އުތުރުގެ ޕޮލިސް ކްލަސްޓާއާއި ގުޅިގެން މިވަގުތު މޮނިޓަރިންގައި އޮތް ކުޅުދުއްފުށީގައި، ލޯކަލް ޓްރާންސްމިޝަނެއް ހިނގާފައިވާ ކަމަށް ބެލެވޭތީއާއިއެކު އެރަށު ކޯވިޑް ޓާސްކް ފޯހާއި ގުޅިގެން މަސައްކަތް ކުރަށް ވަމުން ގެންދަވާ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ، (އެޗްއީއޯސީ) އިން ބުނެފިއެވެ.
ރޭ އެޗްއީއޯސީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދަށްކަވަމުން އެޗްއީއޯސީގެ ޢަބުދުﷲ މަޢުރޫފް ވިދާޅުވީ ކުޅުދުއްފުށީގައި ލޯކަލް ޓްރާންސްމިޝަނެއް ހިނގާފައިވާ ކަމަށް ބެލެވޭތީ، އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ކުޅުދުއްފުށި ޓާސްކް ފޯހާއި ގުޅިގެން މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށެވެ.
މަޢުރޫފް ވިދާޅުވީ އެގޮތުން އިތުރަށް ދޭންޖެހޭ މަޢުލޫމާތުތައް އާންމު ރަށްޔިތުންނަށް ފޯރުކޮށް ދިނުމާއި، އާންމުން ހޭލުންތެރިކުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރެވިފައި ވާކަމަށެވެ. އަދި ކުޅުދުއްފުށްޓަށް އިތުރު ސަޕޯޓް ދިނުމަށްޓަކައި ފަންނީ ލަފައާއި، އެހީތެރިކަން ދެވެމުންދާ ކަމަށް މަޢުރޫފް ވިދާޅުވިއެވެ.
ކުޅުދުއްފުށީ ޓީމުގައި އެރަށުގައި މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރާކަން ފާހަގަ ކުރަށްވާ ކަމަށާއި، އެކަމަށް ޝުކުރު ދަންނަވާ ކަމަށް މަޢުރޫފް ވިދާޅުވިއެވެ.
''އިއްޔެ ކުރެވުނު މަޝްވަރާގައި އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނު ބައެއް ކަހަލަ ދަތިތަކެއް ހުރިކަން، އެހެން ނަމަވެސް އެ ދަތިތަކާއިއެކު، ޚާއްޞަގޮތެއްގައި އެކޮޅުގެ ޓާސްކްފޯސްއަށް މީހުން އިތުރުކުރުމާއި، އިތުރު މައުލޫމާތު ފޯރުކޮށްދޭން ޖެހިފައިވާކަން ފާހަގަކޮށްލަން، އެކަމަށްޓަކައި މިހާރު މިދަނީ އިތުރަށް އެބޭފުޅުންނާއިއެކު މަޝްވަރާ ކުރެވެމުން''
މަޢުރޫފް ވިދާޅުވިއެވެ.
މަޢުރޫފް ވިދާޅުވީ މިހާރު އެޅިފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ކުޅުދުދުއްފުށްޓަށް އަރައި ފޭބުން މަނާކުރެވިފައިވާ ކަމަށާއި، ނަމަވެސް ޞިއްޙީ ޚިދުމަތް ލިބޭނެގޮތް ހަމަޖެހިފައިވާނެ ކަމަށާއި އަދި އެރަށަށް ކާބޯތަކެތި ގެނައުމުގައިވެސް ހުރަހެއް ނޯންނާނެ ކަމަށެވެ.
މިހާލަތުގައި ބޭރަށް ނުކުންނަންވާނީ ކޮންމެހެން ބޭރަށް ނުކުންނަން ޖެހިޖެއްޖެ ހާލަތުގައި ކަމަށާއި، މިގޮތަށް ނުކުންނަ ނަމަ އެޗްޕީއޭގެ ގައިޑްލައިން ފްލޯކޮށް، މާސްކު އެޅުމަށް މަޢުރޫފް އެދި ވަޑައިގަތެވެ. އަދި މިހާލަތުގައި ސްކޫލްތަކާއި، ކެފޭ، ރެސްޓޯރެންޓް، ފިހާރަ، ސެލޫން އަދި ޖިމް ފަދަ ތަންތަން ވެސް ވަނީ ބަންދު ކުރެވިފައި ކަމަށާއި، ފިހާރަ، ކެފޭ، ރެސްޓޯރެންޓް އިން ޚިދުމަތް ހޯއްދަވާނަމަ ޓޭކްއަވޭގެ ޚިދުމަތް ބޭނުން ކުރެއްވޭނެ ކަމަށް ވެސް މަޢުރޫފް ވިދާޅުވިއެވެ.
މީގެއިތުރުން ކުޅިވަރުކުޅޭ މައިދާންތައް ބަންދުކޮށް، އެއްވުންތައް މަނާކޮށް އަދި ފްލޫ ކްލިނިކް ހަރުދަނާކޮށް ގިނަ ސާމްޕަލް ނެގޭނެ އިންތިޒާމް ހަމަޖެހިގެން ދާނެ ކަމަށާއި، ޓެކްސީވެސް ބޭނުން ކުރެވޭނީ މާލެއެކޭ އެއްގޮތަށް އެޗްޕީއޭގެ އުސޫލާއި އެެއްގޮތަށް ކަމަށް މަޢުރޫފް ވިދާޅުވިއެވެ.
އުތުރުގެ ޕޮލިސް ކްލަސްޓާއާއި ގުޅިގެން މިވަގުތު ކުޅުދުއްފުށި މޮނިޓަރިންގައި އޮތްއިރު، އެރަށުގައި ލޯކަލް ޓްރާންސްމިޝަނެއް ހިނގާފައިވާ ކަމަށް ބެލެވޭތީ ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!