ިދިޔަ މަހު ސާވިސް ޗާޖުގެ ގޮތުގައި ޝެވަލް ބްލޮންކް ރަންދެލި ރިސޯޓުގެ ކޮންމެ މުވައްޒަފަކަށް 1,286.93 ޑޮލަރު (19,844.46ރ) ބަހައިފި އެވެ.
މިއީ މިދިޔަ މަހު ސާވިސް ޗާޖުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ބެހި ރިސޯޓް ކަމަށް ރިސޯޓުތަކުގެ މުވައްޒަފުންގެ ސާވިސް ޗާޖުގެ މައުލޫމާތު ގެނެސްދޭ ވެބްސައިޓް www.Maldivessc.com ގައި ބުނެފައިވެ އެވެ.
އެ ވެބްސައިޓްގައިވާ ގޮތުން މިދިޔަ މަހު ދެވަނައަށް އެންމެ ގިނަ އަދަދެއް ސާވިސް ޗާޖުގެ ގޮތުގައި ބަހާފައި ވަނީ މާލެ އަތޮޅުގައި މިއަހަރުތެރޭ ހުޅުވި ވޯލްޑްރޮފް އެސްޓޯރިޔާ އިތާފުށިންނެވެ. އެ ރިސޯޓުގެ ކޮންމެ މުވައްޒަފަކަށް 832.00 ޑޮލަރު (12،829ރ.) ލިބުނެވެ. ތިން ވަނާގައި އުޅެނީ އަނަންތަރާ ކިހާވައް ވިލާސްއެވެ. އެ ރަށުގެ ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި ލިބުނީ އަށް 12،791 ރުފިޔާ އެވެ
އެއް ހާސް ޑޮލަރަށް ވުރެ ބޮޑު އަދަދެއް ސާވިސް ޗާޖުގެ ގޮތުގައި މިދިޔަ މަހު ބަހާފައި ވަނީ އެންމެ ރިސޯޓަކުންނެވެ.
ރާއްޖޭގެ ރިސޯޓުތަކުން ސާވިސް ޗާޖުގެ ގޮތުގައި އެވްރެޖްކޮށް ދިހަ ޕަސެންޓް ނަގަ އެވެ. އޭގެ ތެރެއިން ބަހަނީ ވެސް އެކި މިންވަރަށެވެ. ގިނަ ރިސޯޓްތަކުން ސާވިސް ޗާޖުގެ ގޮތުގައި ބަހާ މިންވަރު އޮންނަނީ ސިއްރުކޮށްފަ އެވެ.
ސާވިސް ޗާޖުގެ ގޮތުގައި ބަހާ މިންވަރު އާއްމުކުރާ ވެބްސައިޓްގައިވާ މައުލޫމާތުތަކަކީ ރިސޯޓުތަކުގެ މެނޭޖްމަންޓުން ހިއްސާކުރާ މައުލޫމާތެއް ނޫނެވެ. އެ މައުލޫމާތު ދެނީ އެކި ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނެވެ. އެގޮތުން އޮގަސްޓްމަހުގެ ސާވިސްޗާޖުގެ ގޮތުގައި 55 ރިސޯޓެއްގެ މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދަދުތައް ލިބޭ ވަރަކުން ކޮންމެ މަހަކުވެސް މިވެބްސައިޓުން އަންނީ އަޕްޑޭޓް ކުރަމުންނެވެ. މިވެބްސައިޓަކީ 2017 ވަނަ އަހަރުން ފެށިގެން އަޕްޑޭޓް ވަމުން އަންނަ ސައިޓެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!