ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް، ޑރ. އަޒްމިރަލްދާ ޒާހިރާއި އައިޝާ ޝުޖޫން އައްޔަން ކުރަން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

މި ދެ ބޭފުޅުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރަން ފެންނަގޮތެއް ކަނޑައެޅުމަށް މިއަދު މަޖިލީހުގައި ނެގި ވޯޓުން، މި ބޭފުޅުންނަށް ރުހުން އޮތްކަމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މީގެއިތުރުން ރުހުން ދޭން ނުފެންނަކަމަށް އެއް މެންބަރަކު އަދި ވަކި ގޮތަކަށް ނުފެންނަކަމަށްވެސް އެއް މެންބަރަކު ވޯޓު ދެއްވިއެވެ.

Ad
rt

މި ދެބޭފުޅުން މަޖިލީހަށް އައްޔަން ކުރައްވަން ނިންމަވާ، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ފޮނުއްވާފައިވަނީ، ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރެއްވުމާ ގުޅިގެންނެވެ. އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިހު، އަޒްމިރަލްދާއާއި ޝުޖޫން އެސްސީގެ ބެންޗަށް އައްޔަން ކުރައްވަން ފެންނަވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ވަނީ ލަފާ ދެއްވާފައެވެ.

މީގެކުރިންވެސް އަޒްމިރަލްދާއާއި ޝުޖޫން ވަނީ ރާއްޖޭގެ ބައެއް ކޯޓުތަކުގައި ފަނޑިޔާރުކަން ކުރައްވާފައެވެ. އެގޮތުން ހައިކޯޓުގެ ފަނޑިޔާރުކަން އަޒްމިރަލްދާ ކުރެއްވިއިރު ސިވިލް ކޯޓުގެ ފަނޑިޔާރުކަން ޝުޖޫން ކުރައްވާފައިވެއެވެ.

ރާއްޖޭގެ އެންމެ މަތީ ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަން ކުރެއްވުމާ ބެހޭގޮތުން ގިނަ ބަހުސްތަކެއް ކުރެވިގެން ގޮސްފައިވެއެވެ. އެގޮތުން، ގިނަ އަދަދެއްގެ ޝޭޚުން ވަނީ މިއީ އިސްލާމީ ޝަރީޢަތާ ފުށުއަރާ، އަދި ނުކުރެވޭނެ ކަމެއްކަމަށް ވިދާޅުވެފައެވެ.