ޗައިނާއިން އިންސާނަކާއި ނުލާ ހަނދަށް ދިޔުމަށް މަސައްކަތް ފަށައިފިއެވެ.
ވޭތުވެދިޔަ 40 އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ޤައުމަކަށް ކުރެވިފައިނުވާ ކަމެއް ކަމަށްވާ ހަނދުން ތަހުލީލު ކުރުމަށް ސާންޕަލް ގެނައުމަށް ޗައިނާއިން ދަނީ މަސައްކަތް ކުރަމުންނެވެ.
ބެއިޖިންގް އިން ސްޕޭސް ސްޓޭޝަނެއް ހެދުމަށް ބިލިޔަނުން ޚަރަދު ކުރަމުން އަންނަ އިރު، އެ ޤައުމުގެ އެންމެ ބޮޑު އަމާޒަކީ 2022 ވަނަ އަހަރު އެ ޤައުމުގެ ޖައްވީ އިދާރާ ޤާއިމުކޮށް އިންސާނުން ޖައްވަށް ފޮނުވުމެވެ.
'ޗަންގޭ-5 ޕްރޯބް' ގެ ނަމުން ނަންދީފައިވާ މި މަސައްކަތަކީ ޗައިނާގެ ސައިންސްވެރިން ހަނދަށް އުޅަނދެއް ފޮނުވައި، ހަނދުގައި އުފެދިފައިވާ އެކި އެކި މަޢުދަންތައް އަނބުރާ ދުނިޔެއަށް ގެނެސް ތަހުލީލު ކުރުމެވެ. އަދި މި ތަހުލީލު ތަކުގައި، ހަނދުގައި އެއްވެސް ކަހަލަ ދިރުމެއް ވޭތޯ އާއި، ހަމަ އެހެންމެ، ހަނދުގައި މިހާތަނަށް އުފެދިފައިވާ ފަރުބަދަ ތަކުގެ މަޢުލޫމާތު އެއްކުރުންވެސް ހިމެނެއެވެ.
ޝިންހުއާ ނޫހުން ބުނާ ގޮތުގައި، ޗައިނާ އިން މި އުޅަނދު ޖައްވަށް ފޮނުވާލުމަށް މަސައްކަތް ކުރަމުން އަންނަނީ ދެކުނުގެ އަވަށެއްކަމަށްވާ ހައިނާންގެ ވެންޗަންގް ޖައްވީ އިދާރާއިންނެވެ.
މި މިޝަންއަކީ 2017 ވަނަ އަހަރު ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މަސައްކަތަކަށް ވީ ނަމަވެސް، އޭރު އެ ޤައުމުން މި ކަން ނުވި އެންމެ ބޮޑު އެއް ސަބަބަކީ، އޭރު އުދުއްސާލަން އުޅުނު ރޮކެޓުގެ އިންޖީނު ހަލާކު ވުމެވެ.
މިކަން ޗައިނާ އަށް ޙާޞިލުވެއްޖެ ކަމުގައިވީނަމަ، މިއީ މިކަން ޙާޞިލްވާނޭ3 ވަނަ ޤައުމެވެ. މީގެ ކުރިން1960 ގެ އަހަރުތަކުގައި މިކަން ޙާޞިލްކޮށްފައިވަނީ ރަޝިޔާ އަދި އެމެރިކާއިންނެވެ.
ޗައިނާގެ މި އުޅަނދުން ހަނދުގެ ސާމްޕަލްގެ ގޮތުގައި ނަގަން ހަމަޖެހިފައިވަނީ ގާތްގަނޑަކަށް 2 ކިލޯގެ ސާމްޕަލްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!