އަނިޔާއާއި ބޭއިންސާފު ނައްތައިލުމުގައި ސާބިތުވެ ތިބުމަށް ރައީސް ގޮވާލައްވައިފިއެވެ.
ހިޖުރީ އާއަހަރު ފެށުމުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައި ރައީސް ވިދާޅުވީ ހިޖުރައިގެ ހާދިސާއިން ލިބިދޭ އެންމެ މުހިންމު އެއް ފިލާވަޅަކީ، އަނިޔާއާއި ބޭއިންސާފު ނައްތައިލުމުގައި ސާބިތުވެ ތިބުމުގެ ބޭނުންތެރިކަމާއި، އިންސާނީ ކަރާމާތް ދަމަހައްޓައި، އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށް ވަކާލާތު ކުރުމުގެ މުހިންމުކަން ކަމުގައި ވިދާޅުވެފައިވެއެވެ. އަދި، އިންސާނުންގެ މެދުގައި ތަފާތުކުރުން ނައްތާލައި، ހަމަހަމަކަން ޤާއިމްކުރުމަށް ގަދައަޅައި މަސައްކަތްކުރުމާއި، ކޮންމެ ފަރުދެއްގެ ކޮންމެ ކަމެއްގައިމެ، ޢަދުލުވެރިކަން އިސްކުރުމުގެ މުހިންމު ކަމަކީވެސް ހިޖްރައިގެ ހާދިސާއިން ލިބިދޭ ފިލާވަޅެއްކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
"އަހަރަކަށް އަލްވަދާޢު ކިޔައި، އާ އަހަރަކަށް މަރުޙަބާ ކިޔާ މުނާސަބަތަކީ، މާޒީން ލިބިދިން ޢިބްރަތްތަކުގެ އަލީގައި، ކުރިމަގު އަލުން ބައްޓަންކުރުމަށް ލިބޭ ނުހަނު އަގުހުރި ފުރުޞަތެއް. ފަރުދީ ފެންވަރުގައި ޢާއިލީ ގުޅުންތައް ބަދަހިކޮށް، އިޖްތިމާޢީ އެކުވެރިކަމުގެ ތެރެއިން، ޤައުމުގެ ހެވާއި ލާބަޔަށް، އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ ޢަޒުމް އާކުރުމަށް ލިބޭ ފުރުސަތެއް"
ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ޚިޠާބުގައި، މިއީ ފަރުދީ ފެންވަރުގައި ޢާއިލީ ގުޅުންތައް ބަދަހިކޮށް، އިޖްތިމާޢީ އެކުވެރިކަމުގެ ތެރެއިން، ޤައުމުގެ ހެވާއި ލާބަޔަށް، އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ ޢަޒުމް އާކުރުމަށް ލިބޭ ފުރުޞަތެއްކަމުގައި ވިދާޅުވެފައި ވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ޤައުމަށްޓަކައި ދިވެހިން މިއަދު ތެދުވާންވީ، ނަބަވީ ހިޖްރައިން އުފައްދައިދިން ފަދަ، އެއް އިޙްސާސްތަކެއް ޙިއްޞާކުރާ، އެއް ހަމަތަކެއް ޤަބޫލުކުރާ، އެއް ޙައްޤުތަކަކަށް ވަކާލާތުކުރާ، އެއް އުންމަތެއްގެ ގޮތުގައިކަން ފާހަގަކުރައްވާފައިވެއެވެ.،
އެމަނިކުފާނުގެ ޚިޠާބުގައި، ހިޖްރީ އާ އަހަރަކާ ބައްދަލުކުރާއިރު، ހިޖްރައިގެ ހާދިސާއިން ލިބިދޭ މިފަދަ ފިލާވަޅުތައް، ޙަޔާތުގެ ޢަމަލީ މައިދާނުގައި ތަންފީޒު ކުރެވެނީ، ކިހާ މިންވަރަކަށްތޯ ވިސްނައިލުން މުހިންމުކަމުގައި ވިދާޅުވެފައިވެއެވެ. އަދި ދިވެހިންގެ މެދުގައި އޮންނަންޖެހޭ ދީނީ އެއްބައިވަންތަކަމާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރުމާއި، ޢާއިލީ ގުޅުންތަކާއި، އިޖްތިމާޢީ ރަޙްމަތްތެރިކަން ދެމެހެއްޓުމުގައި، ތިމާއަށް އަދާކުރެވޭނީ ކޮން ދައުރެއްތޯ، ހަމަ ކޮންމެ ފަރުދަކު ވިސްނައިލުން މުހިންމުކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!