1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގެ ޢުދުވާނީ ހަމަލާއާއި ގުޅިގެން އެދުވަސްވަރުގެ ހަނދާންތައް ފޮތެއްގެ ސިފައިގައި ރައްކާކޮށްފައިވަނީ ވަރަށް މަދު ބައެކެވެ.

އެ މަދު މީހުންގެ ތެރޭގައި ހިމެނޭ މަޝްހޫރު ދުވުންތެރިޔާ ޑރ. ޙުސައިން ޙަލީމް (ކުޑަ ޙުސައިން) އަކީ ތަފާތު ބޭފުޅެކެވެ. ޑރ. ޙުސައިން ލިޔުއްވީ އެންމެ ފޮތެއް ނޫނެވެ. އެބޭފުޅާ ވަނީ "ނޮވެމްބަރު 3" އާއި ގުޅުވައިގެން 2 ފޮތެއް ލިޔުއްވާ ޝާއިއުކޮށްފައެވެ. އެއީ އެބޭފުޅާ އަށް ވަރަށް ޙާއްސަ ފޮތްތަކެކެވެ.

Ad
rt

ޑރ. ޙުސައިން އަކީ ވަރަށް ޤައުމީ ބޭފުޅެކެވެ. އެކަން އެބޭފުޅާގެ ފޭސްބުކްގައި ސިލްސިލާކޮށް "ޤައުމާއި މެދު އޮތް ލޯބި" ހާމަކޮށް ގެނެސްދޭ ޕޯސްޓްތަކުން ފެންނާނެއެވެ.

"ޤައުމަށްޓަކައި އުންޑައިގެ ކުރިމައްޗަށް" އަދި "ޝަހީދު ޙުސައިން އާދަމް ޖީލުގެ ބަދަލު" މިނަމުގައި ޑރ. ޙުސައިން ލިޔުއްވާފައިވާ މި ދެފޮތަކީ 3 ނޮވެމްބަރ 1988 ގައި ރާއްޖެއަށް ތަމަޅައިގެން ޓެރަރިސްޓު ހަމަލާ ގުޅިގެން ލިޔުއްވާފައިވާ 2 ފޮތެވެ. ޑރ. ޙުސައިން އެ ދުވަސް ސިފަ ކުރައްވަނީ "އެއީ ހަޔާތުގައި ކުރިމަތިވި އެންމެ ބިރުވެރި ދުވަސް" ކަމުގައެވެ.

"ތިލަދުން"ގެ ފަރާތުން އަޅުގަނޑު، ޑރ. ޙުސައިން އަށް ސުވާލުކޮށްލީ 24 އަހަރު ފަހުން (2012 ވަނަ އަހަރު) އެބިރުވެރި ހަނދާންތައް ފޮތެއްގެ ސިފައިގައި ނެރުމަށް ނިންމެވީ ކީއްވެތޯއެވެ؟

"ވަރަށް ގާތް މީހުންނާއި ގާތް މީހުންގެ އާއިލާ މީހުން އެދުވަހު ޝަހީދުވި. އެހެންވެ ވަރަށް ހާއްސަ އިހުސާސްތަކެއް އޭރު ކުރެވުނުން. އެއީ އަޅުގަނޑުގެ އެންމެ ޒުވާން ދުވަސްވަރު. އަދި މޫސާ އަލީ ޖަލީލު އަކީވެސް އަަޅުގަނޑުމެންނާއި އެކު ދުވަންދާ ބޭފުޅެއް އޭރު. އެހެންވެ އެބޭފުޅުން އެހާދިސާގައި ހިމެނޭތީ ކަންކަންވީ ގޮތް އޮޅުންފިލުވާ ހެދިން."

ޑރ. ޙުސައިން ވިދާޅުވިއެވެ.

ޑރ. ޙުސައިން ލިޔުއްވި 2 ފޮތް

މީގެ އިތުރުން ޑރ. ޙުސައިން ވިދާޅުވީ އޭރުގެ ހާލަތު އޮތް ގޮތުން ނޮވެމްބަރު 3 އާއި ބެހޭގޮތުން ފޮތް ލިޔުމުގެ ފުރުސަތު ކޮންމެ މީހަކަށް ނޯންނަ ކަމަށާއި އޭރު ޑރ. ޙުސައިން އަކީ ސިފައިންގެ ވަޒީފާގައި އުޅުއްވާ ބޭފުޅެއްކަމުގައި ވުމުން އެފަދަ ކަމެއް ކުރުމަށް ވިސްނާ ރަސްމީ ހުއްދައަކަށް އެދުނީ ކަމަށެވެ.

"އަޅުގަނޑު އޭރު އެދުނީ ރަސްމީކޮށް ނޮވެމްބަރު 3 އަކާއި ބޭހޭ ފޮތެއް ލިޔުމުގެ ހުއްދައަކަށް އަދި ފޮތުގެ އެންމެ ފަހުގެ އިންޓަވިއުއަކަށް އޭރުގެ ރައީސް، މައުމޫނުގެ އިންޓަވިއު ޖެހުމުގެ ހުއްދައަކަށް. ޖަވާބު އަކީ ކުރިއަށް ގެންދިއުމަށް. އެހެންވެ ރަސްމީކޮށް މަސައްކަތް ފެށީ. ސިފައިންގެ ތެރެއިންވެސް ރަސްމީ ބަޔާންތަކާއި ލިޔެކިޔުންތަކުގެ އެކްސެސް ލިބުމުން މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދެވުނު."

ޑރ. ޙުސައިން ވިދާޅުވިއެވެ.

ނޮވެމްބަރު 3 ގެ ފޮތްތައް ލިޔަންފެށި ސަބަބު "ތިލަދުން" އަށް ހާމަކުރައްވަމުން ޑރ. ޙުސައިން ވިދާޅުވީ "ފޮތް ލިޔުމުގައި ވަރަށް ގިނަ ރަސްމީ ބަޔާންތައް ކިޔާފައިވާނެކަމާއި އެހާދިސާއާއި ގުޅޭ ވަރަށް ގިނަ ލިޔުންތައް ދިރާސާ ކުުރުމުގެ ފުރުސަތު ލިބިގެން ދިޔަ"ކަމަށެވެ.

އެހެންކަމުން ޑރ. ޙުސައިން ގެ މިފޮތް ލިޔެފައިވަނީ އަސްލު ބަޔާންތައް ކިޔުމަށްފަހު ހަމަ އެބޭފުޅުންނަށް 24 އަހަރު ފަހުން އިންޓަވިއުކުރުމަށްފަހު ދެ އިރުގެ ވާހަތަކަށް އަޅާ ކިޔުމަށްފަހުގައެވެ. އެހެންކަމުން މިއީ ނޮވެމްބަރު 3 ގެ ހާދިސާ އެންމެބޮޑަށް ވެރިފައިކޮށް ލިޔެފައިވާ ފޮތްކަން ފާހަގަކޮށްލަންޖެހެއެވެ.

ފުރަތަމަ ފޮތް: "ޤައުމަށްޓަކައި އުންޑައިގެ ކުރިމައްޗަށް" (2012)

ނޮވެމްބަރު 3 ގެ ޢުދުވާނީ ހަމަލާ ދެވުނުތާ 24 އަހަރު ފަހުން އޭރު އެކި މީހުން ދެއްވާފައިވާ ބަޔާންތައް ހިރަފުސް ފޮޅާލާ އަލުން ކިޔާ އެބޭފުޅުންނަށް އަލުން އިންޓަވިއުކޮށް ފޮތެއް ނެރުމުގެ މަސައްކަތް ފެށުނެވެ. މިފޮތް ނެރުނު އިރު ޑރ. ޙުސައިން އުޅުއްވީ ދިވެހި ސިފައިންގެ ޚިދުމަތުގައެވެ. 2005 ވަނަ އަހަރުން ފެށިގެން 9 އަހަރު ޤައުމީ ދިފާއީބާރުގެ ލަޝްކަރުގައި ޚިދުމަތް ކުރުމުގެ ޝަރަފު ޑރ. ޙުސައިން އަށް ވަނީ ލިބިފައެވެ. އެގޮތުން ޚިދުމަތުގައި ސިފައިގޭގައި ހޭދަކުރެއްވި އެންމެ ފަހު ދުވަސްވަރު މިފަދަ ބޮޑު މަސައްކަތެއް ކުރެއްވީ ވަރަށް ޖޯޝާއި ފޯރީގައެވެ.

މިފޮތުގައި ޑރ. ޙުސައިން ލިޔުއްވާފައިވަނީ ޖުމްލަ ކޮށް ލިޔުއްވާފައިވަނީ 4 ކަމެއްގެ މައްޗަށެވެ. ފުރަތަމަ ހިމަނާފައިވަނީ އަބްދުﷲ މަޖީދު (މަޗާ) ލަންކާއަށް ގޮސް އުޅުމުގެ ތެރޭގައި ހާޖަރާގޭ ލުތުފީއަށް ދިމާވެ "ރާއްޖެ ހިފަން" އުޅޭ ކަމުގެ ވާހަކަ ދެކެވި އެވާހަކަ ކަމާއި ބެހޭ ފަރާތްތަކަށް ހިއްސާ ކުރި ވާހަކައެވެ.

ދެން ހިމަނާފައިވަނީ ނޮވެމްބަރު 3 ގައި ސިފައިންގެ މައިގޭޓް ދިފާއުކުރަން ދިވެހި ސިފައިން ކުރި މަސައްކަތުގެ ވާހަކައެވެ. ތަމަޅައިން ދިން ހަމަލާގައި ދިވެހި ސިފައިން ގޭޓް ދިފާއުކުރުމުގައި ކަން ހިނގި ގޮތް ތަފްސީލްކޮށް ގެނެސްދީފައިވެއެވެ.

ސިފައިންގެ ތެރެއިން ޕެޓްރޯލް ކުރަން ބޭރަށް ނުކުތް 9 ސިފައިންގެ ބޭކަލުންގެ ވާހަކަތައް ގެނެސްދީފައިވާއިރު "ރެކީ ޕެޓްރޯލް" ޓީމުގެ ވާހަހަކަތައް ޑރ. ޙުސައިން ގެނެސްދީފައިވަނީ އެ 9 ބޭކަލުންގެ ތެރެއިން ދުނިޔޭގައި ތިބި ބޭކަލުންގެ އިންޓަވިއުތައް ހިމަނައިގެންނެވެ. އަދި އެ ދުވަހު ޝަހީދުވި ސިފައިންގެ ބޭކަލުންގެ އަނބިންގެ އިންޓިވިއު ނަގާ ޝަހީދުވި ބޭކަލުންނާއި ބެހޭ މުހިންމު ވާހަކަތައްވެސް ފޮތުގައި ހިމަނާފައިވެއެވެ.

ދެން ހިމަނުއްވާފައިވަނީ އެދުވަހު ބަޑި ގުދަން ހުޅުވި ގޮތާއި ބަޑިގުދަތުން ބަޑިއާއި އުންޑަ ނެރެން ކުރެވުނު މަސައްކަތް ވަރަށް ތަފްސީލްކޮށް އަލިއަޅުވާލާފައިވެއެވެ. އަދި މިހާރުވެސް ގިނަ ބަޔަކު ދަންނަ "ތަޅުދަނޑިފަތި ސިފައިންގެ ތެރެއަށް އެއްލި ގޮތުގެ ވާހަކަ" ގެނެސްދީފައިވަނީ އެކަމުގައި އިސްކޮށް އުޅުއްވި ބޭފުޅުންގެ ބަޔާންތަކާއި އިންޓަވިއުތަކަށް ރިއާއަތްކޮށެވެ.

އޭރުގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ގެ އިންޓަވިއު މިފޮތުގައި ހިމެނަން ޑރ. ޙުސައިން ފޮތް ލިޔަން "ހާއްސަ ހުއްދަ" އަށް އެދުނު އިރު އެދިލެއްވިއެވެ. އެހެނަސް ފޮތް ލިޔެ ނިމުނުއިރު ރައީސް މައުމޫނުގެ ވެރިކަން ނިމިއްޖެއެވެ. އެހެންވެ މިފޮތުގައި ރައީސް މައުމޫނުގެ އިންޓަވިއު ހިމަނަން މަސައްކަތް ކުރިނަމަވެސް އެކަން ކާމިޔާބު ނުވިކަމަށް ޑރ، ޙުސައިން ވިދާޅުވިއެވެ. އެހެންކަމުން ފޮތް ނެރުނީ ރައީސް މައުމޫނުގެ އިންޓަވިއު ނުލައެވެ.

ދެވަނަ ފޮތް: "ޝަހީދު ޙުސައިން އާދަމް ޖީލުގެ ބަތަލު" (2013)

"ޤައުމަށްޓަކައި އުންޑައިގެ ކުރިމައްޗަށް" މިނަމުގައި ޑރ. ޙުސައިން ލިޔުއްވަމުން ދިޔައިރު ޝަހީދު ޙުސައިން އާދަމް ނޮވެމްބަރު 3 ގައި ކުރެއްވި ހިތްވަރު ވަރަށް ބޮޑަށް ފާހަގަވިއެވެ. އަދި އެހިތްވަރު އިތުރަށް ސިފަވެގެން ދިޔައީ ޝަހީދު ޙުސައިން އާދަމްގެ ޑައިރީ ކިޔާލަން ފުރުސަތު ލިބުމާއި އެކުގައެވެ. އެހެންކަމުން ޝަހީދު ޙުސައިން އާދަމް އާއި ބެހޭ ތަފްސީލީ ފޮތެއް ލިޔުމަށް ޑރ. ޙުސައިން މަސައްކަތް ފެށިއެވެ. އެއީ "ޝަހީދު ޙުސައިން އާދަމް ޖީލުގެ ބަތަލު" މިފޮތުގެ މަސައްކަތެވެ.

"ޝަހީދު ޙުސައިން އާދަމް ހިތްވަރުގަދަކަން ވަރަށް ބޮޑަށް ފާހަގަވި. އެދުވަހު ހުސެއިން އާދަމް ފިލަން ދުވިނަމަ މަންޒަރު ބަދަލުވީސް. އެދުވަހު ދިވެހި ސިފައިން ހޯދި ކާމިޔާބު އެއް ސަބަބު އެއީ ބާގީންނާއި ދެކޮޅަށް ޙުސައިން އާދަމް ދިން ޖެހިލުން ކުޑަ ރައްދު ހަމަލާ." ޑރ. ޙުސައިންގެ ދެވަނަ ފޮތް ލިޔަން ފެށި ސަބަބުން ހާމަކުރެއްވިއެވެ.

ޑރ. ޙުސައިން ގެ 2 ވަނަ ފޮތުގެ ހަނދާންތައް އާކުރައްވަމުން އިތުރަށް ވިދާޅުވީ "ހުސެއިން އާދަމް ގެ ޑައިރީ އަތު ޖެހުމުން އެހެންވެ ވަކިން ބައޮގްރަފީ ލިޔުމުގެ ހިޔާލު އައީ. މިމަސައްކަތުގައި ނޮވެލްޓީ އަލީ ޙުސައިން ވަރަށް ބޮޑު އެހީވެދެއްވި، އެފޮތުގައި ފަހަތުގައި އެބޭފުޅާގެ ހާއްސަ ސިޓީއެއްވެސް ހިމަނާފައިވާނެ. މިފޮތުގެ ނަންވެސް ދެއްވީ އެބޭފުޅާ" ކަމަށެވެ.

ޝަހީދު ޙުސައިން އާދަމް އާއި ބެހޭ ގޮތުން ވަކިން ފޮތެއް ނެރުއްވިއިރު ޑރ. ޙުސައިން އެންމެ ފާހަގަ ކުރެވުނު ކަމަކާއި މެދު އަޅުގަނޑު ސުވާލުކޮށްލީމެވެ.

"އެޒަމާނުގައި ޑައިރީ ގެންގުޅޭނީ މަދު މީހެއް. ގެންގުޅޭނީ މުސްކުޅިން ބޮޑަށް. އެހެނަސް ޝަހީދު ހުސެއިން އާދަމްގެ ޑައިރީ ފެނުމުން އަޅުގަނޑަށްވީ ވަރަށް ތަފާތު ކަމަކަށް، އެފޮތުގައި ސިފައިންގެ ޓްރޭންނިންގައި އުޅުނު އިރު ފިލާވަޅު ތަކާއި ޑައިގްރާމް ހިމެނޭ. ޑައިރީއިން ފާހަގަކުރެވުނު ޅޭމާއި ލަވަ ހިމަނާފައިވޭ. ތަފާތު ޒުވާނެއްގެ ގޮތުގައި ފެނުނީ."

ޑރ. ޙުސައިން ވިދާޅުވިއެވެ.

ނިންމުން:

3 ނޮވެމްބަރު 1988 ގެ ޢުދުވާނީ ހަމަލާއަށް މިއަދު މިވަނީ 32 އަހަރުވެފައެވެ. މިއީ ޑރ. ޙުސައިން އެހާދިސާއަށް 2 ފޮތެއް ލިޔެ ވުޖޫދު ކުރިތާ 8 އަހަރު ފަހުން އެބޭފުޅާ ދީފައިވާ ހާއްސަ ބަސްދީގަތުމެކެވެ. ދުވަސްތައް މާޒީވެގެން ދިޔައިރު މިއަދު މިވަނީ މަދު ބަޔަކަށް ނޮވެމްބަރު 3 ގައި "ދިވެހި" ސިފައިން ކުރެއްވި މަތިވެރި ޖިހާދުގެ މަތިން ހަނދާން ނައްތާލާފައެވެ. ދިވެހި ޤައުމުގެ ހައްޤުގައި ދިވެހި ސިފައިން ކުރި މަސައްކަތުގެ އަގު ވަޒަން ކުރަން ޑރ. ޙުސައިން ޙަލީމު (ކުޑަ ޙުސައިން) ލިޔުއްވާފައިވާ މި 2 ފޮތުންވެސް ފުދޭނެއެވެ. މިއީ އޭރުގެ ލިޔެކިޔުންތައް ފެނި ކިޔާފައިވާ ބޭފުޅެއްގެ ޤަލަމުން އެވާހަކަތައް ގެނެސްދީފައިވާ ފުރިހަމަ ފޮތެކެވެ.

"ޤައުމަށްޓަކައި އުންޑައިގެ ކުރިމައްޗަށް" ދިވެހި ސިފައިން ނުކުންނެވި ގޮތާއި ނުކުމެ ކުރި މަސައްކަތް ފުރަތަމަ ފޮތުން އޮޅުން ފިލާނެކަން ޔަގީނެވެ. އަދި ""ޝަހީދު ޙުސައިން އާދަމް ޖީލުގެ ބަތަލު"ގެ ނޭނގޭ އެތައް ވާހަތަކެއް ދެވަނަ ފޮތުން އެނގިގެން ދާނެއެވެ. މިފޮތުގެ ކޮޕީ ބޭނުންފުޅުވާނަމަ ލިބިވަޑައިގަންނަވާނެއެވެ.

ފޮތް ބައްލަވައިގަތުމަށް 9995823 ގުޅުއްވާށެވެ! ފޮތެއްގެ އަގަކީ 200 ރުފިޔާއެވެ.