ކުއްލި ޚަބަރެކެވެ. ލޯންޗު ބަންޑުން ޖަހާލި ވާހަކައެވެ. ހޭދަވާނީ ފަޅި ސިކުންތެކެވެ. ސިފަވީ ހުޅަނގު މޫސުމަށް ނަގާ ބިޔަ ބޮޑެތި ރާޅުތަކެވެ. ފުންމިން ނޭނގޭ ކަނޑެވެ. ރުއިމާއި އާދޭހުގެ އަޑެވެ. ސިހުން ލިބިފައިވާ ހިތްތަކެވެ. ބީރައްޓެހިންނެއް ނޫނެވެ. އެކަކު އަނެކެއްގެ ލޯބިވާ ޢާއިލާގެ މެންބަރުންނެވެ. ދެކެފަރިތަ ރައްޓެހީންނެވެ. މަޢުސޫމު ތުއްތު ފުރާނައެކެވެ. ގަދަ އޮޔާއި ރާޅުތަކުގެ ތެރޭގައި ކުރިމަތިވީ ކޮންފަދަ ވަރުގަދަ ހަނގުރާމައަކާހެއްޔެވެ. ހިތަށް އަރުވާލިއަސް ރޮވޭހާވެއެވެ. ހިތްތައް ކުދިކުދިވާހާ ވެއެވެ. މިއީ މިޚަބަރު ލިބުނު ކޮންމެ މީހަކަށްހެންމެ ކުރެވެމުންދާ ޚިޔާލުތަކެވެ.
އޮގަސްޓް 29 ވަނަ ދުވަހުގެ ނޮޅިވަރަންފަރަށް އިރު އަރައިގެން އައީ އުޑުމަތި ބަނަ މޫސުން ގޯސް ދުވަހެއްގެ ގޮތުގައެވެ. ނޮޅިވަރަންފަރުގައި ފެންބޮޑުވެ ގޭގެއަށް ފެންވަދެ ގެއްލުން ވަމުންދާ ކަމުގެ ޚަބަރާއި އެކުގައެވެ. އެރަށުގެ އެކި ސަރަހައްދު ތަކުގައި ފެންބޮޑުވެ ރައްޔިތުންގެ އެހީތެރިކަމަށް ކައުންސިލުން ގޮވާލުމާއި އެކު ވަގުތު ރައްޔިތުން ނިކުމެ އެހީތެރިކަން ބޭނުންވެފައި ތިބި މީހުންނަށް އެހީތެރިވުމުގައި އަވަދި ނެތި އުޅެމުން ދަނިކޮން ރަށުތެރޭ ފެތުރެންފެށި ވާހަކައަކީ އެރަށުން ފުރައިގެން ހަނިމާދޫ އަށް ދަތުރު ކުރި ލާންޗެއްގެ ހަބަރެއްނުވެ ގިނައިރުވާ ކަމުގެ ހަބަރުތަކެވެ. މިއީ ނޮޅިވަރަންފަރަށް އިއްޔެ އިރުއަަރައިގެން އައި ގޮތެވެ.
ނޮޅިވަރަންފަރުން ފުރައިގެން ހަނިމާދޫއަށް ދިޔަ ލޯންޗު ބަންޑުން ޖަހާލި ޚަބަރާއެކު މުޅި ނޮޅިވަރަންފަރު ސިއްސުވާލައިފިއެވެ. ޙާލުގައި ޖެހުނު ބަޔަކު ރަށަށް އެރުވުމާއެކު ހަނިމާދޫގެ ޞިއްޙީ މަރުކަޒުގެ މުވައްޒަފުންނާއި ރައްޔިތުންނަށްވެސް ސިހުން ގެނުވިއެވެ. ގެނބިގެން 5 މީހެއްގެ ފުރާނަ ދުނިޔެއާ ވަކިވިކަން އެނގުމާއެކު ރަށު ރައްޔިތުންގެ އިތުރުން ހުރިހާ ކަންކޮޅެއްގެ ދިވެހީން ހިތާމައިން ކަރުއެލުވާލަން ޖެހިއްޖެއެވެ.
ނޮޅިވަރަންފަރުގެ ފަސް ޓީޗަރުންނާއެކު ޖުމްލަ 10 މީހުން ދަތުރުކުރަމުން ދިޔަ ލޯންޗުގައި ސްކޫލްގެ އެންމެ ގިނަ ދުވަސްވީ ޓީޗަރު ޙުސައިން ޢަބްދުﷲ (ޙުސެންބެ) ގެ ޢާއިލާ އާއި ސްކޫލް ޓީޗަރު ޢަބްދުއްޝުކޫރާއި އޭނާގެ އަންހެނުންވެސް ހިމެނުނެވެ. މިޙާދިސާގައި ޙުސައިން ޢަބްދުﷲ އާއި އޭނާގެ އަންހެނުންނާއި، ހުރި ހަމައެކަނި އަންހެން ދަރިފުޅު ޤުރައިޝާއާއި އެންމެ ފަސް އަހަރުގެ ކާފަ ދަރިފުޅުވެސް ދުނިޔެއާއި ޢަލްވަދާއު ކީއެވެ. ޢާއިލާގެ ކުއްލި މަރާއިއެކު ޙުސައިން ޢަބްދުﷲގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅާއި ޤުރައިޝާގެ ފިރިމީހާއަށް ލިބުނު ހިތާމައިގެ ކޮޅެއް ނެތެވެ. ނޭނގި ތިއްބާ ހިނދުކޮޅެއްގެ ތެރޭގައި ބީވެގެން ދިޔައީ އެންމެ ފުރާނައެއް ނޫނެވެ. އެ ޢާއިލާގެ ހަތަރު މެންބަރުންނެވެ.
ޢަބްދުއްޝުކޫރުގެ އަންހެނުންވެސް ހިމެނުނީ ޙާދިސާގައި ނިޔާވި މީހުންގެ ތެރޭގައެވެ. އެކުގައި ދަތުރުކުރަމުން ގޮސް ކުއްލި ގޮތަކަށް އަނބިމީހާ ލޯކުރިމަތީގައި ދުނިޔެއާއި ވަކިވާތަން ދުށުމަކީ ކިހާ އަސަރެއް ކުރުވާނެ ކަމެއްކަން އަންދާޒާކޮށްލަންވެސް ދައްޗެވެ. ހަނިމާދޫ ސިއްޙީ މަރުކަޒުގައި ފަރުވާދެމުންދާ ޢަބްދުއްޝުކޫރަށް ޙާދިސާގެ ސަބަބުން ވަނީ ޝޮކެއް ލިބިފައެވެ.
ދޫކޮށް ދިޔަ އަގުހުރި ފުރާނަތަކާއެކު އަސަރުކުރުވީ ހަމައެކަނި ޢާއިލާއަށް ނުވަތަ ރަށުގެ ރައްޔިތުންނަކަށް ނޫނެވެ. މުޅި ޤައުމު ހިތާމައިން ފުރިގެންވާ މި ޙާދިސާއިން ރޮއްވައިފިއެވެ. މިއީ މިފަހުގެ ތާރީޚެއްގައި ކުއްލިގޮތަކަށް ހިނގައިދިޔަ އެންމެ ހިތާމަވެރި ޙާދިސާއެވެ.
"އަމިއްލަ ލޭހިނގާ އާއިލީބައެއް ގެއްލިގެން ދިޔަފަދަ އިޙުސާސެއް ކުރެވެނީ" ފޭސްބުކްގައި މީހަކު އޭނާގެ އިޙުސާސްތައް ކިޔައިދިނެވެ.
"ދުވަހަކުވެސް ބައްދަލުވެފައެއް ނެތެވެ. ވާހަކައެއް ވެސް ނުދައްކަމެވެ. އެކަމަކު ހިތް ހީވަނީ ފަޅައިގެން ހިނގައިދާނެހެންނެވެ. އެ މައުސޫމު ތުއްތު މޫނުން ފެންނަ ވާހަކަ އުޅެ އުޅެ އަހަންނަކަށް ނުކިޔުނެވެ. ހަމަ ރޮވެނީއެވެ" ދިވެހިބަހުގެ އަކަޑަމީގެ ރައީސް ޢަޝްރަފް ޢަލީ ލިޔެފައިވެއެވެ.
ލޯންޗު ބަންޑުން ޖަހާލައިގެން މަރުވި ފަސް މީހުންގެ ސަންދޯއް ވަޅަށް ތިރިކޮށްފައި-- ފޮޓޯ: މުހަންމަދު ޔާމީން
"އެ ޚަބަރުން ހިތް ކުދިކުދިވި ފަދައެވެ. އެންމެ ލޯބިވާ ގާތް ބަޔަކު ވަކިވެދިއުމުން ލިބޭނެ ފުން ހިތާމަ މި ހިތަށް ލިބިއްޖެއެވެ. ޔާﷲ، ވަކިވެދިޔަ ފުރާނަތަކަށް ރަހުމަތް ލައްވާށިއެވެ. އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. މިފަދަ ހިތާމަތަކުން ސަލާމަތްކުރައްވާށިއެވެ. އާމީން" ޙާދިސާއިން ލިބުނު ހިތާމަވެރިކަން ބަޔާންކުރަމުން މީހަކު ލިޔެފައިވެއެވެ.
މިއީ، ހަމައެކަނި ތިލަދުންމައްޗަށް ވެރިވެފައިވާ ހިތާމައެއް ނޫނެވެ. މި ނޮޅިވަރަންފަރުން މި ވަކިވި ފަސް ފުރާނަ، އަބަދުގެ އަބަދަށް މި ފަނާވަނިވި ދުނިޔެއާވަކިވުމާއި އެކު މުޅި ރާއްޖެ ވަނީ ހިތާމައިގެ ތެރެއަށް ގެނބިފަ އެވެ. އެ ހިތާމައިގައި ބައިވެރިވި ނުވާ ދިވެއްސަކު ނެތެވެ. އެ އެންމެން އަހަރުމެންނާ ވަކިވެ އެދިޔައީ އެންމެން ރޮއްވަމުން އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!