‏"ބުރެވި" ތޫފާންގެ ބާރު ދަށްވެއްޖެކަމަށް ‏މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) އިން ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުން ދާދި ދެންމެ ކުރި ޓުވީޓެއްގައި ވިދާޅުވީ، "ބުރެވި" ތޫފާންގެ ބާރު ދަށްވެ، މިހާރުވަނީ ބާރުގަދަ ކޮޅިގަނޑަކަަށް ބަދަލުވެފައިކަމަށާއި އެތޫފާނު މިހާރު ހުރީ، އިންޑިޔާގެ ކަންޔާކުމާރީގެ އިރުއިރުއުތުރުން 200 އެއްހާ ކިލޯމީޓަރު ދުރުގައިކަމަށެވެ.

Ad
rt

މެޓް އޮފީހުން އިއްޔެ މެންދުރު ފަހު 14:00 އިން މިރޭ މެންދަމު 2:00 އަށް ނެރުނު ހުދު ސަމާލުގެ މެސެޖުގައި ބުނެފައިވަނީ، ތޫފާނު ''ބުރެވި'' މިހާރު ހުރީ ހއ. ކެލާގެ އިރު އުތުރުން ގާތްގަނޑަކަށް 760 ކިލޯމީޓަރ ދުރުން ގަލް އޮފް މަނާރުގައި ކަމަށެވެ.

މެޓް އޮފީހުން މަޢުލޫމާތުދޭގޮތުގައި ތޫފާނުގެ ބާރު ދަށްވި ނަމަވެސް ރާއްޖެ ސަރަހައްދަށް މޫސުން ގޯސްވާނެއެވެ. އެގޮތުން ވައިގަދަވާނެ ކަމަށް ބެލެވޭ ކަމަށާއި ވިލާގަނޑުގައި 45 މޭލަށް ވައިޖެހޭނެ ކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.

ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު ރާއްޖޭގެ މޫސުމަށް ފޯރާނެކަމަށް ބެލެވޭ އަސަރުތައް އެ އޮފީހުން އަމަލުކުރާ އުސޫލުގެ ތެރެއިން، ނެރޭ ސަމާލު އަދި އިންޒާރުގެ މެސެޖް މެދުވެރިކޮށް އާންމުކުރަމުން ދާނެކަމުގައި އެ އިދާރާއިން މަޢުލޫމާތު ދެއްވައެވެ.

މެޓް އޮފީހުން ދާދި ދެންމެއަކު ވަނީ ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކަށް ފަތިހު 05:00 އަށް ހުދު ސަމާލުވެސް ނެރެފައެވެ. އަދި އެ ސަމާލުގައި ބުނެފައި ވަނީ އެ ސަރަޙައްދު ތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ބުނެފައިވެއެވެ. އަދި ކަނޑުތައް ގަދަވެ އުދަ އަރާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

ބުރެވި ތޫފާނާއި ގުޅިގެން ކުދި އަދި ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ރޭގަނޑު، އަދި ވިއްސާރައިރު ދަތުރު ނުކުރުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އިން ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

އަދި ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް އެފަރާތުންވަނީ އެދިފައެވެ.