ކޯވިޑް-19 އާގުޅޭ ވެންޓިލޭޓަރުތައް ހޯދުމުގެ މައްސަލައިގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭހެން އެ މިނިސްޓްރީގެ 11 ބޭފުޅެއްގެ މައްޗަށް ދައުވާކޮށްދޭން އެދި އޭސީސީން ޕީޖީ އޮފީހަށް ހުށަހެޅި މައްސަލައިގައި ދައުވާ ކުރެވޭވަރަށް ހެކި ނެތިގެން އެ މައްސަލަ އަނބުރާ ފޮނުވާލައިފިއެވެ.

އެމައްސަލާގައި ދަޢުވާކުރުމަށްޓަކައި 14 އޮކްޓޫބަރު 2020ގައި، އެމައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަމުން އޭސީސީން ބުނީ ކޯވިޑް-19 އާ ގުޅިގެން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރާ ވެންޓިލޭޓަރތައް ގެންނަނީ އާންމު އުޞޫލުތަކާ ޚިލާފަށް ވަކި ބައެއްގެ އަތުން ކަމަށާއި މިގޮތުން ތަކެތި ނުލިބެނީސް އެޑްވާންސް ފައިސާ ދައްކާފައިވާ ކަމަށާއި، އަދި ވެންޓިލޭޓަރތައް ގެންނަން ޑުބާއީގެ ކުންފުންޏަކަށް ވެސް އެޑްވާންސްކޮށް ފައިސާ ދައްކާފައިވާކަމަށެވެ.

Ad
rt

އެމައްސަލައާއި ގުޅިގެން މިއަދު ޕީޖީ އޮފީހުން ބުނީ އެ މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށެވެ. އެކަމުގެ ތަފްސީލް މިއަދު މެންދުރު ބާއްވާ ޕްރެސް ކޮންފަރެންސްގައި ހާމަކުރާނެ ކަަމަށް ވެސް އެ އޮފީހުން ބުންޏެވެ.

މި މައްސަލައަކީ، އެސީސީން ޚާއްޞަ އިސްކަމެއް ދީގެން، އަވަސް މައްސަލައެއްގެ ގޮތުގައި ތަޙްޤީޤުކޮށްފައިވާ މައްސަލައެކެވެ. އެގޮތުން، މި މައްސަލަ ތަޙްޤީޤުކުރުމަށްޓަކައި ކޮމިޝަންގެ ތެރެއިން 04 އިންވެސްޓިގޭޓަރުން ހިމެނޭ ޚާއްޞަ ތަޙްޤީޤު ޓީމެއް އެކުލަވާލައިގެން، ތަޙްޤީޤު ކުރިއަށް ގެންގޮސްފައިވާއިރު، 22 އޮގަސްޓް 2020ން ފެށިގެން ޖޮއިންޓް އިންވެސްޓިގޭޝަންގެ ދަށުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ 03 އިންވެސްޓިގޭޓަރުން މި މައްސަލަ ތަޙްޤީޤުގެ މަސައްކަތުގައި ބައިވެރިވެފައިވެއެވެ.

މި މައްސަލައަކީ އެ ކޮމިޝަނުން މިހާތަނަށް ތަޙުޤީޤުކުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކަށްބަލާއިރު ނިސްބަތުން އެންމެބޮޑު އެއް މައްސަލަ ކަމަށްވީނަމަވެސް، އެންމެ އަވަހަށް ތަޙްޤީޤުކޮށް ނިންމާފައިވާ މައްސަލަކަން ފާހަގަކުރާކަމަށް އެ މައްސަލަ ނިންމައި، ދައުވާކުރަން ފޮނުވަމުން އާންމުކުރި ބަޔާނުގައި އޭސީސީން ބުނެފައި ވެއެވެ.

އެ މައްސަލަ ތަޙްޤީޤުކުރުމުގައި ތަޙްޤީޤު ޓީމުން ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، ތަޙްޤީޤަށް ބޭނުންވާ މަޢުލޫމާތާއި ލިޔެކިޔުންތައް ހޯދުމަށްޓަކައި ދަޢުލަތު އިދާރާތައް ހިމެނޭހެން، ތަފާތު 08 އިދާރާއަކުން މަޢުލާމާތު އެއްކުރެވާކަމަށާއި، އަދި މި މައްސަލައާ ގުޅިގެން، ޖުމްލަ 1600 ޑޮކިއުމެންޓަކާއި، 500 އީމެއިލް ބެކަޕް ތަޙްޤީޤު ޓީމުން ދިރާސާކޮށް އެނެލައިޒްކޮށްފައި ވާކަމަށް އޭސީސީން ބުނެފައި ވެއެވެ. މީގެތެރޭގައި، މި މައްސަލައާ ގުޅުންހުރި އެކި ފަރާތްތަކުގެ ގިނަ ޢަދަދެއްގެ ބޭންކް އެކައުންޓްތަކާގުޅޭ މަޢުލޫމާތު ހިމެނޭކަމަށާއި އަދި މި މައްސަލައާ ގުޅުންހުރި ފަރާތްތަކުގެ ޖުމްލަ 36 ބަޔާނެއް ނަގާފައިވާކަމަށް ވެސް އޭސީސީން ވަނީ ބުނެފައި އެވެ.

14 އެޕްރީލް 2020 ގައި އޭސީސީގެ އަމިއްލަ އިސްނެގުމަށް ތަޙުޤީޤު ފެށި މި މައްސަލައިގެ ތަޙްޤީޤު ނިމިފައިވަނީ 13 އޮކްޓޫބަރު 2020 ގައެވެ.