އެމްޑީޕީ ސަރުކާރާއިއެކު މަސައްކަތްކޮށް، އެ ޕާޓީގެ މެނިފެސްޓޯ ފުރިހަމައަށް ތަންފީޒު ކުރުމަށް ކޯލިޝަން ވަޒީރުން، އެމްޑީޕީގެ ފިކުރަށް ބަދަލުވާން ޖެހޭކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅު ވެއްޖެ އެވެ.

ރާޢީ މިހެން ވިދާޅުވީ ''އިންތިހާބަށް ނުކުންނާނީ އެމްޑީޕީ ވަކިންކަން ނުވަތަ ނޫންކަން އަވަހަށް ނިންމަން ޖެހޭ: އާޒިމް'' މި ސުރުޚީ ދަށުން ނޫހަކުން ގެނެސްދީފައިވާ ޚަބަރެއް ހިމަނުއްވައި ކުރެއްވި ޓުވީޓެއްގައި އެވެ.

Ad
rt

ރާޢީ ވިދާޅުވީ އެއީ މުހިއްމު ކަމެއް ކަމަށެވެ. އަދި އެމް.ޑީ.ޕީ ގެ ސަރުކާރާއި އެކު މަސައްކަތް ކުރުމަށާއި، ޕާޓީގެ މެނިފެސްޓޯ އިޚްލާސްތެރި ކަމާއި އެކު ތަންފީޒު ކުރަން ބޭނުންވާ ކަމުގައިވާ ނަމަ، ކޯލިޝަންގެ ވަޒީރުން އެމް.ޑީ.ޕީ ގެ ފިކުރަށް ބަދަލު ވާންޖެހޭ ކަމަށް ރާޢީ ވިދާޅު ވިއެވެ.

ރާއީ މިހެން ވިދާޅުވެ ހިއްސާ ކުރެއްވި ޚަބަރަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކްޕާޓީ (އެމްޑީޕީ)ގެ ޚަބަރު ސިޓީގެ ހަތްވަނަ ޢަދަދުގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ''އަަޅުގަނޑުމެންގެ ތެރޭގައި ތިބެ އަޅުގަޑުމެންގެ އެހީގައި އަޅުގަޑުމެން ކަތިލަނީ'' ސުރުޚީގެ ދަށުން ލިޔުއްވާފައިވާ ލިޔުމަކާއި ގުޅިގެން ގެނެސްފައިވާ ޚަބަރެކެވެ.

އާޒިމްގެ އެ ލިޔުއްވުމުގައި ފުޓުބޯޅަ މެޗެއްގެ މިސާލު ޖައްސަވަމުން ވިދާޅުވެފައި ވަނީ އެހެން ޕާޓީތަކާއި އެކުގައި އަންނަ ރިޔާސީ އިންތިޚާބަށް ނުކުމެއްޖެ ނަމަ އެމްޑީޕީއަށް އިންތިހާބު ނާކާމިޔާބުކޮށްލަން މަސައްކަތް ކޮށްފާނެ ކަމަށެވެ. އޭރުން ޖެހޭނީ ބަލިވެ، އަނިޔާތަކާއި އެކު ރޯން ކަމަށެވެ. އަދި ކޯލިޝަންގައި ތިބި ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރަނީ އެ ޕާޓީތައް ވަރުގަދަކޮށް އަންނަ ރިއާސީ އިންތިހާބަށް ތައްޔާރުވާން ކަމަށް އާޒިމް ލިޔުއްވާފައިވެ އެވެ.

ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުގެ އިސް މަގާމުތަކުގައި ތިއްބެވި، އެހެން ޕާޓީތަކުގެ ބޭފުޅުންނަށް ތުހުމަތުކުރައްވަމުން އާޒިމް ވިދާޅުވީ އެ ޕާޓީތަކުގެ ފިކުރުގެ މީހުންނަށް ވަޒީފާތައް ދިނުމާއި މަސައްކަތްތައް ދިނުން ފަދަ ގޮތް ގޮތުން އެ ބޭފުޅުންގެ ޕާޓީތައް ވަރުގަދަކުރައްވަން މަސައްކަތް ކުރައްވާ ކަމަށެވެ. އަދި އަތޮޅުތަކުގައި އެ އޮއިވަރު ވަކިން ގަދަ ކަމަށް ވިދާޅުވެފައިވެ އެވެ.