ޢާއިލާއާއި، އެކުވެރިންނާއި އަދި އަވަށްޓެރީންނާއިއެކު ހިތްއުފާކޮށްލައި، ވާހަކަ ދައްކާލައި، އުފާވެރި ވަގުތުތައް ހޭދަކޮށްލުމަށް ފިނި މައިޒާން ތަކާއި، ޕާކު ތަކަކީ ވަރަށް މުހިންމު ދައުރެއް ކުޅޭ ތަންތަނެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ "ކޮމިޔުނިޓީ ފަންޑް"އިން މިފަހަރު އެރަށެއްގެ ރައްޔިތުންނަށް އެހީތެރިވެ، ހިނިތުންވުން ގެނެސްދީފައިވާ ރަށަކީ ށ. ކަނޑިތީމަށެވެ.

Ad
rt

މިގޮތުން ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި އާންމު ފަރުދުންނާއި ޖަމިއްޔާތަކުން ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން އެ ބޭންކުން އިން ތައާރުފްކޮށް ހިންގާ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" ގެ ދަށުން މިވަނީ ކަނޑިތީމުގައި ކޮމިއުނިޓީ ޕާކެއް ހަދައި، މިއަދު ހުޅުވާފައެވެ.

ކަނޑިތީމަށް ނިސްބަތްވާ ޖިނާން މުހައްމަދު ޝަމީމު ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް ހުށަހެޅި ޕްރޮޕޯސަލްގެ ދަށުން ހުޅުވިމި ޕާކަކީ އެރަށުގެ ހުރިހާ އުމުރުފުރާއަކަށް ޚާއްސަ ކުރެވިފައިވާ ވެށީގެ ތާޒާވައި ލިބިދޭނެ، ހިތްގައިމު ޕާކެކެވެ.

އެ ޕާކުގައި ބާބަކިއު ހެދުމަށާއި މަސް ކެނޑުމަށް ހާއްސަ ސަރަހައްދެއް ހަދާފައިވާއިރު، އެ ސަރަހައްދުގައި މޭޒާއި ބެންޗުވެސް ހަދާފައިވެއެވެ. މީގެ އިތުރުން ކުޑަކުދިން ކުޅެއުޅުމަށް ހާއްސަ ޕާކަކާއި ހުރިހާ އުމުރު ފުރައެއްގެ މީހުންނަށްވެސް ބޭނުން ކުރެވޭނެ އައުޓްޑޯ ޖިމެއްވެސް މި ކޮމިއުނިޓީ ޕާކުގައި ހިމެނެއެވެ. ޕިކްނިކަނަށް ދާ މީހުންނަށް ފަސޭހަކުރުމުގެ ގޮތުން މި ސަރަހައްދުގައި ވަނީ ބީޗް ހަޓް، ސަން ބެޑް އަދި އައުޓްޑޯ ޝަވަރަކާއި އުނދޯއްޔާއި، ޖޯލި ފަތީގެ އިތުރުން ފިނި އަށި ބަހައްޓާފައެވެ.

ބީއެމްއެލްއިން ކަނޑިތީމުގައި ހަދައިދިން ޕާކު، ފޮޓޯ: ބީއެމްއެލް

މިއަހަރުގެ އޮކްޓޯބަރު 24 ވަނަ ދުވަހުވެސް ވަނީ ބީއެމްއެލްގެ "ކޮމިޔުނިޓީ ފަންޑް"ގެ ފަރާތުން ދިން އެހީތެރިކަމުގައި އިތުރަށެއްގެ ރައްޔިތުންނަށް ހިނުތުންވުން ގެނުވާފައެވެ. އެފަހަރު ބީއެމްއެލްއިން ވަނީ ނ. ހޮޅުދޫގައި މަސްކެނޑުމަށް ޚާއްސަތަނެއް ހަދައިދީފައެވެ. މަހެއްގެ ފަރުމާއަށް ހެދި މިތަނަކީ ހޮޅުދޫ މަސްވެރިންގެ އިތުރުން، އެ ރަށުގެ ޢާންމު ރައްޔިތުންނަށްވެސް މަސްކެނޑޭނެހެން ހަދާފައިވާ ތަނެކެވެ.

ބީއެމްއެލްއިން ކުރިއަށް ގެންދާ ކޮމިޔުނިޓީ ފަންޑްގެ ފަރާތުން ލިބޭ އެންމެ ރަނގަޅު ޕްރޮޕޯސަލްތަކަށް އަންނަނީ އެ ބޭންކުގެ ފަރާތުން އެހީ ފޯރުކޮށްދެމުންނެވެ. މި އަހަރުގެ މި ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުން ވަނީ 3 ފިޔަވައްސަކަށް ބަހާލާފައެވެ. އެ ގޮތުން މިހާތަނަށް މި އަހަރު 2 ފިޔަވަހި ނިމިފައިވާ އިރު، 3 ވަނަ ފިޔަވައްސަށް ޕްރޮޕޯސަލް ހުށަހެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.