ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ ޚިދުމަތްތައް މެދުކެނޑުމެއް ނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބޭނުންވާ ޤާނޫނީ ބާރުވެރިކަން ދިނުމަކީ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ މާލެ ސިޓީގައި ކުނި މެނޭޖްކުރުމުގެ ކަންކަން ހަރުދަނާ ކުރުމާއި ގުޅޭގޮތުން ކަމާއިގުޅޭ އިދާރާތަކާއި ބައްދަލުކުރައްވައި، މަޝްވަރާކުރެއް ވުމަށް މިއަދު ބޭއްވެވި ބައްދަލު ކުރެއްވުމުގައި އެވެ.
މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ފައިޞަލް ދެއްކެވި ވާހަކަ ފުޅުގައި ވަނީ ވެމްކޯ އިން މިހާރު ކުނި ނެގުމުގައި ގެންގުޅޭ ގޮތްތަކާއި އުސޫލުތައް އިތުރަށް ހަރުދަނާކުރުމާއި، އެ އިދާރާގެ ޚިދުމަތްތައް މެދުކެނޑުމެއް ނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބޭނުންވާ ޤާނޫނީ ބާރުވެރިކަން ދިނުމުގެ މުހިންމުކަން ފާހަގަކުރަށްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެއިތުރުން މާލެ ސިޓީ ސާފުތާހިރުކޮށް، ބެލެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކަށް ވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައި އެވެ.
މިއަދު ރައީސް އޮފީހުގައި އޮތް ބައްދަލުވުމުގައި ވެމްކޯގެ އެމްޑީ އާދަމް މުޙައްމަދު ބައިވެރިވެ ވަޑައި ގަންނަވަނީ
ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ކަމާއި ގުޅުންހުރި އިދާރާތަކުގެ އިސްވެރިން ދެއްކެވި ވާހަކަފުޅުގައި އެ ބޭފުޅުން ވަނީ ކުނި މެނޭޖްކުރުމުގެ ކަންކަން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތް މިހާރު ކުރިއަށް ގޮސްފައިވާ ގޮތުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާކުރައްވާފައެވެ. އަދި، ކުނި ނެގުމުގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށް ގެންނަމުންދާ ބަދަލުތަކާއި ގުޅޭގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައި ވާކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަނާއި، އެ މިނިސްޓްރީގެ އިސްވެރިންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ނަސީމުގެ އިތުރުން މާލެ ސިޓީ ކައުންސިލާއި ވެމްކޯގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!