެ ދައުރު ހަމަވާނީ އަންނަ އަހަރު އެވެ. އެހެން ކަމުން އަންނަ އަހަރު އެ ކައުންސިލްގެ ބައި އިލެކްޝަން އޮންނާނެ އެވެ.
އެމްއެމްސީގެ އައު ދައުރަށް މެންބަރުން އިންތިހާބުކޮށް، ރައީސަކާއި ނައިބު ރައީސްސެއްވެސް އިންތިޚާބުކޮށްފައިވާއިރު، މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅުއްވައެވެ. އެ މަސައްކަތް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން މީގެ ކުރިން ކޮށްފައިވެއެވެ. އަދި އެޓާނީ ޖެނެރަލްގެ އޮފީހުން މިހާރު ވަނީ އެ ދެ އިދާރާ އެއްކޮށްލާ "މޯލްޑިވްސް މީޑިއާ ކޮމިޝަން"ގެ ނަމުގައި ކޮމިޝަނެއް އުފެއްދުމަށް ނިންމާ އެކަމާއި ގުޅޭ ބިލެއް ތައްޔާރު ކުރުމުގެ މަސައްކަތް ފަށާފައެވެ. އަންނަ އަހަރުގެ ކުރީކޮޅު އެ ބިލު މަޖިލީހަށް ފޮނުވާނެ ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!