ހއ. ހޯރަފުށީގައި ސަރުކާރުން އަޅަން ނިންމާފައިވާ ހޮސްޕިޓަލަށް އެކަށޭނެ ބިމުގެ ގޮތުގައި ފަސް ބިމެއް، އެރަށު ކައުންސިލުން ސަރުކާރަށް ދައްކައިފިއެވެ. ހޯރަފުށީ ކައުންސިލުން، އެރަށުގެ ފަސް ސަރަޙައްދެއްގެ ބިން ފާހަގަކުރުމަށްފަހު، އެތަންތަން ވަނީ މިނިސްޓްރީ އޮފް ހެލްތަށް އަންގާފައެވެ.
އެރަށު ކައުންސިލުން ހެލްތު މިނިސްޓްރީގައި އެދިފައިވަނީ މި ފަސް ބިމުގެ ތެރެއިން އެންމެ އެކަށޭނެ ތަނެއް ކަނޑައެޅުމަށެވެ.
ހޯރަފުށީ ކައުންސިލުން ފާހަގަކޮށްފައިވާ ބިންތަކުގެ ތެރެއިން ފުރަތަމަ ބިމަކީ މިހާރުވެސް އެރަށުގައި ހުރި ޞިއްޙީ މަރުކަޒުގެ ބިމެވެ. ކައުންސިލުން އަންގާފައިވަނީ މި ބިމުގައި، ޞިއްޙީ މަރުކަޒު ބޮޑުކޮށް، ހޮސްޕިޓަލަކަށް ހެދިދާނެކަމަށެވެ.
ދެވަނަ ބިމެއްގެ ގޮތުގައި ހޯރަފުށީ ކައުންސިލުން ފާހަގަކޮށްފައިވަނީ އެރަށުގެ ބަނދަރު ސަރަޙައްދުގެ ބިމެކެވެ. ތިންވަނަ ބިމަކީ ހޯރަފުށީ އިންޖީނުގޭގެ އެއް ފަރާތުގައި އޮތް ބިމެކެވެ.
ހަތަރުވަނަ ބިމެއްގެ ގޮތުގައި އެރަށު ސްޓޭޑިއަމް އޮތް ބިން ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް، އެސަރަޙައްދުގައި ހޮސްޕިޓަލް އަޅާކަމުގައިވާނަމަ، ސްޓޭޑިއަމް އެހެން ތަނަކަށް ބަދަލު ކުރަން ޖެހޭނެއެވެ. މި ސަބަބާހެދި، ސްޓޭޑިއަމް ދެން ބަދަލުކުރާނެ ތަންވެސް، ކައުންސިލުން ވަނީ ހެލްތު މިނިސްޓްރީއާ ހިއްސާކޮށްފައެވެ.
ހޮސްޕިޓަލް އެޅުމަށް އެކަށޭނެ ފަސްވަނަ ބިމެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ. މީހުން ދިރިއުޅުމަށް އަލަށް ދޫކޮށްފައިވާ ގެތަކެއް ހުރި ސަރަޙައްދެވެ. ހެލްތު މިނިސްޓްރީން މި ސަރަޙައްދުގައި ހޮސްޕިޓަލް އަޅަން ނިންމައިފިކަމުގައިވާނަމަ، އެބިމުގައި ހުރި 43 ގެއެއް ނަގަން ޖެހޭނެއެވެ.
ސިޓީއަކުން މިކަންކަން ހެލްތު މިނިސްޓްރީ އަށް އަންގާފައިވާއިރު، މި ބިންތައް ކަނޑައެޅުމުގެ ކުރިން ކައުންސިލުން ވަނީ ރައްޔިތުންނަށްވެސް މިކަންކަން ހިއްސާކޮށްފައެވެ.
މި ހޮސްޕިޓަލް ބިނާކުރެވުމުން ވެގެންދާނީ ހއ. އަތޮޅުގެ ދެވަނަ ހޮސްޕިޓަލުގެ ގޮތުގައެވެ. މިހާރުވެސް އެއަތޮޅު ދިއްދޫގައި އަތޮޅު ހޮސްޕިޓަލެއް ދަނީ ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!