މޯލްޑިވިއަން އިން އިންޑިއާގެ ކޮޗިން އާއި ހަނިމާދުއާ ދެމެދު ދަތުރުތައް ފެށުން އަންނަ މަހަށް ލަސްކޮށްފިއެވެ.
މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ރިޒްވީ ވިދާޅުވީ ހަނިމާދު އާއި ކޮޗިންއާ ދެމެދު ދަތުރުތައް ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ތެރޭގައި ކަމަށެވެ. އެގޮތުން ހަފްތާއަކު ތިން ފްލައިޓް ބާއްވަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިންޑިއާގެ މާކެޓް މި އަންނަނީ ބޮޑުވަމުން. ކޮޗިންއަށް ދަތުރު ފެށީމާ އަޅުގަނޑުމެންގެ ބޭނުމަކީ އުތުރުގައި މިހިރަ ޓޫރިޒަމް ބެޑްތަކަށް ސީދާ އިންޑިއާއިން ޓޫރިސްޓުން ގެނައުން. އޭގެ ސަބަބުން އުތުރުގެ ޓޫރިޒަމްއަށް އަޅުގަނޑުމެން އެހީވުން މީގެ ބޭނުމަކީ،" ސަން އޮންލައިންއަށް ވާހަކަދައްކަވަމުން ރިޒްވީ ވިދާޅުވި އެވެ.
މޯލްޑިވިއަނުން ވަނީ ހަނިމާދޫ-ކޮޗިން ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ބުނެ ޕޯސްޓަރެއް ވެސް ނެރެފައެވެ. ނަމަވެސް އެ ޕޯސްޓަރުގައި ދަތުރުތައް ފަށާނެ ސީދާ ދުވަހެއް ހާމަކޮށްފައެއް ނުވެއެވެ.
މޯލްޑިވިއަނުން ވަނީ މި އަހަރުގެ ޖުލައި މަހުގެ ފަހު ކޮޅު ވެސް ހަނިމާދޫއިން ކޮޗިންއަށް ސީދާ ދަތުރުތައް ފެށުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށް ބުނެފައެވެ. އަދި އޯގަސްޓު މަހުގެ ނިމެންވާއިރަށް މި ދަތުރުތަކުގެ ޝެޑިއުލް އިއުލާނު ކުރެވޭނެ ކަމަށް އޭރު މޯލްޑިވިއަންއިން ބުނި ނަމަވެސް އަދި މިވީހާތަނަށް ދަތުރުތަކުގެ ޝެޑިއުލް އިއުލާނު ކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!